ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ފުޅާކޮށް، މަސައްކަތްތެރިންގެ އިޖްތިމާއީ ރައްކާތެރިކަމުގެ ކަވަރޭޖް އިތުރުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 34 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.

ދިވެހި މަސައްކަތްތެރިންނަށް ދޭ ޕެންޝަނާއި އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު ނުވަތަ 524 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދެ އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެއެވެ.

މި ހިލޭ އެހީގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ފިނޭންސް މިނިސްޓަރު އަމީރު ވަނީ، މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި ތައުލީމާއި މާލީ ނިޒާމު މެނޭޖުކުރުން ފަދަ ގިނަ ދާއިރާތަކަކުން ރާއްޖެ އާއި ވޯލްޑް ބޭންކާ ދެމެދު ވަރަށް ވަރުގަދަ ޕާޓްނަޝިޕެއް 40 އަހަރަށް ވުރެ ގިނަ އަހަރު ގާއިމްކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލަކަށް އަޅުގަނޑުމެން ބަލާލާއިރު، ހިލޭ އެހީގެ މި ދެ އެއްބަސްވުމުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް އަޅުގަނޑުމެންނަށް މާލީ ގޮތުން ޖާގަ ލިބި، އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްގީ ހަލުވިކުރުމަށް އާ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ."
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

'ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް)' މަޝްރޫއަށް ދޭ 24 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޒަރީއާ އިން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް ފަންޑެއް ގާއިމްކުރުމަށް އެހީތެރިވެދޭނެއެވެ.

މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިވަގުތު ފޯރުކޮށްދޭ އިޖުތިމާ ރައްކާތެރިކަމުގެ ހަމައެކަނި ވަސީލަތަކަކީ ޕެންޝަން ކަމަށް ވާއިރު، އޭގެ ސަބަބުން މަސައްކަތްތެރިން ލޮޅުންތަކަށް ހުށަހެޅޭ މިންވަރު ބޮޑުކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. ސެއިލްސް މަޝްރޫއު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލްވުމަށް ދެވޭ ހާއްސަ ތަމްރީނުތަކާއި ކޯޗިން މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެކަމަށްވެސް އެބޭންކުން ބުނެއެވެ.

މީގެއިތުރުން 'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް'އަށް ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކޮށް، އޮންލައިންކޮށް ދެވޭ ހިދުމަތްތަކާއި މުޢާމަލާތްތައް ފަސޭހަކުރުމަށްޓަކާ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެއެވެ. ހަމަ އެއާ އެކު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާއި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދެވޭނެކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، މި ހިލޭ އެހީގެ ދެ އެއްބަސްވުން މެދުވެރިކޮށް ވޯލްޑް ބޭންކުން ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ދިނުމަކީ ވޯލްޑް ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. މި ހިލޭ އެހީގެ ސަބަބުން، މުސްތަގުބަލުގައި މަސައްކަތްތެރިންނަށް ކުރިމަތިވެދާނެ އިގްތިސޯދީ ހީނަރުކަމުން ސަލާމަތްކޮށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ ފަރާތްތައް އަލުން ވަޒީފާގެ ބާޒާރަށް ނުކުތުމަށް އެހީތެރިވެދޭނެކަމަށެވެ.

ހަމަ އެއާ އެކު، ދިވެހިރާއްޖެ އާއި ދިވެހިން އޭގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ވެސް މަގުފަހިވެގެންދާނެކަމަށް ފާރިސް ވިދާޅުވިއެވެ.

'ސެއިލްސް' މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ. 'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް' ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ.