ރާއްޖޭގެ އުތުރުގައިވާ އަތޮޅުތަކުގެ ތެރެއިން ބ އަތޮޅުގައި މީގެކުރިން އަތޮޅު ވެރިކަަން ކޮށްފައިވާ ދަރަވަންދޫ އަކީ، ގުދުރަތީ ރީތިކަމާއި، ހިތްފަސޭހަކަމާއި ތަރައްގީގެ ގޮތުން ބަލާނަމަވެސް އެހެން ގިނަ ރަށްރަށާއި އަޅާބަލާއިރު ކުރީގައި އޮތް ރަށެކެވެ.

46 ހެކްޓަރު ބޮޑު މި ރަށަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު އެއް ރަށެވެ. ދަރަވަންދޫއން އަތޮޅުވެރިކަން ބަދަލު ކުރީ 4 ޖޫން 1962 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ. ދަރަވަންދޫ އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ. ދަރަވަންދޫއަށް ލަފާފުރުމަށް ބޭނުން ކުރާ ބަދަރު އޮންނަނީ ރަށުގެ އިރު އުތުރު ކަނާއި ދިމާލުގައެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ވަރަށް ރީތި ރަށެކެވެ.

މަންޓާރޭ އާއި ވޭލް ޝާކުތަކުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަނިފަރު ބޭ އާއި، ދަރަވަންދޫ ތިލައިގެ ސަބަބުން މި ރަށަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ޒިޔާރަތްކުރެއެވެ.

ހަނިފަރު ބޭ

ގުދުރަތީ ރީތިކަމުގެ އިތުރުން މިރަށަށްަ ފަތުތުރުވެރިންނާއި ގިނަ އަދަދެއްގެ ދިވެހިންވެސް ޒިޔާރާތްކުރާ އެހެން ސަބަބެއް އެބައޮތެވެ. އެއީ މި ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާ، މެހެމާންދާރީ އަދާކުރުމުގައި ހުރި ފުރިހަމަކަމެވެ. ވަކި ބަޔަކަށްވީތީ ނުވަތަ ވަކި ގޮތަކަށް ހުންނާތީއޭ ކިޔާފައި މި ރަށުމީހުން، ރަށަށް ޒިޔާރަތް ކުރާ މީހުންނާއިމެދު އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅޭތީއެވެ. ފެންނަ ކޮންމެ މީހަކާވެސް ހިނިތުންވުމާއެކު ވާހަކަދައްކާތީއެވެ. ކަންކަމުގައި އެހީތެރިވެދޭތީއެވެ.

ދަރަވަންދޫގައި 1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ވީމީޑިއާގެ ޓީމެއް ވަނީ ރަށަށް ޒިޔާރަތްކޮށްފައެވެ. 10 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޓީމު ދަރަވަންދޫ އަށް އައީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު ފާހަގަކުރެވުނު ހާއްސަ ކަމެއް އެބައޮތެވެ.

ދަރަވަންދޫ މަގޭ ޢީދުގެ ތެރެއިން "ކޯޑި ހިންގުން" ހަރަކާތް- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ވީމީޑިއާ ޓީމުގައި ހިމެނޭ ކޮންމެ މެމްބަރަކާއި މެދުވެސް ރަށުގެ ރައްޔިތުން ބާއްވާ ގާތް ގުޅުމެވެ. ކަމަކަށް އެދި ކޮންމެ މީހެއް ކައިރީ ބުނިކަމުގައި ވީނަމަވެސް އެކަމުގައި ފަހަތަށް ނުޖެހި އެކަމެއް ކުރުމަށް މަސައްކަތް ފަށާތީއެވެ. ރަށު ކައުންސިލްގެ ރައީސް އަލީ ސަމީހް އާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިބްރާޙިމް ހުސާމިން އިން ފެށިގެން އާންމު ރައްޔިތުންގެ ފަރާތުންވެސް ފެނިގެންދިޔައީ މި ހިތްހެޔޮ ކަމާއި މެހެމާންދާރީއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް (ވ) އާއި ސެކްރެޓަރީ ޖެނެރަލް (ކ)

މިކަމުގެ ހިތްހަމަޖެހުމުގައި ދުވަހުގެ މަސައްކަތްތައް ކުރުމުގައި ވީމީޑިއާ ޓީމުގެ މެމްބަރުން އަވަދިނެތި އުޅެނިކޮށް އައި ފޯން ކޯލުން އިތުރު ހިތްހަމަޖެހުމާއި އުފާވެރިކަން ހިތަށް ގެނުވިއެވެ.

ޖާފަތުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ކޯލް އައީ ދަރަވަންދޫ ނަޝާގެ، ޖައުފަރު އާއިލާގެ ފަރާތުންނެވެ. އެދުނީ މެންދުރުގެ ފަރިއްކޮޅަށް، މުޅި ޓީމު އެކުގައި އެގެއަށް އައުމަށެވެ. ފަސް ނުޖެހި އިޚްތިރާމާއެކު ދައުވަތު ގަބޫލުކުރީ މިރަށުގެ ރައްޔިތުންނާއިމެދު މި ޓީމަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

ދަރަވަންދޫ ނަޝާގެ، ޖައުފަރު އާއިލާ- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ޓީމުގެ ހުރިހާ މެމްބަރުންވެސް މަސައްކަތް މެދުކަނޑާލުމަށްފަހު ނަޝާގެއަށް ދިޔައީ ބޮޑު ޖާފަތެއް އޮންނާނެކަމަށް ހީކޮށްގެނެއް ނޫނެއެވެ. ޓީމުގެ ހުރިހާ މެމްބަރުން ހަމަވަންދެން ބޭރުގައި ތިބުމަކަށްވެސް އެ އާއިލާއިން ހިތްހަމައެއް ނުޖެހުނެއެވެ. ކުދިންނަށް ހޫނުވާނޭ އެތެރެއަށް އަންނާށޭ ކިޔާފާ ގޮވީ، އަމިއްލަ އާއިލާ މެމްބަރުން ކަމަށް ދެކިގެންނެވެ.

ޓީމުގެ ހުރިހާ މެމްބަރުން ހަމަވުމުން ކާގެއަށް ވަނުމުން ފެނުނީ ހީކުރި ގޮތާއި މުޅިން ހިލާފު މަންޒަރެކެވެ. އޮތީ ބޮޑު ޖާފަތެކެވެ. ދިވެހި ކެއުމެކެވެ. ބަނބުކެޔޮލީ ބަތާއި، ރިހާކުރު ދިޔައިން ފެށިގެން ދިވެހިންގެ ސަގާފީ އެތައް ކެއުމެއް މި ޖާފަތުގައި ހިމެނެއެވެ. ގިނަ މެމްބަރުންނަށް ތިބީ ކާން ފަށާނީ ކޯއްޗަކުންކަންވެސް ނޭނގިފައެވެ. ވެރައިޓީތައް އެހާވެސް ގިނައީއެވެ. ރަހަވެސް އެހާ ތަފާތުވާނެކަން ޔަގީންވެފައި ތިބެވުނީމައެވެ.

ޖާފަތުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ފަހަރަކު ވައްތަރަކުން ރަހަބަލަމުން، ހިތް ފުރެންދެން ކާލައިގެން ވީމީޑިއާގެ ޓީމުން ނިކުތީ ހިތްޖަމަޖެހިގެން އުފަލުންނެވެ. ހަމައެކަނި ކާއެއްޗެހީގެ ވައްތަރުތައް ގިނަވެ މީރުވީމައެއް ނޫނެވެ. އާއިލާ މެމްބަރުންގެ ހިތްހެޔޮކަމުންނާއި ދިން ލޯބީގެ ސަބަބުންނެވެ. މިއީ މިރަށަށް އަރައިތިބި މެހެމާނުންތަކެއްކަންވެސް ހަނދާން ނެތުނުކަހަލައެވެ. ވާހަކަދެއްކީވެސް އެހާ ގާތްކޮށެވެ.

ޖާފަތުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ކޮންމެއަކަސް މިއީ މި ދަތުރުގައި ވީމީޑިއާގެ ޓީމަށް އެންމެ ހަނދާނުން ފޮހެލަން ދަތިވި އެއް ތަޖުރިބާއަށް ވާނެއެވެ. ހާލިސް ހިތަކުން ނަޝާގޭ އާއިލާއަށް ވެދުންކުރަން ބޭނުވީ ޝުކުރުގެ ބަސްތަކެވެ.

މީގެއިތުރުންވެސް ރަށުގެ ކޮންމެ ރައްޔިތެއްގެ ފަރާތުންވެސް ހަމަ މި ހިތްހެޔޮކަމާއި އޯގާތެރިކަން ރަށަށް ޒިޔާރަތްކުރާ ކޮންމެ ރައްޔިތަކަށްވެސް ފެންނާނެކަމީ ޔަގީންކަމެކެވެ. މިހާތަަނަށް މި ދަތުރުގައި ދިމާވި ކޮންމެ މީހެއްގެވެސް މޫނުމަތިން ފެނުނީ ސާފުކަމެވެ. އެނގުނީ ހިތްހެޔޮ ކަމެވެ. ރަަށަށް ޒިޔާރަތްކުރާ ބީރަށްޓެހިންނަށް ކަމޭހިތުމުގައި ރަށުން ފެންނަނީ ނަމޫނާއެކެވެ.