މިއަދު ތައާރަފުކުރި ދިވެހި ފައިސާގެ ގޮތުގައި ބޭނުންކުރާ ރުފިޔާގެ ރަސްމީ ނިޝާނަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރުފިޔާގެ ރަސްމީ ނިޝާން ތަޢާރަފުކުރުމާއެކު، ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ވަނީ ގިނަ ޚިޔާލުތަކެއް ބަންޑުންކޮށްލައިފައެވެ. އޭގެ ތެރޭގައި، ނިޝާން ކަމުގޮސްގެން ފާޅުކުރި ޚިޔާލުތަކާއި ކަމުނުދިޔަ ފަރާތްތަކުން ބިނާކުރުވަނިވި ގޮތުގައި ކިޔާފައިވާ ގިނަ އަދަދެއްގެ ފާޑުކިޔުން ވެސް ހިމެނެއެވެ.
ދިވެހި ފައިސާގެ ނިޝާން ތަޢާރަފުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.
ދިވެހި ރުފިޔާގެ ނިޝާންގެ ފަރުމާއަށް ބަލާއިރު، ފެންނަނީ ތާނަ އަކުރު "ރ"ގައި އިތުރު ރޮނގެއް ދަމާލާފައިވާ ތަނެވެ. ރަން ރީންދޫ ކުލައިގެ މި ނިޝާން ބޭނުންކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައް އެމްއެމްއޭއިން ވަނީ އާންމުކޮށްފައެއެވެ. އެގޮތުން ދިވެހި އަދި އިނގިރޭސި ބަހުން މި ނިޝާން ބޭނުންކުރާނެ މިންގަނޑުތައް ކިޔައިދީފައިވެއެވެ. އަދި އަބަދުވެސް ފައިސާގެ ނިޝާން އޮންނަންވާނީ ހިސާބު އަކުރުގެ ވައަތު ފަރާތުގައި ކަމަށް މި މިންގަނޑުގައި ހިމަނާފައިވެއެވެ.
ނިޝާންގެ ފަރުމާ، ކާކުގެ ޚިޔާލެއް؟
މި ނިޝާން ފަރުމާކުރީ މާފަންނު ސްޕޮޓްލައިޓަށް، މާލެ އަށް ނިސްބަތްވާ، ހުސެއިން ސުޖާއުއެވެ. 2022 ވަނަ އަހަރު އެމްއެމްއޭ އިން ދިވެހި ނިޝާން ފަރުމާކުރުމަށް ހުޅުވާލުމުން ޝުޖާއުގެ ފަރުމާގެ އިތުރުން، 70 ހުށަހެޅުމެއް ލިބިފައިވެއެވެ.
ފަރުމާ ހޮވީ ކޮން ގޮތަކަށް؟
ސުޖާއުގެ ފަރުމާކުރި ގޮތަށް، ދިވެހި ފައިސާގެ ރަސްމީ ނިޝާން ފާސްކުރީ، އެކަމަށް ހާއްސަކޮށްފައިވާ ފަންނީ ޖަޖުންގެ ޕެނަލަކުންނެވެ. ނިޝާން ހޮވުމުގައި އާންމުންގެ ޚިޔާލު ހޯދާފައެއް ނުވެއެވެ.
އާންމުންގެ ފާޑުކިޔުން އަމާޒުވީ ކީއްވެ؟
ކޮންމެ ކަމަކަށް ވެސް އާންމުންގެ ތެރެއިން ބައެއްގެ ފާޑުކިޔުން އަމާޒު ނުވެ ނުދާނެއެވެ. އެހެން ނަމަވެސް މި ފަހަރު ރުފިޔާގެ ރަސްމީ ނިޝާން އާންމުކުރުމާއެކު ސޯޝަލްމީޑިއާގައި އާދަޔާ ޚިލާފަށް ގިނަ ބަޔަކު ކެކިގަތީއެވެ. މި ނިޝާން ކަމުނުގޮސްގެން ފާޑުކީ މީހުންގެ ތެރޭގައި ފުންނާބު އުސް ގްރެފިކްސް ޑިޒައިނަރުންނާއި ކެލިގްރަފަރުން ވެސް ހިމެނެއެވެ.
ބައެއް މީހުން ފާހަގަކުރި ގޮތުގައި، ދިވެހި ފޮންޓުތަކާއި ގުޅޭއިރު މި ނިޝާންގެ މާ ދިގީއެވެ. އެކަން ފާހަގަކުރި ގްރެފިކްސް އެންޑް މަލްޓިމީޑިއާ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ އަދި ދިވެހި ފޮންޓް ހެދުމުގައި ގިނަ މަސައްކަތްތަކެެއް ކުރައްވާފައިވާ ހުސައިން ނިޔާޒުއެވެ. ނިޔާޒު ވިދާޅުވި ގޮތުގައި ހިސާބު އަކުރުތަކާއި ގުޅުވަން ނިޝާން ތެދުކޮށްލައިފި ނަމަ މިހާރަށް ވުރެ ނަލަވާނެ ކަމަށް ފެނެއެވެ.
އޭނާ ވަނީ މަގުބޫލް 4 ތާނަ ފޮންޓަކާއިއެކު ނިޝާން އޮންނާނެ ގޮތުގެ ސާމްޕަލްއެއް ހިއްސާކުރައްވާފައެވެ.
އަނެއް ބަޔަކު ފާހަގަކުރީ ދިވެހި ރުފިޔާގެ ނިޝާން އެހެން ފައިސާތާކުގެ ނިޝާނާއެކު އޮންނައިރު "ބެލެންސް" ނުވުމެވެ. އެ މީހުން ވަނީ އެކިއެކި ގައުމުތަކުގައި ބޭނުންކުރާ ފައިސާގެ ނިޝާންތަކާއެކު ދިވެހި ނިޝާން ލިޔެފި ނަމަ އޮންނާނެ ގޮތް ވެސް ދައްކާލާފައެވެ.
އަލަށް ތައާރަަފު ކުރި ނިޝާނާ އެކު ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ މި ނިޝާނެވެ. އަދި ދެން ޗާޕުކުރާ ފައިސާގައިވެސް މި ނިޝާން ބޭނުން ކުރާނެކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
ގިނަ އަކުރުތަކެއް ބޭނުންކުރުމުގެ ބަދަލުގައި އެންމެ ނިޝާނަކުން ޤައުމާއި ފައިސާ ދެނެގަތުމަށް ޚާއްޞަ ނިޝާންތައް ބައެއް ޤައުމުތަކުގައި ބޭނުން ކުރެއެވެ. މިގޮތުން އެންމެ ގިނަ ދުވަސްވީ ފައިސާގެ ނިޝާންތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕައުންޑްގެ ނިޝާނާއި އެމެރިކާގެ ޑޮލަރުގެ ނިޝާން ހިމެނެއެވެ.
ގިނަ އަދަދެއްގެ ދިވެހި ފޮންޓް އުފައްދާފައިވާ ޑރ. ހަސަން ހަމީދު އޭނާގެ ބްލޮގުގައި ލިޔުއްވާފައި ވެއެވެ. ލެޓިން އަކުރު ބޭނުންކުރާ ޤައުމުތަކުގައި ބޭނުންކުރާ ގިނަ ނިޝާންތައް ފަރުމާކޮށްފައި ހުންނަނީ، ލެޓިން އަކުރުން ފައިސާގެ ނަން ފެށޭ އަކުރަށް ބަދަލެއް ގެނެސްގެންނެވެ. މިގޮތުން ގެންނަ އެންމެ ޢާއްމު ބަދަލަކީ އަކުރުގެ ހުރަހަށް ނުވަތަ މަތިން ތިރިއަށް ދެ ރޮނގުބުރި ދެމުމެވެ. ބައެއް ފަހަރު އަކުރު ސާދާ ކުރުމުގެ ގޮތުން އެންމެ ރޮނގުބުރިއެއް ވެސް ދަމައެވެ.
މިސާލަކަށް ޑޮލަރުގެ ނިޝާން $ ބައެއް ފަހަރު މިގޮތަށް ލިޔުމާއި އަނެއްބައި ފަހަރު$ މިގޮތަށް ލިޔުމެވެ. ހުރަހަށް ރޮނގުބުރި ހުންނަ ނިޝާން ތަކުގެ ތެރޭގައި ޔޫރޯގެ ނިޝާން € އާއި ޖަޕަނީޒް ޔެން ¥ ހިމެނެއެވެ. އަމިއްލަ އަކުރެއް ބޭނުންކުރާ ބައެއް ޤައުމުތަކުގައި ފައިސާއަށް އެ އަކުރުން ނިޝާން ހަދާފައި ހުރެއެވެ. މިސާލީ ރިއާލް ﷼ އާއި އިޒްރޭލްގައި ބޭނުންކުރާ ޝެކެލް ₪ އެވެ. ޢަރަބިން ލަފުޒެއްގެ ގޮތުގައި ރިޔާލް ލިޔެފައިވާކަމަށް ފެނުނަސް އެއީ ނިޝާނެކެވެ. ރަމްޒެކެވެ. އިންޑިޔާގެ ރުޕީސް ގެ ނިޝާން ₹ ހަދައިފައިވަނީ (ހިންދީ ބަސް ލިޔާ) ދެވަނަގަރި އަކުރުގެ ރަ र މި އަކުރުގައި ހުރަސް ރޮނގުބުރިއެއް ދަމައިގެންނެވެ. ރުޕީސް އަށް ކުރީގެ ލިޔުންތަކުގައި ތިރީގައިވާ ނިޝާން ބޭނުންކޮށްފައިވާތީ ފެނިފައި ވެއެވެ.
ނަމަވެސް އަލަށް ތަޢާރަފުކުރި ނިޝާން ފަރުމާކޮށްފައި ވަނީ ރުފިޔާގެ ނަން ލެޓިނުން ލިޔާއިރު އޮންނަ އިނިޝިއަލް ބޭނުންކޮށްގެނެއް ނޫނެވެ.
މަޝްހޫރު ޑިޒައިނަރު އަބޯ ޝަފީޢު އަދި ވަކި ފާޑެއް ނުކިޔައެވެ. އެކަމަކު އޭނާ ވަނީ މި ނިޝާން އެހެން މީހުންނަށް ކަމުދޭތޯ ނުދޭތޯ ބެލުމަށް ސޯޝަލްމީޑިއާގައި ޕޯލްއެއް ހުޅުވާލާފައެވެ. އެ ޕޯލަށް ބަލާލުމުން އަދި ފެންނަނީ ގިނަ ބަޔަކަށް ޑިޒައިން ކަމުނުގޮސްގެން ވޯޓްދީފައިވާ ތަނެވެ. އެކަމަކު މި ޕޯލް ބަންދުކުރަން އަދި 5 ވަރަކަށް ދުވަސް އެބަ އޮތެވެ.
ފަންނުވެރިޔާ މިލްޒީރޯ ނިޝާނަށް ވެސް، މި ނިޝާނެއް ކަމަކު ނުދިޔައެވެ. ދެ ކެރެކްޓަަރގެ ޖާގަ ގެއްލޭ ކަމަށް ބުނެ އޭނާ ޓްވިޓަރުގައި މިއަށް ފާޑުކިޔެވެ. އަދި މި ނިޝާން ބޭނުންކުރުމުގެ ކުރިން ފާޑުކިޔުންތަކަށް ރިއާޔަތް ކުރުމަށް އޭނާ ވަނީ އެދިފައެވެ.
ކޮންމެއަކަަސް އެމްއެމްއޭ އިން ތަޢާރަފުކުރި ރަންދިހަފަހެއްގެ ފައިސާ ނޫޓާއި ކޮއިންގައިވާ ފަރުމާއަށް ނުކިޔާހާ ގިނަ ފާޑުކިޔުން މިއަށް ކިޔަައިފިއެވެ. އެމްއެމްއޭ އިން ފާޑުކިޔުންތަކަށް ރިއާޔަތްކުރުން ރަނގަޅެވެ.
ކޮބާތަ އެއަކުރު؟ މީހުނައް މުސާރަނުދެވިގެން މިއުޅެނީ ޗެކްގަ ތިއެއްޗެއް ނުޖެހިގެން.