ދިވެހި ހައްޖުވެރިން މާދަމާ ހެނދުނު މިނާއަށް ދާން ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ 1443ވަނަ އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ މައްކާ ގަޑިން ހެނދުނު 6 ޖަހާއިރު މިނާއަށް ދާން ފުރާނެ ކަމަށާއި އެއީ ރާއްޖެގަޑިން ހެނދުނު 8 ޖަހާއިރު ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ.

ހައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ. ހައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ.

ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މިއަހަރުގެ ޙައްޖުދުވަހަކީ ޖުލައި 08 ވާ ހުކުރު ދުވަހެވެ.