މިއަހަރު ޑެސްޓިނޭޝަން މޮމެންޓަމް ދަމަހައްޓާނީ އިންޑިއާގައި ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީ އިން ބުނ،ީ މި އަހަރު މިހާތަނަށް އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓްކަމަށްވާ އިންޑިއާގައި ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މޮމެންޓަމް ދެމެހެއްޓުމަށް ގިނަ މަސަތްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. މީގެ ތެރޭގައި ތަފާތު ހަރަކާތްތަކާއި އެންމެ މަޝްޙޫރު ފެއަރތަކާއި މައުރަޒުތަކުގައި ބައިވެރިވުމުގެ އިތުރުން ފޯރިގަދަ އެކި ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޗައިނާ ފަދަ ބޮޑެތި މާކެޓްތައް އަދިވެސް ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް ބަންދުކޮށްފައި އޮތުމުން އިންޑިއާ މާކެޓްގެ މުހިންމުކަން އިތުރުވާކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 119،967 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު މި މުއްދަތުގައި ވެސް އިންޑިއާ އޮތީ ޖުމްލަ މާކެޓް ހިއްސާގެ 14.8 އިންސައްތަ ނަގާފައެވެ.

މި މޮމެންޓަމްގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ދިއްލީ އާއި ގްރޭޓަރ ނޮއިޑާ ސަރަހައްދުގެ ތަފާތު ފަސް ޕްރައިމް ލޮކޭޝަނެއްގައި އައުޓްޑޯ އެޑްވަޓައިޒިންގ ކެންޕޭނެއް ހިމެނުނު އިރު މި ކެންޕެއިން ކުރިޔަށްދިޔައީ މިއަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ޑެސްޓިނޭޝަން މޮމެންޓަމް ދަށުން ހިންގި މި ޕްރޮމޯޝަންގައި ގާތްގަނޑަކަށް ހަތް މިލިއަން ރީޗެއް ވަނީ ލިބިފައެވެ.

އެމްއެމްޕީއާރުސީ އިން މިހާރުވެސް ދަނީ ތޯމަސް ކުކް، ޕިކްޔޯޓްރޭލް، އަދި ވިސްޓާރާ އިންފްލައިޓް މެގަޒިންއާއި ގުޅިގެން ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގަމުންނެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ދައުވަތުގެ ދަށުން މީޑިއާތައް ތަމްސީލުކުރާ މީޑިއާ ޕްރޮފެޝަނަލުންގެ ޓީމެއް މިދިޔަ މަހުގެ 13 ވަނަދުވަހުން 19 ވަނަ ދުވަހަށް ރާއްޖެއަށް ޒިޔާރަތްކޮއްފައިވެއެވެ.

މި ދަތުރުގައި ރާއްޖެ އައިސްފައިވާ މީޑިއާ ޕްރޮފެޝަނަލުންގެ ޓީމާއި އެމްއެމްޕީއާރުސީގެ އޮފިޝަލުންނާ ބައްދަލުކޮށް، އިންޑިއާ މާކެޓުގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ކުރިއެރުވުމަށް ކުރި މަޝްވަރާގައި މަޝްހޫރު އިންޓަނޭޝަނަލް އިންޑިއަން ވެޑިން މެގަޒީނެއްކަމަށްވާ ވެޑިންގ އެފެއާރސް އާއެކު އިންޑިއާގެ ބެލުންތެރިންނަށް ރޮމޭންޓިކް ސައިޑް އޮފް ލައިފް ޕްރޮމޯޓް ކުރުންވެސް މިއަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މީގެއިތުރުން މިދިޔަ މަހުގެ ދެވަނަ ދުވަހު ރޭޑިއޯ ކެންޕެއިނެއްވެސް ޑެސްޓިނޭޝަން މޮމެންޓަމްގެ ދަށުން ކުރިޔަށް ގެންގޮސްފައިވެއެވެ.

އެ ކުންފުނިން ބުނީ، އިންޑިއާގެ މާކެޓަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ ސްޓްރެޓެޖީތައް އެކުލަވާލާފައިވަނީ ބޮޑެތި ހުރިހާ ސިޓީއެއްގައި ރާއްޖޭގެ ބްރޭންޑް އެންބިއަންޓްކޮށް އެޑްވަޓައިޒް ކުރުމަށް ފޯކަސްކޮށްގެނެވެ.

އެމްއެމްޕީއާރުސީއިން 2021 ވަނަ އަހަރުވެސް މި މާކެޓަށް ގިނަ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާފައިވެއެވެ.