"ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023" އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އާއި ކޮމަންސީސްގެ ސީއީއޯ ޖޯ ރޮއިލްއާ ދެބޭފުޅުން ވަނީ ސޮއިކުރައްވާފައެވެ.

އެއްފަހަރު ބޭނުންކޮށް އެއްލާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭއިން މަދުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ސިޔާސަތާ ގުޅުވައިގެން މިނިސްޓަރ ސޮއިކުރެއްވި މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ 'ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023' ތަންފީޒް ކުރުމުގެ މަސައްކަތް ދެފަރާތް ގުޅިގެން ކުރިއަށް ގެންދެވޭނެއެވެ.

ކޮމަން ސީސް އަކީ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުން އަންނަ ޖަމާއަތެކެވެ. ޕްލާސްޓިކް ޕޮލިއުޝަންގެ ހައްލު ދެނެގަނެ ސަރުކާރުތަކައި ކައުންސިލްތަކާއި ވިޔަފާރިތަކާއި އަމިއްލަ އުފެއްދުންތެރިންނާއި ގުޅިގުން ކޮމަން ސީސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

'ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭނަކީ، ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ޕްލޭނެކެވެ.

މި ޕްލޭންގައި ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި 6 ސިޔާސަތެއް އެކުލަވާލާ މި ސިޔާސަތުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒު ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށް، މިތަކެތި ރާއްޖެއަށް އެތެރެކުރުންވެސް ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކުރުމަށް ހަމަޖެހިފައެވެ.

މި އެމް.އޯ.ޔޫގައި ސޮއިކުރެވުނީ 27 ޖޫން 2022 އިން 1 ޖުލައި 2022 އަށް ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ބޭއްވުނު 'ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 2022' ގައެވެ.