ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 1،167 ތަނެއް މިހާރު ވަނީ ހުޅުވާލާފައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއީ 58،674 ބެޑް ކެޕޭސިޓީއެއް ހިމެނޭ، 170 ރިސޯޓާއި، 843 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 838،225 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިން ކަމަށެވެ. މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 123،687 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، 98،621 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުން ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ރަޝިޔާ، ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސުވިޓްޒަލޭންޑް، ސައުދި އަރަބިއްޔާ އަދި ސްޕެއިންއެވެ.

ސަރުކާރުގެ މި އަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމަށް ކަމަވެސް މިނިސްޓްރީން ވާނީ ބުނެފައެވެ.