މުހިންމު މަޝްރޫޢުތަކަކާއިއެކު ކުރިއަށްއޮތް 2023 ވަނަ އަހަރަށް ލަފާކުރާ މާލެ ސިޓީ ކައުންސިލްގެ ބަޖެޓް ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބަޖެޓާއި ގުޅޭ ތަފްސީލީ މަޢުލޫމާތުތައް މާލެ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޖުތަބާ ޖަލީލް ވަނީ ހަމަކުރައްވާފައެވެ.

އެގޮތުން މުޖްތަބާ ވިދާޅުވީ އެންމެ ފަހުން ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި 2023 އަށް ލަފާކުރާ ބަޖެޓާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެކި ފަރާތްތަކުން ދެއްވި ޚިޔާލުތައް ބަޖެޓުގައި ހިމެނިފައިވާކަމަށް ވިދާޅުވިއެވެ.

ބަޖެޓްގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބޮޑެތި ކަންކަމުގެ ތެރޭގައި މީޑިއާތަކާއި، ސްކޫލްތަކުގެ އޮނިގަނޑާއި މަރާމާތަށް ބޭނުންވާ ބަޖެޓާއި، މަގުތަކުގެ ނަންބޯޑު ބެހެއްޓުމަށާއި، ބޯހިޔާވަހިކަމާއި، އަދި ބުޅާ ޝެލްޓަރއަށް ކަނޑައެޅިފައިވާ ބަޖެޓް ހިމެނެއެވެ. މީގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި ކަންކަމާއި، ކައުންސިލްގެ އެކި އެކި މުހިންމު ޕްރޮގްރާމްތަކަށް އިތުރު ކުރަންޖެހޭ ބަޖެޓްވެސް ހިމެނޭ ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

މުޖްތަބާ އިތުރަށް ވިދާޅުވީ ބަޖެޓް އެކުލަވާލެވިފައި ވަނީ މިދައުރުގެ ފަސް އަހަރު ދުވަހަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން 2023 ގައި ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާއި މިހާރު ކުރިއަށްދާ މަޝްރޫޢުތައް ހިމަނައިގެން ކަމަށެވެ.

ބަޖެޓާއި ގުޅޭގޮތުން މޭޔަރު މުޢިއްޒު ވިދާޅުވީ ކައުންސިލްގެ ބަޖެޓު ފާސްކުރިނަމަވެސް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ގެންނަންޖެހޭ ބަދަލުތައް ބަޖެޓަށް ގެނެވޭނެ ކަމަށެވެ.

މިޖަލްސާގައި، ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ޕާކިންގ ސްލޮޓްތައް ލޮކްކުރުމަށް ހިނގާނެ ޚަރަދުކަމަށް 2 މިލިއަން ރުފިޔާ ހިމެނުމަށާއި ޓްރެފިކް ވާޑްން ޚިދުމަތް ފަށައިގަންނައިރު އެ ޚިދުމަތަށް ބޭނުންވާ ވެހިކަލް ގަތުމަށް 2 މިލިއަން ރުފިޔާ ކައުންސިލްގެ ބަޖެޓުގައި ހިމެނުމަށް ކައުންސިލަރު ރަމީޒު ހުށަހެއްޅުއްވިއެވެ. އަދި ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ މާލޭގެ ފަޅުތެރެ ފުންކޮށް ސާފުކޮށް ބެލެހެއްޓުމަށް 5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާފައެވެ.

2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ދެބައެއް ހިމެނެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ބްލޮކްގްރާންޓްގެ ގޮތުގައި ސަރުކާރުން ކައުންސިލަށްދޭ ބަޖެޓާއި ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ބަޖެޓެވެ.

އެގޮތުން ސަރުކާރުން ބްލޮކްގްރާންޓްގެ ގޮތުގައި 165 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ކައުންސިލްގެ އާމްދަނީގެ ގޮތުގައި 170 މިލއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވއެވެ. ކައުންސިލްގެ އާމްދަނީ ބަޖެޓުން 5 އިންސައްތަ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޚާއްސަކޮށްފައެވެ.

ކައުންސިލުން 2023 އަށް ލަފާކުރާ ބަޖެޓާއި އިންކަމް ރެޖިސްޓަރއަށް ގެނެސްފައިވާ ބަދަލުތަކާއެއްކޮށް ފާސްކުރެއްވުމަށް އެދި ޑެޕިއުޓީ މޭޔަރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ކައުންސިލަރު އައިފާން ތާއީދުކުރައްވާ ވޯޓަށް ހުޅުވާލުމާއިއެކު ޖަލްސާގެ އިއްތިފާޤުން ވަނީ ބަޖެޓް ފާސްވެފައެވެ.