އާރުޑީސީއާއެކު ވެފައިވާ އެގްރީމެންޓުގައި ވަކި މަގެއް ހަދަން ނޯންނާނެ ކަމަށާއި، އޮތީ މާލޭގެ ހުރިހާ މަގުތައް ތަރައްޤީކުރުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި މަގު ހެދުމުގެ މަޝްރޫޢުއާއި ގުޅޭ ގިނަ ތަފްސީލްތަކެއް މަބްރޫކް ވަނީ ހާމަކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ ސިޓީ ކައުންސިލާއެކު އާރުޑީސީން ހަދާފައިވާ 13 ސެގްމަންޓުގެ އެގްރީމަންޓުގައި އަމީނީ މަގު ހިމެނޭ ކަމަށާއި އާރުޑީސީއާއެކު ވެފައިވާ އެގްރީމެންޓުގައި ވަކި މަގެއް ހަދަން ނޯންނާނެ ކަމަށެވެ.

އަދި އޮތީ މާލޭގެ ހުރިހާ މަގުތައް ތަރައްޤީކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަތަރު އަވަށުގައި އިންނާނެ އަމީނީ މަގު. އެހެންވީމަ ހެންވޭރު ދެކުނު ސެގްމަންޓު ހަދާއިރު އަމީނީ މަގު ވަންނާނެ. މާފަންނުގެ އެފަޅިންވެސް ހަމަ އަމީނީ މަގު ވަންނާނެ. އެހެންވީމަ އެއްކޮށް ހަދާ ނިމޭއިރު އަމީނީ މަގުވެސް އޮންނާނީ ހެދިފައި."
ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު މަބްރޫކް

ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންވަނީ ޤާނޫނާއި ޚިލާފަށް ޕްލޭނިންގް މިނިސްޓްރީން އެގްރީމެންޓު ބާތިލުކުރި މައްސަލައިގައި "ޤާނޫނީ ފަރުވާ ހޯދުމަށް" ކޯޓު މަރުހަލާއަށް ދިއުމަށް ފާސްކޮށްފައެވެ.

އަމީނީ މަގުގެ މައްސަލަ ބޮޑުވެފަވާއިރު ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ފެށޭނެ ކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އެގޮތުން މަގުގެ ޑިޒައިން މަސައްކަތާއި ސަރވޭގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި އަދި ސަރވޭގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.