ހާއްސަ ހާލަތުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަށް ގޮވާލައި، ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ހުށަހަޅައިފިއެވެ.

ބިލުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ ހާލަތްތައް ބަޔާންކޮށްފައިވާ އަކުރު އިސްލާހުކުރުމަށް ގޮވާލާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ފެށި "މަސްދަރު ހިމާޔަތް ކުރާނަން" ހަރަކާތުގެ ދަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ އެޕެޓިޝަންގައި ސޮއިކޮށްފައެވެ.

އެގޮތުން، މިޕެޓިޝަން ރައީސަށް ހުށަހަޅާފައިވަނީ ޖުމްލަ 158 ނޫސްވެރިންގެ ސޮއާ އެކުއެވެ.

ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި ދެވަނަ ވިސްނުމަކަށް ގޮސް ބިލް އިސްލާހުކުރަން ގޮވާލާފައެވެ.

އަދި، މަސްދަރު ހާމަކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ 'ގައުމީ ސަލާމަތް' ބިލުން އުނިކުރުމަށާއި، މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ހަނިކުރުމަށް ޕެޓިޝަންގައި ވެއެވެ.

މީގެއިތުރުން، ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމާއި، މަސްދަރު މާނަކުރާ ގޮތް ފުޅާކޮށް "މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫން ވެސް މުއާމަލާތްތަކާއި އަރުޝީފް އަދި މި ނޫނަސް އެ އެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް" ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަންވެސް ވަނީ ގޮވާލާފައެވެ.

ރައީސް އޮފީހުގެ އިތުރުން، ބަންޑާރަ ނައިބުގެ އޮފީހަށްވެސް ވަނީ މި ޕެޓިޝަން ހުށަހަޅާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، އެބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.