އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުގެ ނުބައި ވިސްނުން ގެންގުޅުއްވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅުން ކަމަށާއި، އެކަމާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއާ އެއްވެސް ގުޅުމެއް ނެތްކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރި ޕާޓީން މިފަދައިން ބުނެފައިވަނީ ރައީސް ޔާމީން ޖަލަށްލުމަކީ ގާސިމް އިބްރާހީމް ވެރިކަމަށް އައުމަށް ހުޅުވޭ ފަހި ދޮރެއް ކަމަށް ބުނެ އޮންލައިން ނޫސް "އަވަސް" އިން ޝާއިއުކޮށްފައިވާ ލިޔުން ކުށްވެރިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ، ރައީސް ޔާމީނަށް ޖަލު ހުކުމެއް އަންނަ ހިސާބުން ޕީޕީއެމް ތެރެއަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހަށްވެސް ބޮޑު ހުސްކަމެއް އަންނާނެ ކަމަށާއި، އެހުސްވާތަން ފުރާލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ތައްޔާރު" ކަމަށް ވިދާޅުވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

މިކަން ކުށްވެރިކޮށް ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި، ގާސިމް އިބްރާހީމްގެ އިސްތަށިފުޅުގައި އަޅުއްވާފައިވާ ދޮގު އިލްޒާމް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އަޅުގަނޑުމެންގެ އެއްވެސް އިންޓްރެސްޓެއް ނެތް ރައީސް ޔާމީން ޖަލަށް ލުމަކަށްވެސް، ޖަލަށް ނުލުމަކަށްވެސް. އެހެރީ ޝަރުއީ ކޯޓުތަކުން ނިންމާނެ ރައީސް ޔާމީން ކުރީ ރަނަގޅު ކަމެއް ވިއްޔާ ރަނގަޅުކަމަށް. ނުރަނގަޅު ކަމެއް ވިއްޔާ ނުރަނގަޅު ކަމަށް. އަޅުގަނޑުމެން ނެތީމޭ އެޔަކަށް ފާޑު ކިޔާކަށް.
ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު

އިލްހާމް ވިދާޅުވީ ރައީސް ޔާމީނަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރަސްއަޅުއްވަނީ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ކަމަށެވެ.

ކޯލިޝަނެއް ބޭނުން ނުވާކަމަށް ވިދާޅުވެ، ގިނިކަންޏާ ނުކުންނަވަން ޚިޔާލު ދެއްވަނީވެސް އެބޭފުޅުން ކަމަށާއި، 2018 ގެ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ނުވި ސަބަބަކީވެސް އެއީ ކަމަށް އިލްހާމް ވިދާޅުވިއެވެ.

ތި އާޓިކަލް ލިޔުނީ ކޮންބައެއްކަން ރައީސް ޔާމީނަށް އެގިވަޑައިގަންނަވާނެ. އާޓިކަލް ލިޔެފަ އޭގެ ފަހަތުން ގްރޫޕްތަކެއް މެދުވެރިވެގެން، ކޮންމެ ބަޔަކު ލިޔުނަސް، އެމީހުންނާ ގުޅިފަ އޮތް ބަޔަކު ލިޔެގެން އަނެއްކާ އެއަށް އރާ ޖަވާބުދާރީ ވަނީ. މީ ކޮންކަމެއްތޯ މިކުރަނީ. ﷲ ގަންދީ ހުވާ އަޅުގަނޑުމެންގެ އެއްވެސް އިންޓްރެސްޓެއް އޮތް އާޓިކަލް އެއް ނޫން އެއީ.
އިލްހާމް އަހުމަދު

މީގެއިތުރުން، އިލްހާމް ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލުމުން ފައިދާ ވާނީ ސީދާ ކޮންބަޔަކަށް ކަން ވަރަށް ސާފު ކަމަށާއި، އެކަމަކުން ހަމަ ގައިމުވެސް ގާސިމް އިބްރާހީމަށް ވާނެ ފައިދާއެއްވެސް ގެއްލުމެއްވެސް ނޯންނާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ލޮޅުން ގެނުވައި، ހާއްސަކޮށް ގާސިމް އިބްރާހީމްގެ ނަންފުޅު ހަޑިކޮށް ފިތުނަ އުފެއްދުމަށް ކުރާ މިފަދަ އަމަލުތައް ބަލައި ނުގަންނާނެ ކަމަށެވެ.