ޓެކްސް ބޮޑުނުކޮށް، ސިޔާސީ ވަޒީފާތައް މަދުކުރުން މާ މުހިންމުކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަޒް ދާއިރާގައި ވިއްކާ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ސަރުކާރުން ކަމާ ބެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރަން ވަނީ ފަށާފައެވެ.

މިކަމާއި ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ވަޒީފާތައް މަދުކޮށް، ކޮންކްރީޓްއަށް ކުރާ ހޭދެ މިވަގުތައް މަޑުޖައްސާލުން މާ މުހިންމުކަމަށެވެ. އާޒިމް ވިދާޅުވީ، ސަރުކާރުގެ ވިސްނުން އަދިވެސް ހުރީ ރައްޔިތުން އަތުން އަތުލުމަށްކަމަށެވެ. އެކަންކުރަން މިވަގުތު ފުރުސަތު ދެވެން ނެތްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖީއެސްޓީ އާ ޓީ-ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާ ފަށައިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު، ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެންނަ ބަދަލުތަކާމެދު މަޝްވަރާކުރުމުގެ މަރުހަލާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ މިކަމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ކަމާ ގުޅުން ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހުކަމަށެވެ.

މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުންދަނީ 6 އިންސައްތައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަނީ 12 އިންސައްތައެވެ.