ޖުމްހޫރީ ޕާޓީގެ ލިޑަރ ގާސިމް އިބްރާހީމަކީ މީހަކަށް ދެރައެއްދީގެން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލަށްލުމަކީ ގާސިމް އިބްރާހީމް ވެރިކަމަށް އައުމަށް ހުޅުވޭ ފަހި ދޮރެއް ކަމަށް ބުނެ އޮންލައިން ނޫސް "އަވަސް" އިން ޝާއިއުކޮށްފައިވާ ލިޔުން ކުށްވެރިކޮށް ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ ގާސިމް އިބްރާހީމަކީ މީހަކަށް އަނިޔާވެރިވެގެން ނުވަތަ ދެރައެއްދީގެން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އަދި ސިޔާސީ ބޭފުޅުން ޖަލަށްލައްވައިގެން ވެރިކަމަށް ވަޑައިގަންނަވަން ގާސިމް ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެކަން ފާހަގަކުރައްވާ އަލީ އާރިފް ވިދާޅުވީ ގާސިމް އިބްރާހީމަކީ އެހާ ދެރަވަރު ބޭފުޅެއް ނޫން ކަމަށެވެ.

އެހެން މީހުންގެ މައްޗަށް ނިކަމެތިކަން ލިބޭ ގޮތަށް ވިސްނަވައިގެން އެހެން މީހުންނަށް ދެރައެއްދީގެން އޭގެ މަންފާ ނަގައިގެން ވެރިކަމަށް ވަޑައިގަންނަވަން ޖެހޭ ބޭފުޅެއް ނޫން ގާސިމަކީ. އެއަށްވުރެ މާ ފުދިފަ ހުންނެވި ބޭފުޅެއް ގާސިމަކީ. އެހެން މީހަކަށް އަނިޔާއެއް ދީގެން ވަޑައިގަންނަވަންޖެހޭ ވެރިކަމެއް ނެތޭ މި ރާއްޖެއަކު. ގާސިމް އިބްރާހީމް ވެރިކަމަށް ވަޑައިގަންނަވަން ވާދަކުރައްވާނަމަ އެމަނިކުފާނު ވާދަ ކުރައްވާނީ ރޭހުގައި ދެންތިބީ ކޮން ބައެއްތޯ ބަލާފައެއްނޫން އިނގޭތޯ. އެއަށްވުރެ ކެރިގެން ނިކުންނަވާނީ. ގާސިމް އިބްރާހީމާ ނުލާ ވެރިކަމަށް ވަޑައިގަނެވެނު ބޭފުޅަކު އެބަހުރިތޯ މި ރާއްޖޭގަ؟."
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް

ފާއިތުވެގެންދިޔަ ތިން ރިޔާސީ އިންތިޚާބުގައިވެސް ކޮންމެ ލީޑަރަކުވެސް މުގޯލިއެޅީ ގާސިމް އިބްރާހީމް ގާތުގައި ކަމަށާއި ގާސިމް އިބްރާހީމް ސިޔާސީ މަސައްކަތް ކުރައްވަނީ މީހަކަށް ދެރައެއްދީގެން ނޫން ކަމަށްވެސް އަލީ އާރިފް ވިދަޅުވިއެވެ.

އަދި އެމަނިކުފާނަކީ ދުވަހަކުވެސް މީހަކަށް ދެރައެއް ދީގެން ނުވަތަ ދެރައެއް ދޭން މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫންކަން ރައްޔިތުން ގަބޫލުކުރައްވާނެ ކަމަށާއި ރައީސް ޔާމީން ޖަލަށްލައްވައިގެން ގާސިމް ކުރައްވާނެ ވެރިކަމެއް ނެތް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.