ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ބ. ދަރަވަންދޫ ސޯސަން މަގު ރަސްމީކޮށް ހުޅުވައިފިއެވެ.

ދަރަވަންދޫ ސޯސަންމަގު ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ދަރަވަންދުއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު މެންދުރު ފަހުއެވެ.

ސޯސަން މަގުގެ އިތުރުން ނައިބު ރައީސް ވަނީ ދަރަވަންދުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ "ޖޯލި ޕާކު" އަދި ބަނދަރު ސަރަހައްދުގައި ހުރި ދަރަވަންދޫ މޮނިއުމެންޓް ވެސް ހުޅުއްވައިދެއްވާފައެވެ. ޕާކު ހުންނާނީ ސޯސަންމަގުގައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ދަރަވަންދުއަށް ވަޑައިގަތީ ހައްޖު ދުވަހުގެ ރޭގައެވެ.

މިއީ ދަރަވަންދޫ ކައުންސިލްގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުލުގައި އެމަނިކުފާނުގެ އަރިހުގައި އާއިލާ ވެސް ބައިވެރިވެލައްވައެވެ.

މި ދަތުރުފުޅުގައި މީގެކުރިން އެމަނިކުފާނު ވަނީ މަގޭ ދަރަވަންދޫ މޮނިއުމަންޓް ހުޅުވައިދެއްވާޢީ، ރަސުގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް ހިންގޭ ހަރަކާތް "މަގޭ ދަރަވަންދޫ" ހަރަކާތް އިފްތިތާހް ކޮށްދެއްވައެވެ.

ނައިބު ރައީސް ވަނީ ދަރަވަންދޫގައި ކުރިއަށްދާ ޢީދު ކުޅިވަރުތައް ބައްލަވާލައްވައި، ރައްޔިތުންގެ ހާލު ގާތުން އޮޅުންފިލުވާލެއްވުމަށް ރަށުގެ ބައެއް ރައްޔިތުންނާ ރަށު ތެރެއިން ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ޢީދު ދުވަހު ރައްޔިތުންނާ އީދު ސަލާމްވެސް ކުރައްވާފައި ވެއެވެ.