މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ތަރައްގީކުރަމުން ކ. ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މިނިވަން ދުވަހު އާންމުންނަށް ހުޅުވުމަށް އަމާޒުހިފައިފިއެވެ.

އެގޮތުން، ސަރުކާރުގެ ކުންފުނިތަކަކުން ގެންދަނީ އެ ރަށް ފެހިކުރުމަށް ގަސް އިންދަމުންނާއި އެ ރަށުގައި ކުރަންހުރި މަސައްކަތްތައް ނިންމުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޕިކްނިކް އައިލެންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި މިހާރު ހިނގަމުންދާ މަސައްކަތްތަކާއި އިތުރަށް ކުރަން ހުރި ކަންކަން އޮޅުންފިލުއްވާފައެވެ.

ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން އެރަށުގައި ކަރަންޓް ކޭބަލް އަޅާފައިވާއިރު އެރަށުގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ އަށެވެ. އަދި އެރަށުގައި މިހާރު މިސްކިތެއް ބިނާކުރަމުންދާއިރު ދަތުރު ގޮސް އާންމު ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެއެވެ.

ކުޑަގިރި ފަޅުގައި ހަދާފައިވާ ޕިކްނިކް އައިލެންޑްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު ކ. އެނބޫދޫފަޅުން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައިވެސް ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.