ބ. ދަރަވަންދޫ "މަގޭ ޢީދު 2022"ގެ ހަރަކާތްތަކާއި ކުޅިވަރުތަކުގެ ތެރެއިން އެންމެ ޝައުގުވެރި އެއް ކުޅިވަރު ކަމަށްވާ ކޯޑި ހިންގުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ކުޅިވަރު އޮތީ ރަށުގެ ބޮޑެތި މަގުތަކުގައެވެ. "މަގޭ ޢީދު"ގެ އެހެން ކުޅިވަރު ހަރަކާތްތަކޭ ވެސް އެއް ފަދައިން މި ކުޅިވަރު ބެލުމަށް ވެސް ގިނަ އަދަދެއްގެ މީހުން ކޯޑި ހިންގުން އޮތް މަގުތަކަށް ޖަމާވިއެވެ. ކޯޑިއަކީ ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި ކުޅޭ ސަޤާފީ ކުޅިވަރެކެވެ.

އާންމު ގޮތެއްގައި ރަށްރަށުގައި ކޯޑި ތައްޔާރުކުރަނީ ފަނުންނެވެ. މި ރަށުގައި ވެސް ކޯޑި ޒީނަތްތެރިކޮށް ތައްޔާރުކޮށްފައި ވަނީ ފަނުންނެވެ.

އަޟްހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން "ކޯޑި ކުޅިވަރު" އަކީ އެންމެ ހާއްސަ ކުޅިވަރެއެވެ.

ކޯޑިއަކީ އަޝްހާ އީދުގެ ވަކި ދުވަހެއްގައި ފިރިހެންވެރިން ތައްޔާރުކުރާ އެއްޗަކެއެވެ. ރުކުގެ ފަންބޭނުންކޮށްގެން، ތައްޔާރުކުރާ ކޯޑީގައި ފަނުން ދޫނި ފަދަ ތަކަތި އެލުވާފައި ހުރެއެވެ. ބައެއް ރަށްތަކުގައި މިހާރު މިކަން ކުރަނީ އެކި ވައްތަރު ވައްތަރުގެ ރީތި ކަރުދާހުން އެއްޗެހި ހަދައިގެންނެވެ. އެހެންނަވެސް މި ރަށުގައި ކޯޑި އަދިވެސް ތައްޔާރުކުރަނީ އިހުޒަމާނުގައި އެކަން ކުރާ ގޮތަށެވެ.

ފިރިހެންވެރިން ކޯޑި ހިފައިގެން ނުކުންނައިރު ފަހަތުން ދެ ޖިންސުންގެ ނަށުންތެރިން ބެރަށް ފައި ހަމަކުރަމުންދެއެވެ.

ބ. ދަރަވަންދޫގެ ކޯޑިކުޅުމުގެ ހަރަކާތް ---- ފޮޓޯ: ޒިދާން މުޙައްމަދު

ދަރަވަންދޫގައި ކޯޑި ހިންގުން ކުރިއަށްދާއިރު މަޑުކުރާ ސަރަހައްދުތަކުގައި ވެސް ހާއްސަ ނެށުންތަކެއް ހުށަހަޅައެވެ. މިއަދު އޮތް މި ހަރަކާތުގައި ވެސް ރަށުގެ ދެ ޖިންސު ވަކިން ބައިބަޔަކަށް ބެހިލައިގެން ފޯރިގަދަ ލަވަތަކަަކަށް ނަށާފައި ވެއެވެ.

މި ނެށުންތަކުގެ ތެރޭގައި މަންގަލަންދަނޑިޖެހުން ފަދަ ހާއްސަ ނެށުންތައް ހިމެނެއެވެ. މި އަހަރު ދަރަވަންދޫގައި ޢީދުގައި ބޭނުންކުރާ ގިނަ ލަވަތަކަކީ އަމިއްލަ ޅެމަށް ތައްޔާރުކޮށްފައިވާ ލަވަތަކެކެވެ.

މި ޅެންތަކުގައި ދަރަވަންދޫ މީހުންގެ މެހެމާންދާރީ އާއި ރަށުގެ ފަތުރުވެރިކަން އަދި އިޖުތިމާޢީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ.

ކޯޑި ހިނގުން މިއަދު ހަވީރު މި ރަށުގައި އޮތް އިރު، ހެނދުނު ވަނީ ފޯރިގަދަ ތުވާލި ބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. ތުވާލި ބޯޅަ އަކީ ދަރަވަންދޫ ރައްޔިތުން އަމިއްލައަށް ތައާރަފްކޮށްފައިވާ ކުޅިވަރެކެވެ.

ދަރަވަންދޫ މަގޭ އީދުގެ ހަރަކާތްތައް ވީޓީވީގެ ބެލުންތެރިންނަށް ގެނެސްދިނުމަށް ހާއްސަ ޓީމެއް ވަނީ މި ރަށުގައި ސްޓޭޝަން ވެފައެވެ. ވީނިއުސްރޫމްގެ ދެގަޑި ސުންމިނެޓްގެ ޚަބަރު ވެސް ގެނެސްދެމުން އަންނީ މި ރަށުގައި ގާއިމުކޮށްފައި ހުރި ވީޓީވީގެ ސްޓޫޑިއޯއިންނެވެ.