އަބަދު ރައްޔިތުންނަށް އޮޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހީކުރައްވާނަމަ އެ ދަސްކުރައްވަނީ ނުބައި ފިލާވަޅުތަކެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ރާއްޖޭގައި މިފަހުން ހިނގަމުންދާ ކަންތައްތަކާއި ސަރުކާރުން އެކަންކަމަށް އަމަލުކުރަމުންދާ ގޮތަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން، ޑރ. ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުން މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރި ދުވަހު ނޫށްވެރިން ކުރި އިހުތިޖާޖާއި، ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ ޝެއިޚް ނިޝާނާ ޝެހިޚް ފަޟްލޫން އަދި، ކީރިތި ރަސޫލާގެ ދިފާއުގައި ޒުވާނުން ބޭއްވި ސައިކަލް ބުރުގެ ފޮޓޯ ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީ ރައީސް ސާލިހް ބޭނުންފުޅުވާ މޭރުމުން އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ފާޑު ކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވާން ފަށާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މީސްމީޑިއާއަށް އާންމުވި ވީޑިއޯތަކާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގަން ފަށާފައި ނުވި ނަމަވެސް، ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅީގެން ވާނުވާ ޖަލުބަންދުގައި ދީނީ އިލްމުވެރިން ބޭތިއްބުމާ ގުޅިގެން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކެވެ.

ޑރ. ޖަމީލް ވިދާޅުވީ ބާރު އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، ތިބާ ދިރިއުޅޭ ކަނޑުވަރުތަކާއި، ދުއްވާ ކާރުތަކާއި، ވަށައިގެންވާ ހަތިޔާރު އެޅި ސަލާމަތީ ވަސީލަތްތައް ނެތި ދިޔުމަށް ހޭދަވާނީ މަދު ސިކުންތުކޮޅެއް ކަމަށެވެ.

އަދި ތާއަބަދު ރައްޔިތުންނަށް އޮޅުވާލެވޭނެ ކަމަށް ހީކުރައްވާނަމަ އެ ދަސްކުރައްވަނީ މުޅީން ނުބައި ފިލާވަޅެއް ކަމަށްވެސް ޑރ. ޖަމީލްގެ ޓްވީޓުގައިވެއެވެ.