މިއަހަރުގެ އަޟްޙާ ޢީދަކީ ގިނަ ދުވަސްތަކަކަށްފަހު ބޮޑު ފޯރިއެއްގައި ދިވެހިންނަށް ޢީދުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ފާހަގަކުރެވޭނެ ޢީދަކަށް ވާނެއެވެ.

ކޮވިޑުގެ ހާލަތާއިއެކު ދަތުރުފަތުރު ކުރުމުގައި އާއި ބައެއް ހަފްލާތައް ބޭއްވުމަށްވެސް ފާއިތުވީ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އެހެންނަމަވެސް 1443 ވަނަ އަހަރުގެ އަޟްޙާ ޢީދަކީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ގާތްގަނޑަކަށް ހުރިހާ ފިޔަވަޅުތަކަށް ނިމުމެއް އައިސްފައިވުމުން، ނުހަނު ފޯރިއާއި ޖޯޝުގައި ފާހަގަކުރެވޭނެ "ބޮޑު ޢީދު" އަކަށް ވާނެއެވެ.

އެކަން ހާމަވާ އެއްކަމަކީ އަތޮޅުތެރޭގެ ރަށްތަކުގައި މި ޢީދު ފާހަގަކުރުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންތައްތަކުގެ ސަބަބުންނެވެ. މިއުޒިކް ޝޯތަކާއި ސަޤާފީ އެތައް ކުޅިވަރަކުން މިފަހަރުގެ ޢީދު ފަޅުފިލައިދާނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެއެވެ. ކޮންމެ އަތޮޅެއްގައި، ކޮންމެ ރަޝެއްގައިވެސް މި ޢީދު ފޯރިގަދަކުރުމަށް، ކައުންސިލްތަކުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުން އަންނަނީ ގިނަ ކަންތައްތަކެއް ރާވަމުންނެވެ. ތަފާތު ނަންނަމުގައި ޢީދުގެ ހާއްސަ ހަރަކާތްތަކެއް ކޮންމެ ރަޝަކުންވެސް އަންނަނީ ކުރިއަށް ގެންދިއުމަށް ރާވަމުންނެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު ދިވެހިންނަށް މިވަނީ އަޟްޙާ ޢީދު އެންމެ ފުރިހަމަ ގޮތެއްގައި ފާހަގަކުރުމުގެ ފުރުސަތު މިންވަރުކުރައްވާފައެވެ.

ލިބުނު މި ފުރުސަތުގެ ބޭނުންހިފާ، ޢީދުގެ އުފާ ލިބިގަތުމަށް އެންމެ ބޮޑު އުންމީދެއް ކުރާނެ އެއްބަޔަކީ ވެރިރަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނެވެ. "ކޮންކްރީޓު ޖަންގަލިން" ސަލާމަތްވެ، ބަރުގޮނުތަކާއި ބާރުބޮޑު ޓްރެފިކްތަކުން ސަލާމަތްވެ މިނިވަންކަމުގެ ޖައްވެއްގައި، އުފާވެރި މަޖާ ދުވަސްތަކެއް ފާހަގަކުރުމަށް މާލޭގައި ތިބި ރައްޔިތުން މިވަނީ ދަތުރު ފަށާފައެވެ.

ކުޑަ ކޮށްޓެއްގައި ބަންދުވެފައި ހުރުމަށްފަހު، ޖާގަ ތަނަވަސް ގޯތިތަކުގެ ތެރެއިން އުފާލިބިގަތުމަށް، ދަރިންކޮޅު ގޮވައިން އެ ދަރިންގެ މައިންބަފައިން މިވަނީ އުންމީދީ ދަތުރުތަކެއް ކުރަން ފަށާފައެވެ. މުޅި މާލެ ހުސްކޮށް، އަތޮޅުތެރޭގައި އީދުގެ އުފާ ލިބިގަތުމުގެ އުންމީދުގައެވެ.

ނޯތު، ހާބަރާއި އެއް ނަމްބަރު ޖެޓީއިން ފެށިގެން ދެންވެސް މާލޭގައި އަތޮޅުތަކަށް ދަތުރުކުރާ އުޅަނދުތައް ފުރާ، ލަފާ އެންމެހާ ޖެޓީ ތަކާއި ބަނދަރުތައް، މިހަފްތާ ފެށުނިއްސުރެ ފެނިގެންދަނީ މާލޭގެ އެންމެ ބާރުބޮޑު ސަރަހައްދުގެ ގޮތުގައެވެ. ޖުމްހޫރީ ޕާކުގެ ބެންޗުތަކުގައި އިށީނދެލައިގެން ތިބެނީ އެމީހުންގެ މަންޒިލަށް ގެންގޮސްދޭނެ ސަވާރީއެއްގެ އިންތިޒާރުގައެވެ. ނޯތު ހާބަރު ސަރަހައްދުގެ ބާރުބޮޑު ކަމާއި، ހޫނު ގަދަކަމަށް ބެލުމެއްނެތި އެތަނުގައިވެސް އެތައް ބަޔަކު އިންތިޒާރުގައި ތިބިތަން އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ.

ކަނޑުމަގުން ކުރާ ދަތުރުތަކުގެ އިތުރުން ވައިގެމަގުންވެސް އެތައް ދިވެހިންތަކެއް އަންނަނީ އެމީހުން ދާން ބޭނުންވާ މަންޒިލަސް ދަތުރުކަމުންނެވެ. މިއަދަކީ އެތެރޭގެ އުދުހުންތަކުގައި ރެކޯޑު އަދަދަކަށް ވައިގެ މަގުން މީހުން ދަތުރުކޮށްފައިވާ ދުވަހެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް މިކަން ފާހަގަކޮށްފައިވެއެވެ. އެމްއޭސީއެލް އިން ބުނީ ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓް މިއަދު 125 އަށް އެރި ކަމަށެވެ. އެއީ ވެސް ރެކޯޑެކެވެ. މި ދަތުރުތަކުގައި 3،300 އަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން މިރޭ ވަނީ ބުނެފައެވެ.

މިއަހަރުގެ ޖުލައި މަހަކީ ފަހަކަށް އައިސް ރާއްޖޭގައި ސަރުކާރު ބަންދު އެންމެ ގިނަ ދުވަސްތައް އަންނަ މަހެވެ. ހޮނިހިރު ދުވަހު ބޮޑު އީދު ފެށޭއިރު މިއަހަރުގެ އީދު ދިމާވެފައި ވަނީ ސްކޫލްގެ ބޮޑު ބަންދާއިއެވެ. އަދި މިމަހު ފަހުކޮޅު މިނިވަން ދުވަހާއި ގުޅިގެން ވެސް ގިނަ ދުވަސްތަކަކަށް ސަރުކާރުގެ އޮފީސްތައް ބަންދު ވާނެއެވެ.

ކޮންމެއަކަސް މި ޢީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ފަހުގެ ތާރީހެއްގައި އެންމެ ފޯރިގަދަވާނެ ޢީދަށް ވާނެއެވެ. ފެން ޢީދަކަށްވިޔަސް، އެކަމުގެ އުފާވެސް ދިވެހިން ލިބިގަންނާނެއެވެ. މޫސުން ރީތިނަމަ އަދި މި އުފާވެރިކަން މާބޮޑަށް އިތުރުވާނެއެވެ.

މިފަހަރުގެ ބޮޑު ޢީދު ފާހަގަކުރުމަށް އަތޮޅުތެރެއަށް ނުދެވޭ ފަރާތްތަކުންވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ. ވީމީޑިއާގެ ގާބިލް ޓީމަކުން، ބ. ދަރަވަންދޫގައި ކުރިއަށްދާ ޢީދުގެ ފޯރިގަދަ އެތައް ހަރަކާތްތަކެއް ވީޓީވީ މެދުވެރިކޮށް ތިޔަ ބޭފުޅުންނާއި ހަމައަށް ގެނެސްދޭއެވެ. މި ޢީދު އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ ރަށަކީވެސް އެއީއެވެ. އެހެންކަމުން މާލޭގައި ތިއްބަވާ ބޭފުޅުންނަށް، ގޭގެ ސިޓިންގރޫމުގައި ހުރެގެންވެސް މި ޢީދުގެ އުފާވެރިކަން ވީޓީވީ މެދުވެރިކޮށް ހޯދޭނެއެވެ.

"މަގޭ އީދު" ގެ ނަމުގައި ފޯރިގަދަ އީދެއް ފާހަގަކުރުމަށް ދަރަވަންދޫ ރަށު ކައުންސިލުން ތައްޔާރުވަމުންދާއިރު، އީދު ފާހަގަކުރުމަށް ދަރަވަންދޫގައި ރާވާފައިވާ ކުޅިވަރުތަކުގެ ތެރޭގައި އަސްރަފްތާޖެހުން، މަންގަލަންދަނޑި، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ކޯޑިކުޅުން އަދި ވާދެމުން ފަދަ ފޯރިގަދަ ސަގާފީ ގިނަ ކުޅިވަރުތައް ހިމެނެއެވެ. އަދި އެރަށުގައި ބާއްވާ ޢީދު ޝޯގައި، ދިވެހިންގެ އެއްބަނޑު ބައެއްގެ ގޮތުގައި ދެކޭ، މަލިކުގެ ހުނަރުވެރި ފަންނާނުންތަކެއްގެ ހުށަހެޅުންތަކެއްވެސް ފެނިގެންދާނެއެވެ.