ދިވެހިރާއްޖޭގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެކަމަށް އެބޭންކުން ބުނެފިއެވެ.

މި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެކެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.

ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބޭންކުން ވަނީ ނިންމާފައެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59އެވެ. [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އެޕްލިކޭޝަން ފޯމާއި ފެހި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެކަމަށް އެބޭންކުން ވަނީ ބުނެފައެވެ. މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެއެވެ.