ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ނިސްބަތްކުރެވޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ އެތައް ބައެއްގެ ލޯތްބާއި ތަރުހީބު ލިބިފައިވާ، ރާއްޖޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ކުލަބެވެ.
2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ރޭޑިއަންޓް ސަސްޕެންޑުކޮށް، ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ޝާމިލުނުވެވޭނެ ކަމަށް އެންގުންވީ، އެކުލަބުގެދެކެ ލޯބިވާ އެތައް ހާސް ދިވެހިންތަކެއް މާޔޫސްކޮށް، ލޭ ކައްކުވާލި ކަމަކަށެވެ. އެފްއޭއެމް އިން ނިއު ސަސްޕެންޑު ކުރީ، ކުޅުންތެރިންނަށާއި ކޯޗަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުގެ ސަބަބުން 2018 ވަނަ އަހަރުގެ ތެރޭގައި އެމައްސަލަ ކުޅުންތެރިން އެފްއޭއެމްގައި ޖެއްސުމުންނެވެ.
އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޭރު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގައެވެ.
ކުލަބުގެ މެނޭޖްމަންޓަށް ބޮޑެތި ބަދަލުތަކެއް އައިސް، އެތައް މަސައްކަތްތަކެއް ކުރިފަހުން ނިއުގެ ސަސްޕެންޝަން އުވާލީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ބިދޭސީ ތިން ކުޅުންތެރިންނާ، ކުލަބުގެ ކޯޗެއްގެ ގޮތުގައި އޭރުހުރި ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އަށް ދޭންޖެހޭ ޖުމްލަ 3.3 މިލިއަން ދިވެހި ރުފިޔާ (ދެލައްކަ ސާދަހާސް ޑޮލަރު) އެ ކުޅުންތެރިންނަށް ދައްކާ ހަލާސްކުރުމުންނެވެ. އަދި ދިވެހި 10 ކުޅުންތެރިންނަށް ދޭންޖެހޭ ޖުމްލަ 2 މިލިއަނެއްހާ ރުފިޔާ، ބަހާލައިގެން ދެއްކޭނެ ގޮތަކަށް ކުޅުންތެރިންނާއެކު "ސެޓްލްމަންޓް" އަކަށް އާދެވުމުންނެވެ. ކުލަބު އެނބުރި އަންނަކަން ކުލަބުގެ ވެރިންނާއި ސަޕޯޓަރުން ހަރުއަޑުން ގޮވަމުން ދިޔައިރު، ކުލަބަށް ބިދޭސީ 4 ކުޅުންތެރިއަކު ގެންނަކަންވެސް ހާމަކުރިއެވެ.
ކޮންމެއަކަސް ނިއު ރޭޑިއަންޓަށް އެނބުރި ދިވެހި ފުޓުބޯޅައިގެ ތެރެއަށް އައުމަށް ފުރުސަތު ލިބުންވީ، އަހަރުތަކެއް ވަންދެން އެކުލަބުގެ ސަޕޯޓަރުން ކުރަމުން އައި އިންތިޒާރަށް ނިމުން ގެނުވި، އުފާވެރި ކަމަކަށެވެ. މިކަމާ އެންމެ އުފާވި އެއް ސަޕޯޓަރަކީ، ކުލަބު ލޯބީގައި ކުލަބަށްޓަކައި މާލީ އެތައް ގުރުބާނީއެއް ވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، ރާޅުގަނޑު ބޮޑުބެރު ގުރޫޕުގެ ފައުންޑަރ އަދި ވެރިޔާ ހައްމާދު ރަޝީދު (ހަމްޕު) އެވެ.
އެހެންނަމަވެސް ލިބުނު މި އުފާވެރިކަމަށް އެޅުނު ހަމައެކަނި އަނދިރިކަމަކީ، ނިއުރޭޑިއަންޓް އެންމެ ހާލުގައި ޖެހުނުދުވަހު އެކުލަބަށް ހަމްޕުވީ އެހީތެރިކަމުގެ އަގުވަޒަން ނުކޮށް، އޭނާގެ "ހައްގެއް ހިފަހައްޓަން" އުޅުމުންނެވެ. މާލީގޮތުން ވެއްޓިފައިވާ އަނދަވަޅުން ނިއުއަށް އަރައިގަނެވުމުންވެސް ހަމްޕުގެ ހައްގު ނިއު އިން އޭނާއަށް ނުދޭތީއެވެ.
އެންމެހާލުގަ ޖެހުނު ދުވަހު ނިއު އަށް ހަމްޕު ވެދިން އެހީ
މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓި، ސަސްޕެންޝަނުގައި އޮތުމުން ނިއު އަށް އެފްއޭއެމް އިން ދެމުން އައި އެހީތެރިކަން އެފްއޭއެމް އިންވެސް މެދުކަނޑާލާ، އިދާރީ އޮފީސް ހިންގާނެފަދަވެސް ނެތުމުން ނިއުގެ އަތުގައި ހިފީ ކުލަބަށް ވަފާތެރި ސަޕޯޓަރު، ހަމްޕު އެވެ.
މާލޭގައި ހަމްޕު ގެންގުޅޭ ކުއްޔަށްދޭ އެޕާޓްމަންޓެއް ހަމްޕު ނިއުގެ އޮފީސް ހިންގުމަށް ދިނީ، އެތަނުގެ އަސްލު ކުލީގެ 15 އިންސައްތަ އުނިކުރުމަށްފަހުއެވެ. ކަން ހިނގައިދިޔަ ގޮތް ހަމްޕު ވަނީ "ވީނިއުސް"އާ ހިއްސާކޮށްފައެވެ.
މަސައްކަތްކުރީ މަޝްވަރާކޮށްގެން ރީތިގޮތުގަ ކަން ނިންމަން
ކާނަލް ޒިޔާދު އަށްފަހު ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ލީޑަޝިޕާއެކުވެސް ހަމްޕު ވަނީ އޭނާގެ ހައްގު ހޯދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ އިސްކަން ދޭންޖެހޭނީ ކުޅުންތެރިންނަށް ނުދެވިހުރި ފައިސާގެ ކަންކަން ހަމަޖައްސާ ދަރަނިން ސަލާމަތްވާ ކަމަށްވާތީ އޭރުވެސް ހަމްޕު ކެތްތެރިކަމާއެކު މަޑުކުރީއެވެ. ކުލަބުދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ކުލަބަށް ދެރަގޮތެއްވާން ނޭދޭތީއާ، ކުލަބަށް އިސްކަންދޭން ބޭނުންވާތީއެވެ. އެހެންނަމަވެސް ކުރިންވެސް އަދި މިހާރުގެ މެނޭޖްމަންޓުންވެސް އަމިއްލައަށް އިސްވެ މިކަމުގައި ހަމްޕުއާ މަޝްވަރާކޮށް، ގޮތެއް ނިންމަން މަސައްކަތް ނުކުރާކަން ހަމްޕު ފާހަގަކުރިއެވެ.
މަޝްވަރާ ކުރެވޭ. އަދިވެސް ދަރަނި އަދާކުރާނެ ދުވަހެއް ނުބުނެދެވޭ
ހަމްޕު ބުނި ގޮތުގައި ނިއުގެ އައު ބޯޑުގެ ޗެއާމަން އިން ފެށިގެން ބޯޑުގެ އެހެން މަގާމުތަކުގަ ތިބި އެކި ފަރާތްތަކާވެސް މިކަމުގައި މަޝްވަރާކުރަން ގުޅައެވެ. އެހެންނަމަވެސް އެފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ދަރަނި އަދާކުރުން ނޫން ކަމަށާއި، ބޭނުންވަނީ ކޮށްފަހުރި ކޮމެންޓުތައް ޑިލީޓުކޮށް، ކޮމެންޓު ކުރުން ހުއްޓުވުމަށް ކަމަށް ހަމްޕު ބުންޏެވެ.
އަދި ލާރި ނުދޭނެވާހަކަ ނުބުނާ ކަމަށާއި، ދަރަންޏާ ހަވާލުނުވާން އެފަރާތްތަކުން ނޫޅޭކަމަށް ހަމްޕު ބުނެފައިވެއެވެ. އެހެންނަމަވެސް ލަފާ ކޮށްލާފައިވެސް ލާރި ދޭނީ ކޮން ދުވަހަކުކަމެއްވެސް އަދި ދޭނެ ގޮތަކާމެދުވެސް މަޝްވަރާ ނުކުރާކަމަށް ހަމްޕު ބުންޏެވެ.
އެހެންނަމަވެސް ފޯން މެދުވެރިކޮށް ވާހަކަދެއްކިއިރު، ދިވެހި ކުޅުންތެރިންގެ ފަރާތުން ކުލަބުން ދޭން ޖެހޭ ފައިސާގެ 50 އިންސައްތަ ކަނޑައިދިން ކަމަށް ބުނިކަމަށާއި އެ ކުޅުންތެރިންނަކީ ކުރިއަށް އޮތްތަނުގައިވެސް އެކުލަބުތަކަށް ކުޅޭނެ ކުޅުންތެރިންނަށްވާއިރު، ހަމްޕު ހުރީ ނިއު އާއިއެކު ދެން މިފަދަ އެއްވެސް މުއާމަލާތެއް ކުރުމުގެ ވިސްނުމެއްގައެއް ނޫންކަން އޭނާ ފާހަގަކުރިއެވެ.
ހަމްޕުގެ ވާހަކައިން އޭނާ ނިއުއަށް ލުއިގޮތެއް ހަދައިދިނުމަށް ފުރުސަތު ދިންކަމާއި، ކުލަބުގެ ނަން ހަޑިނުވާނެހެން މިކަން ކޮޅެއްގައި ޖެއްސުމަށް ފުރުސަތުދިންކަން ހާމަވެއެވެ. ކުރިން ހަމްޕު ބޭނުންވީ ކުލި ހޯދައިގެން މިކަން ނިންމާލާށެވެ. އެހެންނަމަވެސް މިއަދު ޝަރީއަތުން މި މައްސަލަ ނިންމަން ޖެހުނީމާ، އެގްރިމެންޓާ އެއްގޮތަށް ކުލި ނުދައްކާ އިތުރުވާ ދުވަސްތަކާއެކު އަރާ ޖޫރިމަނާގެ ފައިސާވެސް ހަމްޕުއަށް ލިބޭނެއެވެ.
މަޝްވަރާއިން ހައްލެއް ނުލިބުމުން ނިއު ގޮވައިގެން ހަމްޕު ކޯޓަށް
ގާތްގަނޑަކަށް 5 އަހަރުދުވަހުގެ މަސައްކަތަށްފަހު ނިއުގެ އެތައް މެނޭޖްމަންޓަކާއެކުވެސް ކުރެވުނު މަޝްވަރާތަކުން ހައްލެއް ނުހޯދުމުން، އޭނާގެ ހައްގު ހޯދުމަށްޓަކައި ޝަރީއަތަށް ދިއުމަށް ހަމްޕު ވަނީ ނިންމާފައެވެ. އަދި ވަކީލުންގެ ޓީމަކާއެކު މިހާރު މި މަސައްކަތް ކުރަމުންދާކަންވެސް "ވީނިއުސް" އަށް ހަމްޕު ވަނީ ކަށަވަރުކޮށްދީފައެވެ.
އަދި ދެން މި މައްސަލައިގައި އެއްވެސް ފަރާތަކަށް މަޝްވަރާކުރެވޭނީ ހަމްޕުގެ ލޯޔަރުން މެދުވެރިކޮށްގެން ކަމަށާއި، ލޯޔަރުންގެ ޓީމުގެ ލަފަޔާ މަޝްވަރާގެ މަތިން މެނުވީ އެއްވެސް ގޮތެއް ނުނިންމާނެކަމަށް ހަމްޕު ބުނެފައިވެއެވެ.
ކުލަބު ދެކެވާ ލޯތްބަށް ބަދަލެއް ނާދޭ. ދެންވެސް ދެމިހުންނާނީ ނިއުގެ ސަޕޯޓަރެއްގެ ގޮތުގަ
ވީނިއުސް އާއި ވާހަކަދައްކަމުން ހަމްޕު ބުނީ، މި މައްސަލަ ކުރިމަތިވެގެން މިއުޅެނީ ކުލަބުގެ މައްސަލައަކުން ނޫންކަން ގަބޫލުކުރާ ކަމަށާއި، މިއީ ކުލަބުގެ ހިންގުމާ ހަވާލުވެ ހުރި ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ ނިއު ރޭޑިއަންޓަށް އެކަމުގެ ހަޑިނަމެއް ލިބެންޖެހޭ ސަބަބެއް ނޫންކަމަށާއި، ބަޔަކަށް މިހާބޮޑު ގެއްލުމެއް މި ލިބެނީ ހަވާލުވެގެން ތިބި ފަރާތްތަކުގެ އިހުމާލުންކަން ހަމްޕު ފާހަގަކުރިއެވެ.
އަދި ދެންވެސް ހުންނާނީ ނިއުގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށާއި، ނިއު ރޭޑިއަންޓަށް ހިތުގައި އޮތް ލޯތްބަށްވެސް އަދި ކުރާ ސަޕޯޓަކަށްވެސް ބަދަލެެއް ނާންނާނެކަމަށް ހަމްޕު ބުންޏެވެ.
ހިތާ ދެކޮޅަށް ނަމަވެސް ހަމްޕު މި މަސައްކަތް ފެށީ، ކާންބޯން، އާމްދަނީއެއް ހޯދަން ކުރާ މަސައްކަތެއްގެ އަގު ނުވަތަ، އޭނާ ލާރި ހޯދުމަށް ކުރާކަމަކުން ލިބެންޖެހޭ ހައްގެއް ނުލިބި އެތައް އަހަރުތަކެއް ވުމުން އެކަމުގެ ގެއްލުން ކުރިމަތިވާތީކަން ހަމްޕު ހާމަކުރިއެވެ. ހަމްޕުގެ މި ނިންމުމަކީ ނިއުގެ އަގުވައްޓާލަން ނުވަތަ ކުލަބަށް ދެރައެއް ލިބުމަށް އެދޭތީ ނިންމި ނިންމުމެއް ނޫންކަން، މިފަދަ ހާލަތެއް ކުރިމަތިވެފައިވާ ނުަވަތަ މިހާލަތު ވިސްނޭ ފަރާތަކަށް ގަބޫލުކުރެވޭނެއެވެ.
ޒިންމާވާނެ ފަރާތެއްނެތި ގިނަ ދުވަސްތަކެއް ހޭދަވުމަށްފަހު ނިއުގެ ބޯޑަށް އައު މެމްބަރުން އައްޔަންކޮށް ޗެއާމަން އަކަށް އަހްމަދު ވާސިފް އިންތިޚާބުކޮށްފައިވަނީ މެއި މަހުގެ ފަހުކޮޅުއެވެ. ކުލަބުން ފުޓުބޯޅައިގެ ތެރެއަށް އެނބުރި އައިސްފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހު ފަށާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައިވެސް ވަނީ ބައިވެރިވެފައެވެ. ގާތްގަނޑަކަށް ތިން އަހަރަށްފަހު ނިއު އިން ރަސްމީ މެޗެއް ކުޅޭނީ މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ. ވިލިނގިލީ ސްޓޭޑިއަމުގައި ކުޅޭ މިމެޗުގައި ނިއުއާ ދެކޮޅަށް ނުކުންނާނީ ކްލަބް ޓީނޭޖެވެ. އަދި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ދެން އެންމެ އަވަހަށް ނިއުއިން މެޗެއް ކުޅޭނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ 21:00 ގައި ލޮރެންޒޯ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
އެހެންވީމާ ޒިޔާދު ނިއުއާއި ހަވާލުވެ ހުރި ދުވަސްވަރަކީ ނިއު އެންމެ ހާލުގައި އޮތް ދުވަސްވަރުކަމަށް މިވަނީ.