ބ. ދަރަވަންދޫގައި މި އަހަރުގެ ފުރަތަމަ ޢީދު ޝޯވ ބާއްވައިފިއެވެ.

ދަރަވަންދޫ "މަގޭ ޢީދު"ގެ ފުރަތަމަ ޝޯވ ރޭ ބާއްވައިފައި ވާއިރު، މި ޝޯވގައި ދަރަވަންދޫ އަދި އަވަށްޓެރި މަލިކުން ދަރަވަންދުއަށް އައި ފަންނާނުންގެ ޓީމުން ހުނަރުތައް ދައްކާލާފައިވެއެވެ.

މި ޝޯވގައި މަލިކުގެ އަންހެން އަދި ފިރިހެން ޓީމެއް ވަކިވަކިން ވަނީ އެ މީހުންގެ ފަރި ހަރަކާތްތައް ބެލުންތެރިންނަށް ދައްކާލާފައެވެ. ފަންނުވެރި މަލިކު މީހުންގެ އެ ހަރަކާތްތަކާއެކު ސޯވ އިތުރަށް ފުރިހަމަވީ ދަރަވަންދޫގެ ފަންުވެރިންގެ ހަރަކާތްތަކުންނެވެ. މި ގޮތުން ނެށުންތަކާއި ބޮޑުބެރާއި މަންގަލަންދަނޑި ޖެހުމުން އެ ސަރަހައްދަށް އެއްވެފައި ތިބި އެތައް ބައެއްގެ ލޭކައްކުވާލިއެވެ.

މި ޝޯވގައި ބ. އަތޮޅު މަދަރުސާގެ މުވައްޒަފުން، ބ. އަތޮޅު މަދަރުސާގެ ދަރިވަރުން، ދަރަވަންދޫ ސިއްހީ މަރުކަޒާއި ޒުވާނުންގެ ހިތްގައިމު ހުށަހެޅުންތައް ފެނިފައި ވެއެވެ.

މަގޭ ޢީދުގެ ފުރަތަމަ ޝޯވގެ ތެރެއިން ---- ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސް

ފޯރިގަދަ އެ ޝޯވ ފަށާފައި ވަނީ، މަގޭ ޢީދުގެ ހަރަކާތްތައް ހިންގުމަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހަނދާނީ ހަދިޔާއެއް ދިނުމުންނެވެ. މި ހަދިޔާ އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ މަގޭ ޢީދުގެ ޝަރަފުވެރި މެހެމާން ރައީސުލްޖުމްހޫރިއްާގެ ނައިބު ފައިސަލް ނަސީމެވެ.

މި ޝޯވ ބައްލަވާލެއްވުމަށް އެމަނިކުފާނާއި އެ މަނިކުފާނުގެ އާއިލާ ވަނީ ދަރަވަންދޫ ސްޓޭޑިއަމްއަށް ގޮސްފައެވެ.

ވީޓީވީން ލައިވްކުރި، ވަރަށް ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ މި ޝޯވ، މޫސުން ތަންނުދިނުމުގެ ސަބަބުން ވަނީ ވަކި ހިސާބަކުން ހުއްޓާލާފައެވެ. މި ޝޯވ ޕްރެޒެންޓްކޮށްފައި ވަނީ ވީމީޑިއާގެ ޕްރެޒެންޓަރުންނެވެ.