ހިތްތަކުގެ މާމެލާމެލި، ލޮބުވެތިވި ކުޑަކުދިންނާއި މުޅި ރަށަށްވެސް ހިނިތުންވުން ގެނެސްދީ، މަގޭ ޢީދު އާއިލީ ހަވީރުގެ ނަމުގައި އުފާވެރި ހަވީރެއް ދަރަވަންދޫގައި ބާއްވައިފިއެވެ.

މިއީ އަޟްޙާ ޢީދު 1443 ފާހަގަކުރުމުގެ ގޮތުން ބ. ދަރަވަންދޫގައި ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގެ ތެރެއިން އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މަޖާ ހަވީރެކެވެ.

ބ. ދަރަވަންދޫ އާއިލީ ހަވީރު ---- ފޮޓޯ: ޒިދާން މުޙައްމަދު

މި އާއިލީ ހަވީރު ވެގެން ދިޔައީ މި ރަށުގައި ތިބި އާއިލާތަކަށް އުވާފެރިކަމާއި ހިތްހަމަޖެހުން ގެނުވި ކަމަކަށެވެ.

އާއިލާތަކުގެ ކުދިބޮޑު އެންމެން ދަރަވަންދޫ ސްޓޭޑިމް ސަރަހައްދަށް ދިޔައީ ނިކަން ނަލަހެދިލައިގެން ރީތި ހެދުންތަކުގައެވެ. ބައެއް ކުދިން ތިބީ ދިވެހި ސަޤާފީ ހެދުމުގައެވެ.

މި އާއިލީ ހަވީރުގައި އެންމެ ފާހަގަކުރެވެނު ކަމަކީ ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ ދަރިވަރުން ހުށަަހަޅައިދިން ސްޓޭޖް ޝޯވއެވެ. ދަރިވަރުން ޕްރެޒެންޓްކޮށްދިން ޝޯވގައި އައިޓަމްތައް ހުށަހަޅައިދިނީ ވެސް ދަރިވަރުންނެވެ. މި ގޮތުން، ރީތި ނެށުންތަކާއި ބޮޑުބެރު ޖެހުމާއި، ނުގުޅޭ ޖަވާބު މުބާރާތެއްގެ އިތުރުން މަޖާ ގޮތެއްގައި އިސްތިހާރު ހުށަހަޅައިދިނުން ފަދަ ހުނަރުވެރި އެތައް ހުށަހެޅުމެއް ދަރިވަރުން ވަނީ ހުށަހަޅައިދީފައެވެ.

ސްޓޭޖް ޝޯވގެ އިތުރުން، އެ ސަރަހައްދުގައި ދަރަވަންދޫގެ އެކިއެކި މުވައްސަސާތަކުން ބަހައްޓާފައި ހުރި ސްޓޯލްތަކުން ކުޑަކުދިންނާ ގުޅޭ އެތައް ކުޅިވަރަކާއި ފަންނީ އެތައް ކަމެއް ކުރުމުގެ ފުރުސަތު ސްޓޯލްތަކަށް ޒިޔާރަތްކުރި ކުދިންނަށް ދީފައި ވެއެވެ. މި ހަވީރުގައި ފެނަކަ، ދަރަވަންދޫ ސިއްޙީ މަރުކަޒުގެ އިތުރުން އެމްއެންޑީއެފް އިންވެސް ވަނީ ސްޓޯލް އެއް ކުރިއަށް ގެންގޮސްފައެވެ.

ސްނޭކް އެންޑް ލެޑަރ، ފޭސްޕެއިންޓިން، ކުލަޖެއްސުން، ބޯޅައެއްލުން މިހެން ގޮސް ގިނަ އަަދަދެއްގެ ކުޅިވަރު އަދި ފަންނީ ކަންކަން ސްޓޯލްތަކުގައި ފުރިހަމަކޮށް، އިނާމް ހޯދުމުގެ ފުރުސަތު ހުޅުވާލިއެވެ.

އާއިލީ ހަވީރުގެ އިތުރުން މިއަދު ވަނީ ފޯރިގަދަ މަސްރޭހެއް ދަރަވަންދުގައި ކުރިއަށް ގެންގޮސްފައެވެ. މިރޭ ދަރަވަންދޫގައި އޮންނަ ހަރަކާތްތަކަށް ބަލާއިރު ބަތަލާ ފާތިމަތު ފަރީލާއާއި އެކުވެރިންގެ ޓީމާއި ދަރަވަންދޫ މީހުންގެ ހާއްސަ ޢީދު ޝޯވއެއް އޮންނާނެއެވެ.

އަދި މާދަމާ، ރިލޭ ރޭސް، ކުޑަކުދިންގެ މާލި، އަންހެނުންގެ ކުރުފަލި، މަންގަލަންދަނޑި އަދި ބޮޑުމަސްރޭސް މި ރަށުގައި އޮންނާނެއެވެ.

މި ހުރިހާ ހަރަކާތެއް ވެސް ވީޓީވީން ގެނެސްދޭނެއެވެ. އަދި ވީނިއުސްގެ ވެބްސައިޓުން އަދާހަމަތައް ކިޔުންތެރިންނަށް ކިޔާލަން ލިބޭނެއެވެ.