މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކޮނޮސުއާ ސާކަލްއާއެކު ރާއްޖެ އިޝްތިހާރުކުރުމަށް ޑިޖިޓަލް މީޑިއާ ކެންޕެއިނެއް ފަށައިފިއެވެ.

ކޮނޮސުއާ ސާކަލްއާކީ ލަގްޒަރީ ހޮޓަލްތަކާއި ދުނިޔޭގެ އެކި މަތީ ފަންތީގެ މަންޒިލްތަކުގައި ލިބެން ހުންނަ ހިދުމަތްތައް ޖަރުމަނުވިލާތު، ސްވިޓްޒަލޭންޑް އަދި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް އިޝްތިހާރު ކުރާ މަޖައްލާއެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ކެންޕެއިން ހިންގަމުންދާނީ މިމަހުން ފެށިގެން އަންނަ އަހަރުގެ ޖެނުވަރީ މަހުގެ ނިޔަލަށް ކަމަށެވެ. މި ކެންޕެއިންގެ މައިގަނޑު އަމާޒަކީ މަތީ ފަންތީގެ ޖަރުމަން ބަސް ބޭނުންކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގެ ރީތިކަމާ ހިތްގައިމުކަން ދައްކައި ދިނުމަށް ކަމަށް އެކުންފުނިން ބުނެފައެވެ.

ރާއްޖެ ލަގުޒާރީ ޑެސްޓިނޭޝަނެއް ގޮތުގައި ޕްރޮމޯޓް ކުރުމުގެ ގޮތުން މި ކެންޕެއިނުގަައި ތަފާތު އޮންލައިން އަދި އޮފްލައިން ޕްލެޓްފޯމްތަކެއް ބޭނުން ކުރެވިގެން ދާނެ ކަމަށް އެމްއެމްފީއާރުސީން ބުނެއެވެ. މި ކެންޕެއިންގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ދެއްކުމަށްޓަކައި ޕްރިންޓް މެގަޒިން އެޑް، އެޑްވަޓޯރިއަލް ވާހަކަތަކާއި، އޮންލައިން މެގަޒިން ފަދަ ތަފާތު ޕްރޮމޯޝަނަލް މެޓީރިއަލް ބޭނުން ކުރެވޭނެކަން އެ ކުންފުނިން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ، މިކެންޕެއިންގެ ސަބަބުން ގާތްގަނޑަކައް 30،000 ކޮންސިއުމަރުންނަށް ނޫސްލެޓާރގެ ޒަރިއްޔާއިން ފޯރުމަށާއި ކުންފުނީގެ ވެބްސައިޓަށް މަހަކު 21،000 ވިޒިޓް ގެނައުމަށް އުންމީދުކުރާ ކަމަށެވެ. މި ކެންޕެއިންގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް ފޮލޮވާސް 14،000 އަށް އަރާނެ ކަމަށާއި އިންސްޓަގްރާމް ފޮލޮވާސް 29،500އަށް އަރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ގަބޫލު ކުރާ ގޮތުގައި ކޮނޮސުއާ ސާކަލާއެކު ކެންޕެއިން ކުރިއަށް ގެންދިއުމަކީ ޖަރުމަން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ތަންފީޒް ވާނެ ކަމެއްކަމުގައި ދެކެއެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމްލަ އައިސްފައި ވަނީ 732،884 ފަތުރުވެރިން ކަމަށް ވާއިރު މީގެތެރެއިން ޖަރުމަނުވިލާތުން 67،608 ފަތުރުވެރިން އައިސްފައިވާ ކަމަށް އެމްއެމްޕީއާރުސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރު މިހާތަނަށް ޖަރުމަނު މާކެޓް އަދި އޮސްޓްރިއާ މާކެޓަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސް އިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި އެވިއަރެޕްސްއާއެކު ހިންގުނު ވާޗުއަލް ހަރަކާތަކާއި، އައިޓީބީ ބާލިން ވާޗުއަލް، އަދި ކޮނޮސުއާ ސާކަލް އާއެކު ހިންގާފައިވާ ކެމްޕޭންގެ އިތުރުން، އެފްވީޑަބްލިއު އީ ލާނިން ޕްރޮގްރާމް އަދި ބެންޓްލީ ކްލަބް މެގަޒިންއާއެކު ހިންގާފައިވާ ކެންޕޭން ހިމެނެއެވެ.