އުސޫލުން ބޭރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުތައް މުގުރާލާފައި ކުރާ ކަންކަމަށް ކައުންސިލުން ހިތްވަރެއް ނުދޭނެ ކަމަށް މާލެ ސިޓީގެ ޑިޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީސް މިހެން ވިދާޅުވީ އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރުމާ ގުޅިގެންނެވެ.

މިޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިޕްރޮޖެކްޓްގެ އަގު 84 މިލިއަން ރުފިޔާއަށް އަރައެވެ.

ނަރީސް ވިދާޅުވީ ދަޢުލަތު ކޮންމެ އިދާރާއަކުން ވިޔަސް މާލެ ސިޓީގެ ތަރައްގީއަށްޓަކައި ކުރާ ހުރިހާ މަސައްކަތްތަކެއްގައިވެސް ސިޓީ ކައުންސިލުން ތިބީ ފުރިހަމަ އަށް އެއްބާރުލުން ދޭން ކަމަށެވެ. އެހެން ނަމަވެސް އުސޫލުން ބޭރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ގާނޫނުތައް މުގުރާލާފައި ކުރާ ކަންކަމަށް ކައުންސިލުން ހިތްވަރެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މާލޭގައި ހުރި ހުރިހާ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ޕްލޭނިން މިނިސްޓްރީއަށް ނަގަން ކަމަށްވެސް ނަރީސް ވިދާޅުވިއެވެ.

ދަޢުލަތުގެ އިދާރާއަކުން މަޝްރޫޢުތައް ހިންގަން ބޭނުންނަމަ ކަންތައް ކުރަންވީގޮތް ލާމަރުކަޒީ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބައޮތް. މިމަހުގެ 17 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ފައްޓަން އުޅޭ މިނީ ބަހުގެ ކަންކަމާއި ގުޅޭ ގޮތުން ވަރަށް ގިނަ މަޝްވަރާ ބައްދަލުވުންތަކުގައި ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވޭ. ޕަބްލިކް ޓްރާންސްޕޯޓަކީ ސިޓީ ކައުންސިލުންވެސް ވަރަށް ތާއީދު ކުރާ ކަމެއް."
މާލެ ސިޓީގެ ޑިޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

އެއީ ސިޓީ ކައުންސިލްގެ މެންޑޭޓް ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށްވާއިރު، ދަޢުލަތުގެ އެހެން ކުންފުންޏަކުން ކުރި ކަމުގައި ވިޔަސް އެކަމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ކައުންސިލުން އަންނަނީ ދެމުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި، މަޖީދީ މަގާއި،އަމީނީ މަގާއި،ފަރީދީ މަގާއި،އޯކިޑްމަގު އެކީ އެކަށްޗަށް ޕާކު ކުރުން އެއްކޮށް ނަގަން އެދިފައިކަން ނަރީޝް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ރައްޔިތުން ޕާކު ކުރާނެ ތަނެއް ނުދައްކައި އެ ޕާކިން ނެގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ކައުންސިލުން ދަންނަވާފައިވާނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. އަދި އެމަގު ތަކަކީ މިހާރުވެސް އިތުރު ޕާކިންއެއް ދެވޭނެހެން އޮތް މަގުތަކެއް ނޫންކަން ނަރީޝް ވަނީ ފާހަގަ ކުރައްވާފައެވެ.

ނަރީޝް ވިދާޅުވީ މާލޭގެ ހުރި ހުރިހާ މަގުތަކުގެ ހުރިހާ ޕާކިން ތަކެއް ޕްލޭނިންގެ މިނިސްޓްރީއަށް ނަގަން އުޅޭ ކަމުގެ މަޢުލޫމާތު ލިބެމުން އަންނަ ކަމަށާއި މިއީ ލާމަރުކަޒީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށާއި ބަންޑާރަ މަގުތަކަކީ ސިޓީ ކައުންސިލްގެ ތަނެއް ކަން ޤާނޫނުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.