90 ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އެކްޓަރު ސުނިލް ޝެޓީ އޭނާގެ ފުރަތަމަ ވެބް ސީރީސް ކުޅެން ތައްޔާރު ވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެކެސް ޕްލެޔާސްއިން ސްޓްރީމްކުރާ މިސީރީސްގެ ނަމަކީ "ދަރާވީ ބޭންކް" އެވެ.

ކްރައިމް ޑްރާމާއެއް ކަމަށްވާ މިސީރީސްގެ ބޮޑުބައި ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ މަޝްހޫރު ހިސާބެއްކަމަށްވާ ދަރާވީގައެވެ.

ސާމިތް ކައްކަޅް ޑައިރެކްޓްކުރާ މިސީރީސްއިން ސުނިލް ޝެޓީގެ އިތުރުން ވަރަށް ވަރުގަދަ އެހާމެ ހުނަރުވެރި އެކްޓަރުން ފެނިގެންދާނެއެވެ. އޭގެތެރޭގައި ބަތަލާ ސޮނާލީ ކުލްކަރްނީ އަދި އެކްޓަރު ވިވެކް އޮބްރޯއީ ހިމެނެއެވެ.

އެމެކްސް ޕްލެޔާސްއިން ބުނެފައިވަނީ "ދަރާވީ ބޭންކް" އަކީ ވަރަށް ގިނަ ދުވަހެއްގެ ބުރަ މަސައްކަތެއް ކަމަށެވެ.

އަދި ސީރީސްގައި ގެނެސްދޭ ހާދިސާތައް އެކުލަވާލުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި މިސީރީސްއަށް ގެންނަން ބޭނުންވީވެސް ވަރަށް ވަރުގަދަ ކާސްޓެއްކަމަށް އެމެކްސްއިންވަނީ ބުނެފައެވެ.

ސީރީސް ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ކާސްޓުގައި ހިމެނޭ ދެ ތަރިންކަމަށްވާ ސޮނާލީ ކުލްކަރްނީއާއި ވިވެކް އޮބްރޯއީއަކީ މީގެކުރިންވެސް މިފަދަ އެކްޝަން ސީރީސްއިން ފެނިފައިވާ އޯޑިއަންސްގެ މެދުގައި މަގުބޫލު ދެ ތަރިންނެވެ.

ސީރީސްގެ މެއިން ލީޑްކުޅޭ ސުނިލް ޝެޓީގެ އަލަށް ކުޅޭ މިސީރީސްއާއެކު މިއީ އޭނާގެ ފޭނުންނަށް ނުހަނު އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.

ގިނަ އެކްޝަން ފިލްމުތަކުން އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސުނިލް އެންމެ ފަހުން ފެނިފައިވަނީ މިއަހަރުގެ އޭޕްރިލް މަހު ރިލީޒްވެފައިވާ ތެލުގޫ ފިލްމު "ޤަނީ" އިންނެވެ.

މިހާރަކަށް އައިސް ސުނިލް ޝެޓީ ހިންދީ ފިލްމުތަކުން ފެންނަލެއް މަދުވެފައިވީ ނަމަވެސް އޭނާއަކީ ބޮލީވުޑްގެ ގިނަ ތަރިންގެ ލޯބި ހޯދާފައިވާ ގިނަ ތަރިންނާއި ގާތްގުޅުމެއް އަބަދުވެސް އޮންނަ އެކްޓަރެކެވެ.

ދާދިފަހުން ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނުކުމެފައިވާއިރު އަންހެން ދަރިފުޅު އަތްޔާ ޝެޓީވެސްވަނީ ބޮލީވުޑަށް ތައާރަފްވެ ބައެއް ފިލްމުތަކުން ފެނިފައެވެ.