(ބ. ދަރަވަންދޫ އެއާޕޯޓުން) ދަރަވަންދޫ "މަގޭ ޢީދު" ޝޯވގައި ހުނަރުވެރި ހުށަހެޅުންތަކެއް ހުށަހެޅުމަށް، ދަރަވަންދޫ ކައުންސިލްގެ ދަޢުވަތަކަށް ޒިޔާރަތްކުރި މަލިކު (ލަކްޝަދީޕް)ގެ ފަންނާނުންނަށް ރަށުގެ ގިނަ ބަޔަކު ނުކުމެ، ހޫނު މަރްޙަބާއެއް ކިޔައިފިއެވެ.

މަލިކުގެ ފަންނާނުންނަށް މަރްޙަބާ ކިޔުން އޮތީ، މިއަދު މެންދުރު ފަހު، ދަރަވަންދޫ އެއާޕޯޓްގައެވެ. ފަންނާނުން އެއާޕޯޓްގެ އެރައިވަލް ގޭޓުން ނުކުތުމާއެކު މުޅި އެ ސަރަހައްދު ގުގުމާލީ ތަރުހީބުގެ އަޑުންނެވެ. މާފަތި އަޅުވައި ކީ ހޫނު މަރްޙަބާ އިތުރަށް ފުރިހަމަވީ ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ އަންހެން ދަރިވަރުން ހުށަހަޅައިދިން ހިތްގައިމު ނެށުމަކާއެކުއެވެ.

ބ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ ހުށަހެޅުން --- ފޮޓޯ: މުޙައްމަދު ޝާމިން / ވީނިއުސް

މަލިކުގެ ރައްޔިތުންނާއި ދިވެހިންގެ ގާތް ގުޅުމާއި އެކިއެކި ގޮތްގޮތުން ދިވެހިންނާއި ހުރި އެއްގޮތްކަމުގެ މައްޗަށް ހަދާފައިވާ އަސަރުގަދަ ލަވަޔަކަށް ދަރިވަރުންގެ ފަރިހަރަކާތްތައް ދައްކާލިއިރު، އެ ސަރަހައްދުގައި ތިބި ގިނަ ބައެއްގެ މޫނުމަތިން ފެނިގެން ދިޔައީ ލަވައިގެ ޅެމުގައި ބުނެފައިވާ ވާހަކައިގެ ތެރެއަށް ވަދެ އަސަރުގައި ޖެހިފައިވާ މަންޒަރެވެ. ބައެއް މީހުން ތިބީ އުފަލުން ފެންކަޅިވެފައެވެ. އަނެއް ބަޔަކު ތިބީ ފާޅުކުރާނެ އިޙްސާސެއް ނޭނގިފައެވެ.

މަރްޙަބާ ދެންނެވުމުގެ ހަރަކާތް ވީމީޑިއާގެ ވީޓީވީން ވަނީ ވަގުތުން ދުރައްދައްކާފައެވެ. މި ހަރަކާތުގެ ލައިވް ރެކޯޑިން ވީޓީވީގެ ފޭސްބުކް ޕޭޖުން ބަލާލެވޭނެއެވެ.

މި ހަރަކާތް ނިންމާލީ އަރާފަނި ދިނުމުންނެވެ.

"އަރާފަންޏަކީ" ދަރަވަންދޫގައި ޒަމާނުން ސުރެ މިފަދަ މުނާސަބަތުތަކުގައި ރަަށަށް އަރާ މެހެމާނުންނަށް ދިނުމަށް ތައްޔާރުކުރާ ހާއްސަ ބުއިމެކެވެ. އިހު ޒަމާނުގައި "އަރާފަނީ"ގެ ނަމުގައި ދީ އުޅުނީ ރޯފަނި ކަމަށް ރަށުގެ ދުވަސްވީ މީހުން މަޢުލޫމާތު ދެއެވެ. ނަމަވެސް މި ފަކަށް އައިސް މި ބުއިން ތައްޔާރުކުރަނީ، ބަދަލުތަކެއް ގެނެސް މި ރަށުގެ ހާއްސަ ރެސިޕީއަކަށެވެ.

ދަރަވަންދޫ އެއާޕޯޓުގައި މެހެމާނުންނަށް އަރާފަނި ދެނީ --- ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސްަ

ވީނިއުސްއާ ވާހަކަދައްކަަވަމުން މަލިކު ފަންނާނުންގެ ޓީމުގައި އިސްކޮށް ހުންނެވީ ބޭފުޅަކު ވިދާޅުވީ، މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖެ އާއި މަލިކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކުވެރިކަމުގެ ބުރިޖަކުން ގުޅިގެންދާ ކަމަށެވެ. އަދި ދިވެހިންނާއި މަލިކު މީހުންނަކީ "އެއް ބަފައެއްގެ ނަމަވެސް ދެބަނޑުގެ ދަރިން ކަމަށެވެ.

މިއަދުގެ އެކި ވަގުތުތަކުގައި ދަރަވަންދޫ އެއާޕޯޓަށް ޖައްސާ ކޮންމެ ފްލައިޓަކުން ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް މި ބުއިން އެއާޕޯޓުން ލިބޭނެއެވެ.

މިއަހަރުގެ އަޟްހާ ޢީދު ފޯރިގަދަކޮށް ފާހަގަކުރުމަށް ދަރަވަންދޫގައި އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ރަށު ތެރެއިން ފެންނަނީ ހަލަބޮލި ކަމެވެ. އެންމެން އެއް ރޫހެއްގައި އެއް ވާނެއްގައި މަސައްކަތް ކުރާތަނެވެ. ރަށުގެ އާންމު ގެތަކުން ފެށިގެން ގެސްޓް ހައުސްތައް މިވަނީ އީދަށް ދަރަވަންދޫއަށް އެރި އެތައް ސަތޭކަ ބަޔަކާއިއެކު ފުރާލާފައެވެ.

ޢީދުގެ ކަވަރޭޖަށް ހާއްސަ ވީމީޑިއާގެ ޓީމެއް މިވަގުތު ދަރަވަންދޫގައި ތިބިއިރު، މި ދަތުރުގެ ތެރެއިން ދަރަވަންދޫގެ އެކި ކަންކަމަށް ބަލާލާ ތައްޔާރުކުރާ ރިޕޯޓުތަކާއި، މުހިންމު ޚަބަރުތަކުގެ އިތުރުން ހާއްސަ ފަރާތްތަކެއްގެ ފީޗަރ ރިޕޯޓުތަކާއި، ތަފާތު އެކި ހަރަކާތްތަކުގެ ރިޕޯޓާއި ޚަބަރު ވީމީޑިއާގެ އޮންލައިން، ވީނިއުސްއިން ގެނެސްދޭނެއެވެ. އަދި މިކަމާ ގުޅުންހުރި ރިޕޯޓުތަކާއި ޚަބަރުތައް ވީޓީވީގެ ޚަބަރު ގަޑިތަކުގައިވެސް ގެނެސްދޭނެއެވެ.

"މަގޭ އީދު" ގެ ނަމުގައި ފޯރިގަދަ އީދެއް ފާހަގަކުރުމަށް ދަރަވަންދޫ ރަށު ކައުންސިލުން ތައްޔާރުވަމުންދާއިރު، މިއަހަރުގެ އީދު އެންމެ ފޯރިގަދަވާނީ ދަރަވަންދޫގައި ކަމަށް ރަށު ރައްޔިތުން ބުނަމުން އައީ ސަބަބެއް ނެތިއެއް ނޫނެވެ. އީދު ފާހަގަކުރުމަށް ދަރަވަންދޫގައި ރާވާފައިވާ ކުޅިވަރުތަކުގެ ތެރޭގައި އަސްރަފްތާޖެހުން، މަންގަލަންދަނޑި، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ކޯޑިކުޅުން އަދި ވާދެމުން ފަދަ ފޯރިގަދަ ސަގާފީ ގިނަ ކުޅިވަރުތައް ހިމެނެއެވެ.