ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ އަލްއުސްތާޛާ ދީބާނާޒް ފަހުމީއާއި އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނުން ކޮށްފައިވާ އިއުލާންގެ ދަށުން، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން އައްޔަންކުރުމަށް ނިންމީ ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ އިން އިންޓަރވިއު ކުރުމަށްފަހު ކަމަށެވެ.

އަލްއުސްތާޛާ ދީބާނާޒް ފަހުމީއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓަރ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

އަދި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޟީކަމުގެ މަގާމުވެސް ދީބާނާޒް ގެންދަވަނީ އަދާކުރައްވަމުންނެވެ.

އަލްއުސްތާޛު މުޙައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު ސަލީމް އަކީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މި ދެފަނޑިޔާރުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ.