މިމަހު 13 ވަނަ ދުވަހު ފަށާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ދިވެހި ފުޓުބޯޅައިގެ އެންމެ ރަން ތާރީޚެއް އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބު އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.

ސަސްޕެންޝަނުގައި ގާތްގަނޑަކަށް 3 އަހަރެއްހާ ދުވަސް އޮތުމަށްފަހު މި ދެޓީމަށްވެސް އެނބުރި ފުޓުބޯޅައިގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ފާއިތުވީ ހަފްތާގެ ތެރޭގައި ދެޓީމުގެވެސް ސަސްޕެންޝަން އުވާލުމާ ގުޅިގެންނެވެ. ދެޓީމުވެސް ސަސްޕެންޑުކުރީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދިނުމުގެ ސަބަބުން 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެއަހަރުގެ ޖެނުއަރީ މަހު ނިއު ސަސްޕެންޑް ކުރިއިރު ވިކްޓަރީ ސަސްޕެންޑުކުރީ ޑިސެމްބަރު މަހުއެވެ.

މިދިޔަ މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އާއި ހަމައަށް މިދެޓީމުގެ ސަސްޕެންޝަންވެސް ވަނީ އެހެން ކުލަބުތަކުން ދަމަހައްޓާފައެވެ. އެހެންނަމަވެސް އެންމެފަހުން ބޭއްވި ކޮންގްރެސްގައި ކްލަބް ތަކުންވަނީ ވިކްޓަރީގެ ސަސްޕެންޝަން އުވާލަން ނިންމާފައެވެ. އަދި ނިއު އިންވެސް ކުޅުންތެރިންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމުން އެޓީމުގެ ސަސްޕެންޝަން އުވާލުމުގެ ބާރު، އެފްއޭއެމްގެ އެކްސްކޯއަށް ވަނީ ދީފައެވެ. ވިކްޓަރީގެ ސަސްޕެންޝަން އުވާލީ ޖޫން 6 ވަނަ ދުވަހުއެވެ. ނިއުގެ ސަސްޕެންޝަން އެފްއޭއެމްގެ އެކްސްކޯ އިން އުވާލި ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

މިއާއެކު ދެޓީމަށްވެސް އެނބުރި ފުޓުބޯޅައިގެ ތެރެއަށް އައުމަށް ލިބުނު ފުރުސަތުގައި ދެވަނަ ޑިވިޝަނުގައި ވާދަކުރަން ނިންމިއިރު ދެޓީމު ލައްވާލީ މުބާރާތުގެ ގްރޫޕް 2 ގައެވެ. މި ގުރޫޕުގައި ވިކްޓަރީ އާއި ނިއުގެ އިތުރުން ދެން ހިމެނެނީ، ބީޖީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް، ކްލަބް އޯވަންއޯ، އެލްޓީ ސްޕޯޓްސް، ކްލަބް ޓީނޭޖް އަދި ލޮރެންޒޯ ސްޕޯޓްސް ކްލަބެވެ.

ޖުމްލަ 16 ޓީމު މިފަހަރުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާއިރު، ދެން އޮތް ގްރޫޕުގައި ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް، ކްލަބް ޕީކޭ، ދިވެހި ސިފައިންގެ ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ބިސް ބުރު ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް، ބުރު ސްޕޯޓްސް އަދި ކެޕިޓަލް ސިޓީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 13 ވަނަ ދުވަހު ދެވަނަ ޑިވިޝަނުގެ ކުޅުން ފަށާއިރު، މިމަހުގެ 24 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރާ މެޗު އޮންނާނެއެވެ. ދެވަނަ ޑިވިޝަނުގެ މެޗުތައް ގަލޮޅު ދަނޑުގެ އިތުރުން ޓާފް ދަނޑާއި ވިލިނގިލީ ދަނޑުގައިވެސް ކުޅޭނެއެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. ސެމީ ފައިނަލަށް ފަހު ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ހޮވޭނެ އެވެ. ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި ކުޅޭނީ މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕް އެވެ. އެ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެއެވެ.

ސަސްޕެންޝަނުން އަރައިގަނެ މި ދެޓީމުން ދެވަނަ ޑިވިޝަނަށް ތައްޔާރުވަމުން އަންނައިރު އެންމެފަހުން ނިއު އިން ރަސްމީ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުއެވެ. ވިކްޓަރީ އެންމެފަހުން ރަސްމީ މެޗެއް ކުޅެފައިވަނީ 2019 ވަނަ އަހަރުއެވެ.