ބ. ދަރަވަންދޫ "މަގޭ ޢީދު" ގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިއަށްދިޔަ އަންހެނުންގެ މާއްޔާއި ފިރިހެނުންގެ އަސްރަފްތާ ނެށުން ވެސް ކުރިން ކުރިއަށް ދިޔަ ހަރަކާތްތައްހާ ފޯރިގަދައެވެ.

ޢީދުގެ ދެވަނަ ދުވަހުގެ ކުޅިވަރުތަކުގެ ބޮޑު ބައެއް ނިމިފައިވާއިރު، މޫސުން ގޯސްވި ނަމަވެސް މިއަދަށް ތާވަލުކުރި ކަންކަން ކުރިއަށް ގެންދިޔައެެވެ.

މެންދުރު ފަހު އެންމެ ފުރަތަމަ އޮތީ އަންހެނުންގެ މާލި ނެރުމެވެ. ވެހޭ ވާރޭގައިވެސް ނިކަން ފޯރީގައި މި ހަރަކާތް ކުރިއަށް ދިޔައިރު، ކުޅި ބަލަން ނުކުތް މީހުންވެސް މަދެއް ނޫނެވެ.

ފިރިހެނުންގެ އަސްރަފްތާޖެހުން --- ފޮޓޯ: ޒިދާން މުހައްމަދު / ވީނިއުސް

ދެން އޮތީ ފިރިހެނުންގެ އަސްރަފްތާއެވެ. އަސްރަފްތާއަކީ އެހެން ރަށްރަށުގައި ކިޔާ ގޮތަށް ބުނާނަމަ ކުރުފަލި ޖެހުމެވެ.

ނަމަވެސް ދަރަވަންދޫގައި މިނެށުމުގައި ހުރި ހަރަކާތްކުގައި ތަފާތުތަކެއް ހުރެއެވެ. އެ ތަފްސީލަށް ދާކަށް ނެތީމެވެ. ވީޓީވީން ފޭސްބުކް އަދި ޓުވިޓަރގައި ސްޓްރީމްކޮށްފައިވާ ލައިވް ބައްލަވާށެވެ. ކުރިފަލިޖެހުން އޮންނަ ރަށްރަށުގައި މިނެށުން ހުށަހަޅާ ގޮތް އެނގޭ މީހަކަށްނަމަ ތަފާތު ފާހަގަވާނެކަން ޔަގީނެވެ.

ފިރިހެނުންގެ އަސްތަފްތާގެ ފުރަތަމަ ބުރު ކުރިއަށް ގެންދިޔައީ ބ. އަތޮޅު މަދަރުސާ ހޯލްގައެވެ. ވިއްސާރައިގެ ސަބަބުން ހޯލްގައި އެއްބުރު ކުރިއަށް ގެންދިއުމަށް ފަހު ދެވަނަ ބުރު ކުރިއަށް ގެންދިޔައީ ވިއްސާރަ ތުނިކޮށްލުމުން ސޯސަން މަގުގައެވެ. އެހެން ނަމަވެސް ތެމޭ ވަރަށް ހިމަފޮދު ވާރޭ ވެހުނެވެ.

ވާރޭގެ ތެރޭގައި އަސްރަފްތާ ކުރިއަށް ގެންދިޔަ ނަމަވެސް ވިއްސާރަ އަލިކޮށް އޮއްވާ އިއްޔެ ކުރިއަށް ގެންދިޔަ އަންހެނުންގެ އަސްރަފްތާ ނެށުމަށް ލިބުނު ތަރުޚީބަށް ވުރެ ބޮޑު ތަރުޚީބެއް ފިރިހެނުންގެ އަސްރަފްތާއަށް ލިބުނެވެ.

މި ފާހަގަކުރީ ނިސްބަތުން ތަރުހީބު ބޮޑު ވާހަކައެވެ. އަންހެނުންގެ އަސްރަފްތާ ނެށުމަށް ވެސް ފޯރީގައި ކުޅިބަލަން ތިބި މީހުން ތަރުޚީބު ދިނެވެ.

އަންހެނުންގެ މާލި --- ފޮޓޯ: ޒިދާން މުހައްމަދު / ވީނިއުސް

ދަރަވަންދޫ އިން މިއަދު ސާބިތުކޮށްދިނީ މޫސުން ގޯސްވި ނަމަވެސް ބަދަހި ގުޅުމެއް އޮތް ރަށްވެހިންތަކެއް ނުކުމެ، އެއް ވާނެއްގައި ކުރަން ހިފައިފިނަމަ، "ފެން ޢީދަކަށް" ނުވާނެ ކަމެވެ.

ހިތްވަރު ހުރިއްޔާ ބޯ ކެރީގައިވެސް ހޫނު އަވީގައިވެސް ކުޅިވަރު ކުޅެވޭނެއެވެ. ތަރުޚީބު ވެސް ދެވޭނެއެވެ. އެކަމަކު ގިނަ ފަހަރު ނުފެންނަ ކަމަކީ ދަރަވަންދޫން މި ފަންނަ ހިތްވަރާއި ފަންވަރެވެ.