ދިވެހިރާއްޖެއަކީ އަހްވަންތަކަމާއި އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ، އަމާންކަމުގެ ފަށުވި ފޭރާމުން ޖަރީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ޒިޔާރަތްކުރާ ދުނިޔޭގެ ކަންކޮޅުތަކުގެ މެހެމާނުން ސިފަކުރެއެވެ.

އަމިއްލަވަންތަކަމާ، ސަގާފަތަށް ލޯބިކުރާ، އެކަންކަން ދިރުވާ އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔަކު ދިރިއުޅޭ ދީބެކެވެ.

ގަދަ ނޫކުލައިގެ ސާލެއްގެ މަތީގައި ރަން މުތްތަކެއްހެން އެތުރިފައިމިވާ ކުޑަކުޑަ ދިވެހިރާއްޖޭގެ އުތުރުން، ބ. ދަރަވަންދޫގެ ރަށްވެހިންނަކީ މިފަދަ އެތައްކަމެއްގައި ވަކިން ފާހަގަކޮށްލަން ޖެހޭ ޝަހްސުންތަކެކެވެ. އަހުވަންތަ، އެއްބައިވަންތަ ބައެއްގެ ގޮތުގައި އަމާން ވެށްޓެއްގައި ސާދާ ދިރިއުޅުމެއް އުޅެމުން އަންނަ ލާމަސީލު ބަޔަކު ދިރިއުޅޭ ރަށެކެވެ.

މަގޭ ޢީދުގެ ނަމުގައި ދަރަވަންދޫ އިން 1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ތަފާތު އެކިއެކި ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، ޢީދުގެ ފުރަތަމަ ދުވަހުގައި ދުވަހުގައިވެސް ފޯރިގަދަ، މުނިފޫހިފިލުވަނިވި އެތައް ހަރަކާތްތަކެއް މިރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ޢީދުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރާ ޢީދު ނަމާދުން ފެށިގެން ފުރަތަމަ ދުވަހުގެ ހަރަކާތްތައް ނިމިގެންދާއިރުވެސް، ކޮންމެ ހަރަކާތެއްވެސް ފެނިގެންދަނީ އޭގެ ކުރިން ބޭއްވި ހަރަކާތަށްވުރެ ފޯރިގަދަކޮށެވެ. އެހާމެ މަޖާކޮށެވެ.

ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސް

ޢީދުގެ ކަވަރޭޖަށް ވީމީޑިއާގެ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ދަރަވަންދޫއަށް އައިސްފައިވާއިރު، މި ދަތުރުގައި މުޅި ޓީމަށްވެސް އިއްތިފާގުވެވުނު ހާއްސަ ކަމެއް އެބައޮތެވެ. އެއީ މި ހުރިހާ ހަރަކާތެއްގައިވެސް، ހަރަކާތުގައި ބައިވެރިވުމުގެ ގޮތުންނާއި، ފޯރިނަގާ ކުޅިބެލުމަށްވެސް، އެއްބައިވަންތަކަމާއެކު ގުޅިގެން ގިނަ ބަޔަކު އެ ހަރަކާތެއް ކުރިއަށްދާ ސަރަހައްދަށް އަންނަކަމެވެ.

ދަތުރުގައި ބައިވެރިވާ ވީޓީވީގެ ކްރޫ

އެގޮތުންވެސް ޢީދުގެ ފުރަތަމަ ދުވަހުގައި އެންމެ ފާހަގަކޮށްލެވުނީ މެންދުރުފަހު ދަންފަޅީގައި ކުރިއަށްދިޔަ ހަރަކާތްތަކުން ފެނިގެންދިޔަ ކަންކަމެވެ. ފަހަރެއްގައި މި ދެހަރަކާތަކީ އާންމުންގެ ބައިވެރިވުމާއެކު، އެފަރާތްތައް މުނިފޫހިފިލާނެ ގޮތަކަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ.

މެންދުރުފަހު ވީޓީވީގެ ފަހުގެ ޚަބަރަށްފަހު ދެން ވީޓީވީގެ އަހުލުވެރިންނަށް ފެނިގެންދިޔައީ އެތައް ވައްތަރެއްގެ މާލި ތަކަކާއިއެކު ބޭއްވި ފިރިހެނުންގެ މާލި ޕެރޭޑެވެ. ރަށުގެ ކުދިބޮޑު ފިރިހެނުންގެ މި މާލި ޕެރޭޑުގައި މާއްޔެއްގެ ގޮތުގައި ބައިވެރި ނުވިނަމަވެސް، ކުޅިބެލުމަށާއި، ފޯރިނެގުމަށް ގިނަ އަދަދެއްގެ ކަނބަލުންވެސް އައިސްތިބިކަން ފާހަގަކުރެވުނެވެ. ވަކި އުމުރެއް ނެތިއެވެ. ރަށުގެ ރަށްވެހިންގެ އިތުރުން ޢީދަށް މިރަށަށް ދަތުރުކުރި މެހެމާނުންނާއި، އެކި ކަރަކަރައިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންވެސް ހިމެނޭހެންނެވެ.

ފޮޓޯ / ގްރެފިކްސް:- ވީނިއުސް

ރަށުގެ ބޮޑެތި މަގުތަކުގައި މާލިތައް ބޮޑުބެރުޖަހަމުން އޭގެ ހަމަތަކަށް، ފަރިގޮތަކަށް ނަށަމުންދިޔައިރު، ހަދިޔާ ގޭގޭގެ ކުރިމަތީގައި ހާއްސަ ހުށަހެޅުންތަކެއް ބާއްވާ، އިހްތިރާމާއިއެކު މި ހަދިޔާތަކާއި ހަވާލުވިތަންވެސް ފެނިގެންދިޔައެވެ.

އެއަށްފަހު ހަވީރު 4:30 ކަންހާއިރު، ރަށުގެ ކުދިބޮޑު އެންމެނާއި، ރަށަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއްވެސް ވަނީ ވަކި ސަރަހައްދަކަށް ޖަމާވެފައެވެ. އެންމެފުރަތަމަ ޖަމާވީ ރަށުގެ ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދުގެ ހަތަރު އަނގޮޅި ކަންމައްޗަށެވެ. އަންހެން ކަނބަލުންގެ ފަރި ހަރަކާތްތަކާއެކު ކުރިއަށްދިޔަ އަސްރަފްތާ ހަރަކާތް ބަލާލުމަށެވެ. މި ނެށުމާއި ބެހޭގޮތުން "ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރ ފަރަޙަ އާދަމް ވިދާޅުވީ އަސްރަފްތާ ޖެހުމަކީ ކޮންމެ އަހަރަކުވެސް އީދު ފާހަގަކުރުމަށް ކުޅޭ ކުޅިވަރެއް ކަމަށާއި އެއީ ދަރަވަންދޫގެ ހާއްސަ ނެށުމެއް ކަމަށެވެ.

އަންހެނުންގެ އަސްރަފްތާގެ ބައިވެރިންނާއެކު ނައިބު ރައީސް ފައިސަލް ނަސީމް- ފޮޓޯ:- ޒިދާން / ވީނިއުސް

ފޯރިގަދަ އެތައް ލަވަޔަކަށް، ބޮޑުބެރުގެ ގަދަ ބުން އަޑާއެކު މި ހަރަކާތް މިއަދު ކަނބަލުން ކުރިއަށް ގެންދިޔަނަމަވެސް، ޢީދުގެ ދެވަނަ ދުވަހުގެ ހަވީރު އޮންނާނީ ފިރިހެން ފަހުލަވާނުންގެ އަސްރަފްތާ ނެށުމެވެ. ފާހަގަކޮށްލެވޭ ކަމަކީ، އަސްރަފްތާ ނެށުމުގައި ބޭނުންކުރާ ލަވަތަކަކީ، އަދި މިފަހަރުގެ ޢީދުގައި ދަރަވަންދޫއިން އިވިގެންދާ ލަވަތަކަކީ މިރަށުގެ ރައްޔިތުންގެ ފަންނުވެރިކަން ފެނިގެންދާ އެފަރާތްތަކުގެ އަމިއްލަ ލިރިކްސް އިން ހަދާފައިވާ ލަވަތައް ކަމެވެ.

އަންހެނުންގެ އަސްރަފްތާގެ ބައިވެރިން- ފޮޓޯ:- ޒިދާން / ވީނިއުސް

މިފަދަ އެތައް ކަމަކުން، އެތައް ހަރަކާތަކުން، ފެންނަ ކޮންމެ މަންޒަރަކުން އެނގި ސާފުވަނީ މި ރިޕޯޓު ފެށިއިރު އަޅުގަނޑު ފާހަގަކުރި ކަންތަކެވެ. ދަރަވަންދޫގައި ޢީދު ވިލޭރެއިން ފެށިގެން ޢީދުގެ ފުރަތަމަ ދުވަހުގެ މައިގަނޑު ހަރަކާތްތައް ނިމުނުއިރުވެސް، ފެނިގެންދިޔަ ރަށު ރައްޔިތުންގެ އެއްބައިވަންތަކަމެވެ. އެކުވެރިކަމެވެ. ގުޅިގެން ކަންކުރަން މަސައްކަތްކުރާ ކަމެވެ. އެއް ރޫހެއްގައި، އެއް އަޒުމެއްގައި މި ޢީދު ދަރަވަންދޫގައި ފާހަގަކުރާ ފަރާތްތަކަށް އުފާވެރި، މަޖާ، މުނިފޫހިފިލުވަނިވި ޢީދަކަށް ހަދަން މަސައްކަތްކުރާ ތަނެވެ. އަދި އެކަން ޙާސިލްކުރާތަންވެސް މެއެވެ.