(ބ. ދަރަވަންދޫން) "މަގޭ ޢީދު"ގެ ނަމުގައި ފޯރިގަދަ ޢީދަކަށް ދަރަވަންދޫ ތައްޔާރުވެފައިވާއިރު، ފާއިތުވެ ދިޔަ ދެތިން ދުވަހަކީ ވެސް މި ރަށުގައި ވަކި ފޯރި ކުޑަ ދުވަސްތަކެއް ނޫނެވެ. ޢީދުގެ ފޯރީގެ ކުރިއަށް މި ރަށުގައި އޮތީ ހިތާނީ ފޯރި ހިފާފައެވެ.

ރާއްޖޭގެ ރަށްރަށުގައި ކުދިން ހިތާނުކުރާ އެންމެ އާއްމު އެއް ދުވަސްވަރަކީ ސްކޫލް ބަންދެވެ. އެ ގޮތުން 2022 ވަނަ އަހަރުގެ މި ސްކޫލް ބަންދުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުދިން ހިތާނުކުރުން އެބަ އޮތެވެ.

ޢީދުގެ ކުރިން ރަށުން ބޭރުން މިކަމުގެ ފަންނީ ބޭފުޅަކު ގެނެސްގެން ދަރަވަންދޫގައި 4 ގެއެއްގައި ޖުމުލަ 7 ކުދިން ވަނީ ހިތާނުކޮށްފައެވެ. އަދި ސިއްހީ މަރުކަޒުގައި ވެސް ކުދިން ހިތާނުކޮށްފައި ވެއެވެ.

ދިވެހިންގެ ސަޤާފަތާއި އެއް ގޮތަށް މިއިން ކޮންމެ ގެއަކުން ވެސް ފެނުނީ "ހިތާނީ ފޯރި" ނެގުމަށް ވަރަށް ފޯރގަދަ މުނިފޫހިފިލުމުގެ ހަަރަކާތްތަކެކެވެ. މިގޮތުން ބޮޑުބެރުޖެހުން އަދި މި ނޫން ވެސް ފޯރިގަދަ ޝޯވތައް ކުދިން ހިތާނުކުރި ގޭގޭގައި ވަނީ މި ދެތިން ރޭ ކުރިއަށް ގޮސްފައެވެ.

ދަރަވަންދޫގައި މި ފަހަރު ގިނަކުދިން ހިތާނުކުރީ ރ. މީދުއަށް ނިސްބަތްވާ މި ދާއިރާގެ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ނަސްރުއެވެ. ނަސްރު އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި ހަަރަކާތްތެރިވަމުންނެވެ. މި އަހަރުގެ މިހާތަނަށް ނަސްރު ވަނީ ދަރަވަންދޫގެ އިތުރުން، ރ. މާކުރަތު، ރ. ދުވާފަރު، ރ. މީދޫ އަދި ރ. މަޑުއްވަރީގައި ކުދިން ހިތާނުކޮށްފައެވެ.

ދަރަވަންދޫގައި ހުރެ "ވީނިއުސް"އާ ވާހަކަދައްކަމުން، ނަސްރު ވިދާޅުވީ، ހިތާނުކުރުމަކީ އާމްދަނީ ހޯދުމުގެ ގޮތުން ވެސް ކުރަން ރަނގަޅު ހެޔޮ މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ މި ކަން ކުރަނީ ވިޔަފާރިއަކަށް ނުވަތަ އާމްދަނީއަކަށް ވުރެ ބޮޑަށް ދީނީ ކަމެއްގެ ގޮތުގައި ބަލައިގެންނެވެ. އޭނާ ވިދާޅުވީ، ހިތާނުކުރުމުގައި ދިވެހިން ބޭނުންކުރަމުން އައި ގަދީމީ ބޭސްވެރިކަންދޫކޮށްލައި އޭނާ އެ ކަަމަށް ބޭނުންކުރަނީ ޑޮކްޓަރީ ބޭސް ކަމަށެވެ.

ދަރަވަންދޫގައި މި ފަހަރު ހިތާނުކުރި ކުއްޖެއް ކައިރީގައި ނަސްރު --- ފޮޓޯ: މުޙައްމަދު މިޝަލް / ވީނިއުސް

ނަތީޖާއަކީ ހިތަނުކުރާ ކުދިން ފަސޭހަވުން އަވަސްވެ، އެ ކުދިންނަށް މާ ބޮޑު ވޭނެއް ނުވަތަ ތަކުލީފެއް އުފުލަން ނުޖެހުމެވެ.

"މިހާރު ދެން ކުރިން ބޭނުންކުރި ދިވެހިބޭސް ނުވަތަ ގަދީމީ ބޭހެއް ނޫން މި ބޭނުންކުރަނީ. ޑޮކްޓަރީ ބޭހުން މިކަން މި ކުރަނީ. މީގެ ނަތީޖާ މާ ރަނގަޅު. އަޅުގަނޑުމެން މިކަން މި ކުރަނީ އާމްދަނީއަކަށް ބަލައިގެނެއް ނޫން. ނަމަވެސް މިކަމުން އާމްދަނީ ހޯދަން ބޭނުންވާ މީހާ އަށް ވެސް ފަހި ފުރުސަތު އޮތް ދާއިރާއެކޭ މީ. ބޭނުންވަނީ މި ފަދަ ކަންކަމުގެ ތެރެއަށް ޒުވާނުން ވަަންނަން."
ނަސްރު

ހިތާނަކުރުމުގެ ތަޖުރިބާ ހުރި ނަސްރުގެ މަސައްކަތާއި ގުޅޭ އެންމެ ފަހުގެ އަދާހަމަތައް ދިނުމަށް އޭނާ ވަނީ "ނަސްރު ހިތާނީ"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ވެސް ހަދާފައެވެ. ދަރަވަންދޫގައި ކުދިން ހިތާނުކުރި ގޭގެއަށް ގޮސް ބެލެނިވެރިންނާއި ހިތާނުކޮށްފައިވާ ކުދިންނާ ސުވާލުކޮށްލުމުން ނަސްރުގެ މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭކަން ފާޅުކުރިއެވެ.

ޢީދުގެ ކުރިން ހިތާނީ ހަރަކާތްތައް ނިންމާލުމަށް ބެލެނިވެރިން ވަނީ ނިންމާފައެވެ. އެއީ ޢީދުގައި ރަށުގައި ވަރަށް ފޯރިނަގާނެ ކަމަށް ބެލެވޭތީ، އެ ފޯރީގައި އެ މީހުން ވެސް ބައިވެރިވުމަށެވެ.

އަޟްޙާ ޢީދުގެ ރަސްމީ ހަަރަކާތައް ހައްޖުދުވަހުގެ ރެއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ދަރަވަންދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން ޝާމިލްވާ ގޮތަށް އެރަށުގައި ކުރިއަށްދާނެއެވެ. މީގެތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ ހަރަކާތްތައް ވީޓީވީން ވަގުތުން ގެނެސްދޭން ހަމަޖެހިފައިވާއިރު، ފޯރި ވަކި ކުޑަނުވާނެ އެހެން ހަރަކާތްތަކުގެ މަންޒަރުތައްވެސް ވީޓީވީން އެކި ވަގުތުތަކުގައި ގެނެސްދޭނެއެވެ.

ޢީދުގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ހަވާއެރުވުމާއި ޢީދު ހުޅުޖެހުން ހައްޖުދުވަހުގެ ރޭގަނޑަށް ވަނީ ތާވަލުކޮށްފައެވެ.