ތަންފީޒީ އިދާރާތަކުން ފުރިހަމައަށް ރައްޔިތުންގެ ބާރު ދެނެގަތުމަށް އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ކަންކަމަށް ތަންފީޒީ އިދާރާތަކުގެ ލޯ ފުރިހަމައަށް ހުޅުވަންޖެހޭ ކަމަށެވެ.

ބެލެވޭ ގޮތުގައި ރައީސް ޔާމީން އިޝާރާތް ކުރައްވާފައި އެވަނީ އަވަށްޓެރި ލަންކާގެ ހާލަތަށެވެ.

ފާއިތުވި ހޮނިހިރުދުވަހުން ފެށިގެން ލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން އަންނައިރު، މުޒާހަރާވެރިންވަނީ ހޮނިހިރުދުވަހު ވެރިރަށް ކޮލަމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވަދެގަނެފައެވެ.

މިއީ، ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ރުޅިވެރިކަން ފާޅުކުރުމަށް ބޭއްވި މުޒާހަރާއެކެވެ.

ލަންކާގެ ހާލަތާ ރާއްޖޭގެ ހާލަތު އަޅައިކިޔުއްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތަކީ އުފެދެމުން ބޮޑުވަމުން އަންނަ ހާލަތެއް ކަމަށެވެ. އަދި، ބޯހަރުކަން އިސްކުރުމުން މިހާލަތު ރަނގަޅު ނުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެހުވަފެންތައް ފެނަށްވެގެން ހިނގައްޖެ ކަމުގައެވެ. އެމަނިކުފާނު އިޝާރާތް ކުރައްވާފައި އެވަނީ މިހާރު އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކަށް ކަމަށް ލަފާ ކުރެވެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސިޔާސަތުތަކަށް ބަދަލު ނުގެނެސްފިނަމަ ނިކުންނާނެ ނަތީޖާއަކީ އެންމެން އެކީ ފަގީރުވެ ނިކަމެތިވުން ކަމަށެވެ.