ބ. ދަރަވަންދޫ "މަގޭ ޢީދު"ގެ ތިން ވަނަ ޝޯވގައި ދަރަވަންދޫ ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެން ހިންގައްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ދަރަވަންދޫ ސްޓޭޑިމް ސަރަހައްދުގައި އޮތް ޢީދު މަލާފަތަށް ފަހު، އޮތް ސްޓޭޖް ޝޯވ ހާއްސަކޮށްފައި ވަނީ، ދަރަަވަންދޫގެ ބޮޑުބެރަށެވެ. ފޯރިގަދަ ބޮޑުބެރު ލަވަތަކެއްގެ އިތުރުން، ޝޯވގެ ރަހަ ތަފާތުކޮށްލުމަށް ބެލުންތެރިންގެ އެދިލެއްވުމަކަށް ދަރަވަންދޫގައި ތިބި މަލިކުގެ ފަންނާނުންގެ ހުށަހެޅުންތަކެއްގެ އިތުރުން ދަރަވަންދޫ ޒުވާނުންގެ އައިޓަމްތަކެއް ވެސް ވަނީ ހުށަހަޅާފައެވެ.

ބޮޑުބެރު ޖެހުމަކީ ޒަމާނުއްސުރެން ދިވެހިންގެ ލެޔާއި ވިންދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ސަޤާފީ ކުޅިވަރުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޒަމާނީ ބޮޑުބެރު ގްރޫޕްތައް އުފެދެމުން، މަޝްހޫރުވަމުން އަންނަން ފެށުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑުބެރު ގްރޫޕްތައް އުފެދި، ބޮޑުބެރުގެ އަޑު ގަދަވެއްޖެއެވެ.

އެގޮތުން ދަރަވަންދޫގައި ހަރަކާތްތެރިވަމުން އަންނަ ބޮޑުބެރު ގްރޫޕުގެ ބުންޒީލަ އަޑާއި ނެށުމުގެ ފަރި ހަރަކާތްތަކާއެކު ބ. އަތޮޅުގައި މިއީ މަޤުބޫލު ބައެކެވެ.

މަގޭ ޢީދުގެ ފުރަތަމަ ދެ ޝޯވ ފަދައިން ތިން ވަނަ ޝޯވ ބެލުމަށް ވެސް ޝޯވ ހިނގާ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ޖަމާވިއެވެ.

ދަންވަންދެން ކުރިއަށް ދިޔަ މި ޝޯވ ލަސްވިލަސްވިހެން ދިޔައީ ފޯރިގަދަވަމުންނެވެ.

ބ. ދަރަވަންދޫ މަގޭ ޢީދު ޝޯވގެ ތެރެއިން ---- ފޮޓޯ: ޒިދާން މުޙައްމަދު

ދަރަވަންދޫގައި މި ފަހަރު ކުރިއަށްދާ ޢީދު ޝޯވތައް ވީޓީވީން ވަގުތުން ދުރައްދައްކާއިރު، މި ޝޯވތައް ޕްރެޒެންޓް ކުރަނީ ވީޓީވީގެ ޕްރެޒެންޓަރުންނެވެ.

ސްޓޭޖް ޝޯވގެ އިތުރުން ހޯމަ ދުވަހު ކުރިއަށް ދިޔަ ހަރަކާތްތަކަށް ބަލާއިރު، ތުވާލި ބޯޅަ މުބާރާތާއި ކޯޑި ހިނގުން، އަދި ޢީދު މަލާފަތް ހިމެނެއެވެ.

ދަރަވަންދޫގައި ޢީދުގެ ކޮންމެ ކުޅިވަރެއް ނުވަތަ ހަރަކާތެއް ކުރިއަށް ދާއިރު ވެސް ގިނަ އަދަދެއްގެ މީހުން އެ ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރިވާކަން ފާހަގަކުރެވެއެވެ. އަދި ކުޅިބަލަން ތިބޭ މީހުންގެ އަދަދު ވެސް މަދު ނޫންކަން ފާހަގަކުރަމެވެ.