ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބާއްވާ "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ ތިންވަނަ އިވެންޓް ސެޕްޓެމްބަރ މަހުގެ 10 ވަނަދުވަހު ރ. އަނގޮޅިތީމުގައި ބާއްވަން ނިންމައިފިއެވެ.

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ރ ޓޫރިޒަމް އެކްޕޯ ފަށާފައިވާއިރު، މި ހަރަކާތުގެ ތެރެއިން މިހާތަނަށް ވަނީ ދެ އިވެންޓެއް ބާއްވާފައެވެ. އެއީ ރ މީދޫގައި ކުރިއަށްދިޔަ ކަލިނަރީ އާރޓްސް އެގްޒިބިޝަނެއްގެ އިތުރުން އެއަތޮޅު ހުޅުދުއްފާރުގައި ބޭއްވި މޫދު ކުޅިވަރުގެ ހަރަކާތްތަކެކެވެ.

މީގެއިތުރުން އެކްސްޕޯގެ ތިން ވަނަ ހަރަކާތަށް ތައްޔާރުވަމުން އަންނައިރު، މިއީ އަތޮޅުގެ އަތްތެރިކަމުގެ މަސައްކަތްތަށް ހާއްސަކޮށްގެން ބާއްވާ މައުރަޒެކެވެ. މިމައުރަޒުގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންގެ އަތްތެރިކަމުގެ ހުނަރުވެރިކަން ދައްކައިލައިގެން، ވިޔަފާރިކުރުމުގެ ގިނަ ފުރުސަތުތަކެއް ހޯދައިދިނުމެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މުޅި އަތޮޅަށް ވަނީ ހުޅުވާލާފައެވެ.

ރ. ޓޫރިޒަމް އެކްސްޕޯއާ ގުޅޭގޮތުން ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާސިފް ވިދާޅުވީ، އަނގޮޅިތީމްގައި ޖޮބް ސެންޓަރެއް ގާއިމްކޮށްފައިވާތީ މިސެންޓަރުގެ މުހިންމުކަން މި އެކްސްޕޯގެ ޒަރިއްޔާއިން ރައްޔިތުންނަށް އެނގިގެންދާނެކަމަށެވެ.

ރ އަތޮޅުގެ ރަށްތަކުގައި ތިބި ތަފާތު ހުނަރުވެރިކަމަށް ފާހަގަކުރެވޭ ނަން މަޝްހޫރު ފަރާތްތަކުގެ މަސަތްކަތް މިމައުރަޒުގައި ދައްކާލަދިނުމަށްޓަކައި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލުންވަނީ މިފަރާތްތަކުގެ ބައިވެރިވުމަށް އެދި ދައުވަތުދީފައިކަމަށް ކައުންސިލްގެ ރައީސް މައުލޫމާތުއްދެއްވިއެވެ.

މި މައުރަޒުގައި އެފަރާތްތަކުގެ އައިޓަމް ބެހެއްޓުމުގެ އިތުރުންވެސް އެހެން ފުރުސަތުތަކެއް ލިބޭނެކަމަށް ނާސިފް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިންނަށް މައުރަޒުގައި ހުށައަޅާ ތަކެތި ވިއްކުމުގެ ފުރުސަތާއި، ރިސޯޓުތަކާއި ގުޅިގެން ރިސޯޓުތަކުގެ ސޫވެނިއަރ ފިހާރަތަކުގައިވެސް މައުރަޒުގައި ހުށައެޅޭ ތަކެތި ވިއްކާލުމުގެ ފުރުސަތު މަގުފަހިކޮއްދިނުމަކީވެސް މިމައުރަޒުގެ މަގްސަދެއްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ރ. ޓޫރިޒަމް އެކްސްޕޯ 2022 ގެ ފަހު އިވެންޓް ބޭއްވުމަށް ނިންމާފައިވަނީ ދުވާފަރުގައެވެ. އެގޮތުން ބާއްވާ ގާލާ ނައިޓްގައި ގިނަ އެވޯޑްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށް ދެއްވާފައި ފަރާތްތަކާއި އިޖުތިމާއީ ކަންކަމުގައި އަތޮޅަށް އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކާއި ރ.ޓޫރިޒަމް އެކްސްޕޯ ބާއްވަން އެހީތެރިވެދިން ފަރާތްތަކާއި ވަނަތައް ހާސިލް ކުރެއްވި ފަރާތްތަކަށް އެވޯޑްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ރ. ޓޫރިޒަމް އެކްސްޕޯ 2022" އަކީ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައި ޓޫރިޒަމްގެ މިނިސްޓްރީގެ އެހީތެރިކަމާއިއެކު ރ އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ.

ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައި "ރ.ޓޫރިޒަމް އެކްސްޕޯ 2022" ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވަނީ އަތޮޅު ކައުންސިލުގެ މެމްބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އެކަމަށްޓަކައި ޚާއްޞަ ކޮމިޓީއެއް ވެސް އެކުލަވާލައިގެންނެވެ.