(ބ. ދަރަވަންދޫން) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް 25 މިނިޓުގެ ދަތުރަކަށް ފަހު، ބ. ދަރަވަންދޫ އެއާޕޯޓަށް މަތިންދާ ބޯޓު ޖެއްސުމުން ބޯޓުން ފޭބީ އެއް ގޮތަކަށްވެސް ހޫނު މަރުހަބާއެއްގެ އުންމީދުގައެއް ނޫނެވެ.

އެހެން ނަމަވެސް، ހައިރާންކަން ގެނުވީ އެއާޕޯޓުން އަހަރެމެންނަށް މަރުހަބާ ދެންނެވުމަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިބްރާޙިމް ހުސާމިންއާއެކު ސީދާ ދަރަވަންދޫ ކައުންސިލްގެ ރައީސް ވަޑައިގެން ހުންނެވިކަން އެނގުނު ހިސާބުންނެވެ.

ދަރަވަންދޫ "މަގޭ ޢީދު" ގެ ކަވަރޭޖް ހެދުމަށް ވީމީޑިއާއެކު ދަރަވަންދޫ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ ވީމީޑިއާގެ ނޫސްވެރިން މިރަަށަށް އައުމުން ކައުންސިލްގެ ރައީސް ވަޑައިގެން މަރުހަބާ ދަންވަން ލާޒިމުކުރާ ސަބަބެއް ނޫންތާއެވެ.

އެހެން ނަމަވެސް، ކައުންސިލް އިދާރާގެ އެހެން ބަޔަކު ފޮނުވުމުގެ ބަދަލުގައި ނުވަތަ ރަށުން ވަކި ބަޔަކު ފޮނުވައި މަރުހަބާ ދެންނެވުމުގެ ބަދަލުގައި، ރައީސް ވަޑައިގެން ވިދާޅުވި ހޫނު މަރުހަބާއާއެކު މިރަށުގެ ރައްޔިތުންގެ މެހެމާންދާރީއާމެދު ހިތުގައި ހުރި ހުރިހާ ޝައްކެތް ފިލައިގެން ހިނގައްޖެއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް

އެއާޕޯޓުން އަހަރެމެން ތިބުމަށް ހަމަޖެހިފައި ހުރި ގެއަށް ދިޔުމުގެ ކުރިން، ކައުންސިލްގެ ބޭފުޅުންވަނީ ވެލްކަމް ޑްރިންކެއްވެސް ދެއްވާފައެވެ. އަދި ވީމީޑިއާގެ ޓީމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލްގެ ފަރާތުން އެރުވިއެވެ.

މިހާތަަނަށް މި ދަތުރުގައި ދިމާވި ކޮންމެ މީހެއްގެވެސް މޫނުމަތިން ފެނުނީ ސާފުކަމެވެ. އެނގުނީ ހިތްހެޔޮ ކަމެވެ. ރަަށަށް ޒިޔާރަތްކުރާ ބީރަށްޓެހިންނަށް ކަމޭހިތުމުގައި ރަށުން ފެންނަނީ ނަމޫނާއެކެވެ.

މިއަހަރުގެ އަޟްހާ ޢީދު ފޯރިގަދަކޮށް ފާހަގަކުރުމަށް ދަރަވަންދޫގައި އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ރަށު ތެރެއިން ފެންނަނީ ހަލަބޮލި ކަމެވެ. އެންމެން އެއް ރޫހެއްގައި އެއް ވާނެއްގައި މަސައްކަތް ކުރާތަނެވެ. ރަށުގެ އާންމު ގެތަކުން ފެށިގެން ގެސްޓް ހައުސްތައް މިވަނީ އީދަށް ދަރަވަންދުއަށް އެރި އެތައް ސަތޭކަ ބަޔަކާއިއެކު ފުރާލާފައެވެ.

ކަނޑުމަގުންނާއި ވައިގެ މަގުން އަދިވެސް އެތައް ބަޔަކު ޢީދަށް ބާކީ މި އޮތް މަދު ދުވަސްކޮޅު ތެރޭގައި އަރާނެކަމަށް ބެލެވެއެވެ.

ލަފާފުރާ އޮޑި ދޯނިފަހަރާއެކު ދަރަވަންދޫ ބަނދަރު ފުރިފައި ވާއިރު، އެއާޕޯޓަށް ޖާގަ ފުލް ފްލައިޓުތައް އެއަންނަނީ ފުލުފުލުގައެވެ.

ދަރަވަންދޫ ބަނދަރު ސަރަހައްދުގައި ހުރި ގެއެއްގެ ބޭރުގައި ޖޯއްޔެއްގައި އިން ރަށުގެ އިސް ރަށްވެއްސެއް "ވީނިއުސް" އާ ވާހަކަދައްކަމުން ބުނީ، ދަރަވަންދުއަށް އަބަދުވެސް ގިނަ އަދަދަކަށް ބީރަށްޓެހިން ޒިޔާރަތްކުރާ ކަމަށެވެ.

ނަމަވެސް މިއަހަރުގެ ބޮޑު ޢީދު ބޮޑުކޮށް ފާހަގަކުރާތީ އާދަޔާ ޚިލާފަށް ގިނަ ބަޔަކު ރަށަށް ޒިޔާރަތްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"މި ރަަށަށް ދެން އަބަދު ވެސް ގިނަ ބަޔަކު އާދޭ. އެއާޕޯޓު ވެސް އޮންނާތީ. އެކަމަކު ޢީދަކަށް މިހާ ގިނަ ބަޔަކު އައި ހަނދާނެއް ނެތް. މި ގޭގަ ވެސް ނެތް ހުސް އެންމެ ތަންކޮޅެއް ވެސް. މި ހިސާބުގަނޑު ހުރިހާ ގެެއެއްހެން މި އޮތީ ފުރިފަ ހަމަ. ވަރަށް އުފާވޭ ދެން. ޚިޔާލުތަފާތުވުންތައް ދޫކޮށްލާ އެންމެން އެކީ ޢީދު ފާހަގަކުރުމަށް ގުޅިގެން މަސައްކަތްކުރާތަން ފެންނާތީ. މި ފަހަރު ވަރަށް ފޯރިގަވާނެ"
ދަރަވަންދޫ އިސްރަށްވެއްސެއް

"މި ފަހަރު ވަރަށް ފޯރިގަވާނެ." މިއީ މިއަދު ދަރަވަންދޫން ދިމާވި ކޮންމެ މީހަކުވެސް އިއްތިފާގުވާ ޖުމުލައެކެވެ.

ޢީދުގެ ކަވަރޭޖަށް ހާއްސަ ވީމީޑިއާގެ ޓީމެއް މިވަގުތު ދަރަވަންދޫގައި ތިބިއިރު، މި ދަތުރުގެ ތެރެއިން ދަރަވަންދޫގެ އެކި ކަންކަމަށް ބަލާލާ ތައްޔާރުކުރާ ރިޕޯޓުތަކާއި، މުހިންމު ޚަބަރުތަކުގެ އިތުރުން ހާއްސަ ފަރާތްތަކެއްގެ ފީޗަރ ރިޕޯޓުތަކާއި، ތަފާތު އެކި ހަރަކާތްތަކުގެ ރިޕޯޓާއި ޚަބަރު ވީމީޑިއާގެ އޮންލައިން، ވީނިއުސްއިން ގެނެސްދޭނެއެވެ. އަދި މިކަމާ ގުޅުންހުރި ރިޕޯޓުތަކާއި ޚަބަރުތައް ވީޓީވީގެ ޚަބަރު ގަޑިތަކުގައިވެސް ގެނެސްދޭނެއެވެ.

ބ. ދަރަވަންދޫ ބަނަދަރު ސަރަހައްދު --- ފޮޓޯ: ވީނިއުސް

ދަރަވަންދޫ ޢީދު ކަވަރޭޖް ޓީމްގައި ހިމެނެނީ، ޕޮރޮގްރާމް ކޯޑިނޭޓަރ ހުސެއިން ނިޔާޒް، ނިއުސް އެޓިޑަރ އައްފާން މުހައްމަދު އަދި މަރިޔަމް ލީން، ޖާނަލިސްޓް ޒިދާން މުހައްމަދު، ސީނިއަރ ޕްރޮޑިއުސަރ މުހައްމަދު ސާމިން އަދި މުހައްމަދު ޒާހިރު އަދި ޕްރެޒެންޓަރ ފާތިމަތު ރިފްޝާންގެ އިތުރުން ޓެކްނީޝިނުންނެވެ.

ދަރަވަންދޫގައި ޢީދުގެ ހަރަކާތްތައް ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން އެރަށަށް ޢީދަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިޔުމުގެ ގޮތުން ހާއްސަ ހަރަކާތެއްގެ ގޮތުގައި "އަރާފަނި" ދިނުން އޮންނާނެއެވެ.

އެއަށްފަހު ބަރަކާތްތެރި ހައްޖު ދުވަހުގައިވެސް ހަރަކާތްތަކެއް އޮންނާނެއެވެ. އެދުވަހުގެ ހާއްސަ ކަވަރޭޖް ފަށާނީ ދަރަވަންދޫއިން ގެނެސްދޭ ހުކުރު ނަމާދުގެ ލައިވް ކަވަރޭޖުންނެވެ. އަދި އެރޭ އިޝާ ނަމާދަށްފަހު ރަށުގެ ބޮޑެތި މަގުތަކުގައި ތަކުބީރުކިޔުން އޮންނާނެއެވެ.

އަދި ޢީދުގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ހަވާއެރުވުމާއި ޢީދު ހުޅުޖެހުންވެސް ރޭގަނޑަށް ވަނީ ތާވަލުކޮށްފައެވެ.

ޢީދު ދުވަހު ކަވަރޭޖް ފަށާނީ ދަރަވަންދޫ ސްޓޭޖް ސަރަހައްދުގައި، ބޮޑު ޖަމާއަތުގައި ކުރެވޭ ޢީދު ނަމާދުގެ ލައިވް އިންނެވެ. ނަމާދަށްފަު ރަށުގެ ސޯސަން މަގުގައި ޢީދު ސައި، އެންމެންނަށް ބައިވެރިވެވޭނެހެން އޮންނާނެއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އާއި ޢީދު ސަލާން ކުރުން ރަށުގެ އިޖްތިމާއީ މަރުކަޒުގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، އެވަގުތު ރަށުގެ މަގުތަކުގައި ފެންކުޅި ކުޅުންވެސް ކުރިއަށްދާނެއެވެ.

މީގެއިތުރުންވެސް ސްޓޭޖް ޝޯ ތަކާއި، ރަށާއި، ރާއްޖޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ސަގާފީ އެކިއެކި ކުޅިވަރުތައްވެސް މި ޢީދުގެ ތެރޭގައި ދަރަވަންދޫގައި ކުރިއަށްދާނެއެވެ.

"މަގޭ އީދު" ގެ ނަމުގައި ފޯރިގަދަ އީދެއް ފާހަގަކުރުމަށް ދަރަވަންދޫ ރަށު ކައުންސިލުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މިއަހަރުގެ އީދު އެންމެ ފޯރިގަދަވާނީ ދަރަވަންދޫގައި ކަމަށް ރަށު ރައްޔިތުން ބުނަމުން އައީ ސަބަބެއް ނެތިއެއް ނޫނެވެ.

އީދު ފާހަގަކުރުމަށް ދަރަވަންދޫގައި ރާވާފައިވާ ކުޅިވަރުތަކުގެ ތެރޭގައި އަސްރަފްތާޖެހުން، މަންގަލަންދަނޑި، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ކޯޑިކުޅުން އަދި ވާދެމުން ފަދަ ފޯރިގަދަ ސަގާފީ ގިނަ ކުޅިވަރުތައް ހިމެނެއެވެ.