މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް، ނުރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަންނަވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދައުވަތަކަށެވެ. އެހެންނަމަވެސް މިއީ ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކުރި 453 މީހުންގެ ކޯޓާގެ ތެރޭގައި ހިމެނޭ ޖާގައެއް ނޫންކަމުގެ މައުލޫމާތު ވީނިއުސް އަށްވަނީ ލިބިފައެވެ.
މިއަހަރު ރާއްޖޭން 453 މީހުން ހައްޖަށް ދާއިރު، ހައްޖަށް ދާ ފުރަތަމަ ގުރޫޕް ފުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެރެއެވެ. އެރޭ 157 ހައްޖާޖީން ފުރާފައިވާއިރު، ދެވަނަ ގުރޫޕު ފުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރެއެވެ. ދެވަނަ ބެޗުގައި 175 ޙައްޖާޖީން ވަނީ ފުރާފައިއެވެ. އަދި ތިންވަނަ ބެޗުގައި ހިމެނޭ ހައްޖާޖީން ވަނީ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި ފުރާފައެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލާއިރު އެ މިޝަންއިން ސައޫދީ އަރަބިއްޔާގައި ގާއިމްވެ، ރާއްޖެއިން އެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ ދާ ހާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދޭނެއެވެ.
މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު އަލީއެވެ. މިނިސްޓަރ ޒާހިރު ވަނީ އިއްޔެގެ ވަގުތެއްގައި ސައުދީއަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.