އައްޑޫ ސިޓީގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކާއި ގަދަކަމުން ބަދުއަޙްލާގީ އަމަލު ހިންގި ދެމީހުން 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ޖިންސީ ގޯނާގެ މި މައްސަލަ ހިނގާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އަދި މި މައްސަލައާ ގުޅިގެން ދެމީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، މި ދެމީހުންގެ ވަނަވަރުވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީއާއި، ސ. ހިތަދޫ، ޒަހާމަންޒިލް، ޢަލީ ޝިމާޢު ޒުބައިރުގެ މައްޗަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، 31 ޖުލައި 2020 ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލާގައި ޝާމިލުވާ ދެމީހުންގެ މައްޗަށް ހުކުމް އިއްވާފައިވާ ކަމަށެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ކުށުގެ ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ ދަށުން، މި ދެމީހުން 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވިއިރު ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 30 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކު، ނުކުޅެދުންތެރިކަން ހުންނަ 48 އަހަރުގެ އަންހެނަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާކަމަށެވެ. މިކަމާ ގުޅިގެން އެ އަންހެން މީހާއަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނުކަމުގެ މައުލޫމާތު ލިބެއެވެ.

ދެފިރިހެނުން ވެގެން ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ ރޭޕް ކުރި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ މިބާވަތުގެ އެހެން މައްސަލަތަކެކޭ އެއްފަދައިން ސިއްރުން ކަމަށްވާތީ މިމައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެއެވެ.