މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑު އަތޮޅު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ޢީދު ފެސްޓިވަލް" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އައްޑު އަތޮޅު މީދޫ ޒުވާނުން އިސްނަގައިގެން އިންތިޒާމްކުރާ މި ހަރަކާތުގައި، ކުލަ މަޖާ، ފެން ކުޅި، ކުޑަކުދިންގެ ހަވީރު އަދި އީދު ޝޯވ ފަދަ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން ޢީދު ހަދިޔާ އާއި އެކި އިނާމުތައް ދިނުމާއި ޢީދު ސައިވެސް އޮންނާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ހަރަކާތާ ގުޅޭގޮތުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދް ވިދާޅުވީ، އައްޑޫ ޢީދު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މުޖުތަމަޢުގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ޝައުގުވެރިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފެސްޓިވަލް އިންތިޒާމް ކުރައްވާ ފަރާތެއްކަމުގައިވާ މީދޫ ޑައިނެމިކް ކޮމިއުނިޓީގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް، ޙައްވާ މުޙައްމަދު ބުނީ، އަޟްޙާ ޢީދުގެ އުފާފާޅުކުރުންތަކަކީ އައްޑޫ ސަގާފަތުގެ ވަރަށް މުހިންމު ބައެއް ކަމަށް ވާތީ، މިފަދަ ކުލަ ގަދަ ޙަފްލާއެއް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ދިރާގުން ފޯރުކޮއްދޭ އެހީތެރިކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށެވެ.

މުޖުތަމައުގައި ހިނގާ އެކިއެކި ހަރަކާތްތަކާއި ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ކުރިއެރުވުމަށް ދިރާގުން އަބަދުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.