ޕްލޭނިން މިނިސްޓްރީ އިން މާލޭގެ އަމީނީ މަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭކަމުގެ ތުހުމަތު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.

ޑރ. މުއިއްޒު މި ތުހުމަތު ކުރެއްވީ، މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އަމީނީ މަގު ތަރައްގީ ކުރުމަށް އާރްޑީސީއާ އެކުގައި މީގެ ކުރިން ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރީ، އާރްޑީސީ އިން އެދުނު ގޮތަށް 39 މިލިއަން ރުފިޔާއަށް ކަމަށެވެ. އެހެން ނަމަވެސް އާދީއްތަ ދުވަހު ޕްލޭނިން މިނިސްޓްރީ އިން ވަނީ މާލޭ މަގު ހެދުމުގެ މަސައްކަތް 84 މިލިއަން ރުފިޔާއަށް ހަމަ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

އެ އަދަދަކީ ކައުންސިލުން އާރްޑީސީއަށް އެ މަސައްކަތް ދިނުމަށް އެއްބަސްވި އަދަދަށްވުރެ ދެގުނަ ބޮޑު އަދަދެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރރ. މުއިއްޒު ވިދާޅުވީ ޕްލޭނިން މިނިސްޓްރީ އިން 84 މިލިއަނަށް އަމީނީ މަގު ހެދުމަށް އާރްޑީސީއަށް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުގެ އަތުން އަތުލީ ކެބިނެޓުން އެގޮތަށް ނިންމުމުން ކަމަށް ޕްލޭނިން މިނިސްޓްރީ އިން ކައުންސިލަށް އަންގާފައިވާ ކަމަށާއި އެއީ، ސަރުކާރުން ހިންގި ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

"ފެންބޮޑުވުމާއި އަޑިގުނޑަންތަކާ ހެދި މާލޭގެ ރައްޔިތުންނަށް އުނދަގުލަކަށް ވެފައިވާ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ކައުންސިލުން ފެށީ ސަރުކާރާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން. މަގު ހެދުމުގެ މަޝްރޫއަކީ ކެބިނެޓުން ފާސްކޮށް އެ އޮންނަ އުސޫލުން މަޖިލީހުން ބަޖެޓް ފާސްކޮށް ޕީއެސްއައިޕީ ތެރޭގައި ހިމަނައި މާލޭ ސިޓީ ކައުންސިލުގެ މަޝްރޫއުއެއްގެ ގޮތުގައި ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫއުއެެއް."
ޑރ މުޙައްމަދު މުއިއްޒު / މޭޔަރު

ޕްލޭނިން މިނިސްޓްރީ އިން އާރްޑީސީއާ މި ޕްރޮޖެކްޓް ހަވާލުކުރީ، އަމީނީ މަގުގައި ތާރުއަޅަން މާލޭ ސިޓީ ކައުންސިލުން އާރްޑީސީއާ ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެކު ސޮއިކުރީ ތާރު އަޅައިގެން އެ މަގު ހެދުމަށެވެ. އެއީ މާލޭގައި އެންމެ ފެންބޮޑުވާ އެއް މަގެވެ.

"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި، އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށާއި އެހެން ބައެއް މަގުތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން މިދިޔަ އަހަރު ނޮވެމްބަރު މަހު ވަނީ އާރުޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެކަމަކު، ޕްލޭނިން މިނިސްޓްރީން ބުނީ ހަވާލުކުރި މަޝްރޫއުއަކީ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.