ފުލުހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

މިވީޑިއޯއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތް (އެމްޕީއެސް)ގެ ސްޕޯކްސް ޕާސަން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުލުހަކު ހިމެނޭ ވީޑިއޯއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެމްޕީއެސްގެ ކަމާގުޅޭ ފަރާތްތަކުން ބަލަމުންދާކަމަށެވެ. އެގޮތުން މި މައްސަލައިގެ ޖިނާއީ ތަހުގީގުގެ އިތުރުން އަހުލާގީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑް އޮފް ކޮމާންޑް އިން ބަލަމުންދާއިރު، ތުހުމަތު ކުރެވޭ ޕޮލިސް އޮފިސާ ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން މެދުކަނދާލާފައި ކަމައްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ޖިނާއީ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސަތްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެގޮތުން ޖޫން މަހުގެ 24 ވަނަ ދުވަހު އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލް އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އެ މައްސަލައާއި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ އެހެން މައްސަލައަކާއި ގުޅިގެން ނާޒިމްގެ ޕާސްޕޯޓު ފުލުހުން ހިފަހައްޓާފައިވަނީ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

ނާޒިމް ސައްތާރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްވެސް ވަނީ ލީކްވެފައެވެ.

މީސްމީޑިއާގައި އެންމެ ފަހުން އާންމުވެފައި ވަނީ ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކު ބަންގްލަދޭޝްގެ އަލަމްގިރީގެ ކޮޓަރިއަށް ގޮސްއުޅޭ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެކޮޓަރިއަށް ދިޔަކަމަށް ކާނަލް ނަޝީދު އަމިއްލައަށް އެއްބަސްވެފައިވާއިރު، އޭނާ ވިދާޅުވާ ގޮތުގައި ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށެވެ.