ބ. ދަރަވަންދޫ "މަގޭ ޢީދު"ގެ އެންމެ ފަހު ސްޓޭޖް ޝޯވ، އޭގެ ކުރިން ބޭއްވުނު ތިން ޝޯވ އަށް ވުރެ ވެސް ފޯރިގަދައެވެ.

މި ޝޯވ އާދަޔާ ޚިލާފަށް ފޯރިގަދަވީ އަދި ތަރުޚީބެއް ލިބުނީ، ބެލެވޭ ގޮތުގައި މަޝްހޫރު ބަތަލާ ފާތިމަތި ފަރީލާ އެންޑް ފްރެންޑްސްގެ ޓީމުން ހުށަހަޅައިދިން ނެށުންތަކާއި ލަވަތަކުގެ ސަބަބުންނެވެ. އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރީލާ ވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާތަކުން ވެސް ފަރީލާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

ފަރީލާގެ އެންޑް ފްރެންޑްސް ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ފަންނާނުންގެ ތެރޭގައި އައިމިނަތު ރަޝްފާ (އާޝާ)، ފިއްޓޭ، ޓިކްޓޮކް ތަރި ޝިންޓޭ ފަދަ ފަންނާނުން ހިމެނެއެވެ. އާޝާ އަކީ ޓިކްޓޮކުން މަގުބޫލުކަން ހޯދާ، އެ ފަހުން ފިލްމީ އިންޑަސްޓްރީއަށް ތައާރަފުވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ފިލްމި އިންޑަސްޓްރީގައި ފިޔަޖަހާލި ތަރިއެކެވެ. ފިއްޓޭއޭ ބުނުމުން ވެސް މާ ބޮޑު ތައާރަފަކަށް ބޭނުމެއް ނުވާނެއެވެ. އޭނާއަކީ ފިލްމީ އިންޑަސްޓްރީގައި އެއް އިރެއްގައި ގަދަޔަށް ހަރަކާތްތެރިވި ކުޅަދާނަ ތަރިއެކެވެ. ފިލްމުތަކުގައި އެކި ކެރެކްޓަރތަކުންނާއި ތަފާތު ނެށުންތަކުން އޭނާގެ ހުނަރު ވަނީ ފެނިގެން ގޮސްފައެވެ. ދެން އޮތީ ޝިންޓޭގެ ވާހަކައެކެވެ. ޝިންޓޭއަކީ ވެސް ޓިކްޓޮކުން ހުނަރު ދައްކާލާ މަގުބޫލުކަން ހޯދި ފަންނާނެކެވެ.

މި ފަންނާނުން ވަނީ އޯޑިއެންސްގެ ތަރުޚީބު ފަނޑު ނުވެ ހިފެހެއްޓުމަށް ފުލުފުލުގައި ހުށަހެޅުންތައް ހުށަހަޅާފައެވެ.

މި ޝޯވގައި ފަރީލާގެ އެންޑް ފްރެންޑްސް ޓީމުގެ އިތުރުން މަލިކު ފަންނާނުންގެ ނެށުންތަކާއި ބޮޑުބެރުގެ ހުށަހެޅުމެއް ވެސް ފެނިގެން ދިޔައެވެ.

މަގޭ ޢީދުގައި ޖުމުލަ 4 ޝޯވއެއް ބާއްވާފައި ވާއިރު، ފުރަތަމަ ޝޯވގައި ފެނިގެން ގޮސްފައި ވަނީ މަލިކުގެ ފަންނާނުންނާއި ދަރަވަންދޫ ޒުވާނުންގެ ފަރި ހަރަކާތްތަކެވެ. ދެ ވަނަ ޝޯވގައި މަލިކުގެ ފަނާނުންގެ ނެށުންތަކުގެ އިތުރުން ފެނިގެން ގޮސްފައި ވަނީ ރަސްހިޔަލަ ގުރޫޕުގެ ހިތްގައިމު ނެށުންތަކެވެ. ދެން ބޭއްވި ޝޯވ ހާއްސަ ކޮށްފައި ވަނީ ދަރަވަންދޫ ބޮޑުބެރަށެވެ.

މި އިން ކޮންމެ ޝޯވއެއް ބަލަން ވެސް ރަށުގެ ރަށްވެހިންނާއި މެހެމާނުންގެ ގޮތުގައި މި ރަށަށް އަރާ ތިބި އެތައް ބަޔަކު ގޮސްފައި ވެއެވެ.

މަގޭ ޢީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ފޯރިގަދަކޮށް ކުރިއަށް ދާއިރު، މިއަދު ވެސް ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. މި ގޮތުން، ކުޑަކުދިންގެ މާލި، އަންހެނުންގެ ކުރުފަލިޖެހުން، މަންގަލަންދަނޑިޖެހުން އަދި މި ރަށުގެ އެންމެ ހާއްސަ ޢީދު ކުޅިވަރު "ބޮޑުމަސް ބޭނުން" ވެސް އޮންނާނެއެވެ.

މި ކުޅިވަރުތަކާއި ހަރަކާތްތައް ވީޓީވީން ވަގުތުން ދުރައް ދައްކާނެއެވެ.