ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ބ. ދަރަވަންދޫ ސޯސަންމަގުން ފެންނާނެ އެންމެ ހިތް ފަސޭހަ މާހައުލުކަން ޔަގީނެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ ދަރަވަންދޫ "ޖޯލި ޕާކު" އެވެ.

ދަރަވަންދޫ ކައުންސިލްގެ ދައުވަތުފުޅަކަށް ރަސްމީ ދަތުރުފުޅެއްގައި މި ޢީދުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މި ރަށަށް ވަޑައިގަނެ، ހުޅުވައިދެއްވި ޖޯލި ޕާކަކީ ކުޑަކުދިންނަށް މިނިވަންކަންމަތީ ކުޅެދުވެ އުޅެވޭނެ މާހައުލެކެވެ. ހިތްފަސޭހަ ވަގުތުކޮޅެއް ޕާކުގައި ހޭދަކުރެވޭނެ ގޮތަށް، ހެއްލާނެ އުނދޯއްޔާއި އިށީނދެ ތިބޭނެ ޖޯލި ހުރެއެވެ.

ކުޑަކުދިން ގޮވައިގެން ޕާކަށްދާ ބޮޑެތިމީހުންނަށް ވެސް ޕާކުގައި ތިބެވޭނެ އިންތިޒާމްތައް ޕާކުގައި ހުރީ ހަމަޖެހިފައެވެ.

ބ. ދަރަވަންދޫ ޖޯލި ޕާކު ---- ފޮޓޯ: ޒިދާން މުޙައްމަދު

ހޯމަ ދުވަހުގެ މެދުންދުރުފަހު ވީނިއުސްގެ ޓީމެއް ވަނީ އެ ޕާކަށް ގޮސް ޕާކު ބަލާލާފައެވެ. އަދި އެ ތަނުގައި ތިބި ބައެއް ކުޑަކުދިންނާ ވާހަކަދައްކާލާފައެވެ. ގިނަ ކުދިން ތިބީ އެކުދިންނަށް ހާއްސަކޮށްގެން ހުޅުވުނު ޕާކާ މެދު ވަރަށް ހިތްހަމަޖެހިފައެވެ. ބުނީ ވަރަށް އުފާވާ ކަމަށާއި ޕާކު ވަރަށް ރީތި ކަމަށެވެ.

ބައެއް ބެލެނިވެރިންނާ ވާހަކަދައްކާލުމުން އެނގުނީ، އެ މީހުން ތިބީ މި ފަދަ ތަނެއްގެ އިންތިޒާރުގައި ކަމެވެ. ގޭތެރޭގައި ކުޑަކުދިންނަށް ކުޅެހަދަން އެކަށީގެންވާ މާހައުލެއް ނެތް ބެލެނިވެރިންނަށް ޕާކު ވީ، ވަރަށް ހިތްފަސޭހަ މާހައުލަކަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަރަވަންދޫ ސޯސަން މަގާއި ޖޯލި ޕާކު ރަސްމީކޮށް ހުޅުވާފައި ވަނީ، ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ދަރަވަންދޫ ކައުންސިލްގެ އަމާޒަކީ ދަރަވަންދޫއަކީ ހުރިހާ އުމުރުފުރައެއް މީހުންނަށް ވެސް ހިތްގައިމު ހިތްފަސޭހަ އަމާން މާހުލެއްގެ ގޮތުގައި ބޭއްވުމެވެ.

ދަރަވަންދުއަށް ނައިބު ރައީސް ފައިސަލް ނަސީމްގެ އާއިލާއިން ކުރެއްވި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ މަގޭ ދަރަވަންދޫ މޮނިއުމަންޓް ހުޅުވައިދެއްވައި، ރަށުގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް ހިންގޭ ހަރަކާތް "މަގޭ ދަރަވަންދޫ" ހަރަކާތް އިފްތިތާހް ކޮށްދެއްވާފައެވެ.

ނައިބު ރައީސް ވަނީ ދަރަވަންދޫގައި ކުރިއަށްދާ ޢީދު ކުޅިވަރުތައް ބައްލަވާލައްވައި، ރައްޔިތުންގެ ހާލު ގާތުން އޮޅުންފިލުވާލެއްވުމަށް ރަށުގެ ބައެއް ރައްޔިތުންނާ ރަށު ތެރެއިން ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ޢީދު ދުވަހު ރައްޔިތުންނާ އީދު ސަލާމްވެސް ކުރައްވާފައި ވެއެވެ.