1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ޢީދުގެ ތިންވަނަ ދުވަހުގައި ކުރިއަށް ގެންދިޔަ ހާއްސަ ކުޅިވަރު، ތުވާލި ބޯޅަ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހެޕީ މާކެޓް ތުވާލި ބޯޅަ މުބާރާތުގެ ނަމުގައެވެ. މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކޮށްފައިވެއެވެ.

ތުވާލި ބޯޅަ އަކީ ދަރަވަންދޫ ރައްޔިތުންގެ އަމިއްލަ ކުޅިވަރެކެވެ. "ވީނިއުސް" އާއި ވާހަކަދައްކަމުން މި ކުޅިވަރު ތައާރަފްކުރުމުގައި އިސްކޮށް އުޅުނު ރިޔާޒް ބުނީ، މިއީ އިޓަލީ މީހުން ކުޅުނު ކުޅިވަރަކަށް ބޮޑު ބަދަލުތަކެއް ގެނެސް، އަމިއްލަ ސިފަތަކެއް މީގެ ތެރެއަށް ވައްދައިގެން ތައާރަފްކުރި ކުޅިވަރެއް ކަމަށެވެ.

އަދި މި ކުޅިވަރު ތައާރަފްކުރިތާ ފަސްވަރަކަށް އަހަރު ފާއިތުވެފައިވާ ކަމަށާއި، މިއީ ދަރަވަންދޫ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކުޅިވަރެއްކަން ރިޔާޒް ފާހަގަކުރިއެވެ.

"މި ކުޅިވަރަކީ އަޅުގަނޑު ތަޢާރަފްކުރި ކުޅިވަރެއް. ރިސޯޓުގަ އުޅުންއިރު އިޓަލީ މީހުންތަކެއް ކުޅުނު ކުޅިވަރެއް މިއީ. ދެން މިއަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެއްސަ، އަމިއްލަ ގޮތްތަކެއް މީގެތެރެއަށް ގެނެސްގެން މި ތައާރަފްކުރީ. ކުޅިވަރު ތައާރަފްކޮށްފައި މިވަނީ މީގެ ގާތްގަނޑަކަށް ފަސްވަރަކަށް އަހަރުކުރިން. ފުދޭވަރަކަށް ދުވަސް ވެއްޖެ މިތާނގަ މި ކުޅެމުންދާތާ".
ތުވާލި ބޯޅަ ތައާރަފްކުރުމުގައި އިސްކޮށް އުޅުނު ރިޔާޒް

ރިޔާޒް ބުނީ މި ކުޅިވަރަކީ ވޮލީބޯޅަ އާއި ގަވައިދުގެ އޮތުން އެއްގޮތްކަމެއް ހުންނަ ކުޅިވަރެއް ކަމަށެވެ. ވޮލީގައި ބޯޅަ އެ ފަޅިއަކަށް އައުމުން ތިން ކުޅުންތެރިންނަށް ބޯޅައިގައި ޖެހުމުގެ ފުރުސަތު އޮންނައިރު، މި ކުޅިވަރުގައި ބޯޅައިގެ ބަދަލުގައި ބޭނުންކުރާ ފުއްޕާހަން، ތުވާއްޔަށް ބޯޅަ ރިސީވް ވުމުން ބޭއްވޭނީ ތިން ސިކުންތު ކަމަށް އޭނާ ބުންޏެވެ. އަދި ކޮންމެ ކޮޅަކަށް ބޯޅަ އަޔަސް ތިން ތުވާއްޔަށް ފުއްޕާހަން އެއްލުމަށް ފަހުގައިވެސް އަނެއް ކޮޅަށް ފުއްޕާހަން ފޮނުވާލެވޭނެކަމަށް ރިޔާޒް ބުންޏެވެ.

މި ކުޅިވަރުގައި ކޮންމެ މެޗެއްގައި ކުޅެނީ ދެ ސެޓެވެ. 4 މިނެޓުގެ ސެ ޓު ކުޅޭއިރު، ޖުމްލަ 8 މިނެޓު ހަމަވާއިރު ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެނަމަ ދެން ކުޅޭނީ ގަދަ ހިފުމުގައި ކުޅޭ ސެޓެވެ. ދެސެޓު ކުޅެ ނިމޭއިރު ޕޮއިންޓުގެ ގޮތުން ކުރީގައި އޮންނަ ޓީމެއް މޮޅުވާނެއެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު ބެލުމަށްފަހުގައި ނޮކްއައުޓް އުސޫލުންވެސް އަދި ގްރޫޕް ތަކަކަށް ބަހާލައިގެން ޕޮއިންޓު އުސޫލުންވެސް މުބާރާތް ކުރިއަށް ގެންދެއެވެ.

ވާދަވެރި މާހައުލެއްގައި ގިނަ ޓީމުތަކެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ހެޕީ މާކެޓް ތުވާލި ބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ އެއްކަލަ ޓީމެވެ. އެއްކަލަ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޓީމް ސްޕިނެޗް އަތުން ކުރިހޯދައިގެންނެވެ.

ހާއްަސ ދުވަސްތަކުގައި ތުވާލި ބޯޅަފަދަ އެތައް އައު ކަންތައްތަކެއް ދަރަވަންދޫގައި އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން އަސްރަފްތާ ޖެހުން، މިއީވެސް ދަރަވަންދޫ އަށް ހާއްސަ ހަރަކާތެކެވެ.

މަގޭ ޢީދުގެ ނަމުގައި އީދުގެ އުފާ ފާޅުކުރުމަށް ދަރަވަންދޫގައި އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ވާދެމުމުގެ މުބާރާތަކާއި، މާލި ޕެރޭޑާ މީގެއިތުރުން ސްޓޭޖް ޝޯތައްވެސް ދަރަވަންދޫގައި މި ޢީދުގައި އަންނަނީ ބާއްވަމުންނެވެ. ދަރަވަންދޫގައި ކުރިއަށްދާ ސްޓޭޖް ޝޯ ތަކުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ މި ޝޯތަކުގައި މަލިކުގެ ފަންނުވެރިންވެސް ޕާފޯމްކުރާކަމެވެ.