މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކުރާ ޓްކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކާއި މުއައްސަސާތަކާއި މާލީ އިދާރާތަކަށް ހުށަހަޅަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް މީރާއިން ބުނެފިއެވެ.

ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި، ޓެކުހާގުޅޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައި މީރާއިން ދޫކުރާ ލިޔުމެކެވެ.

ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސްއެއް ދިނުމާއި، އައުކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި، މި ނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ނެތްކަން މީރާއިން ލިޔުމުން ކަށަވަރުކުރުމަށް ސަރުކާރުގެ ގިނަ އިދާރާތަކަށް މިރިޕޯޓް ހުށަހަޅަން ޖެހެއެވެ،

ޓެކްސް ކްލިއަރަންސް ރިޕޯޓަކީ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ރިޕޯޓުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ރިޕޯޓެއްކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މިދުވަސްވަރަކީ މި ރިޕޯޓު ފޯޖްކޮށްގެން ހުށަހަޅަމުންދާ ދަނޑިވަޅެއްކަމުގައި ވާތީ، ޓެކްސް ކްލިއަރަންސް ރިޕޯޓު ބޭނުންކުރާ ފަރާތްތަކުން ރިޕޯޓު ބަލައިގަތުމުގެ ކުރިން، މީރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓުގެ ސައްހަކަން ޔަގީންކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.

އަދި މިފަދަ ރިޕޯޓުތަކާއި ލިޔުންތައް ފޯޖުކޮށް އިދާރާތަކަށް ހުށަހަޅަމުންދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ފަރާތްތަކުން އެ މައުލޫމާތު މީރާއާ ހިއްސާކުރުމަށްވެސް އެއޮތޯރިޓީން ވަނީ އެދިފައެވެ.