ބ. ދަރަވަންދޫ "މަގޭ ޢީދު"ގެ ހަރަކާތްތައް ނިމުމަކާ ގާތަށް އަންނަ އިރު، މި ޢީދަށް ތާވަލުކޮށްފައިވާ އެންމެ ޙާއްސަ އެއް ކުޅިވަރު ކަމަށްވާ "ބޮޑުމަސް ބޭނުން" މިރޭ އޮންނާނެއެވެ.

ބޮޑު ޢީދުގައި ބޮޑުމަސް ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި ކުޅެއުޅޭ ކުޅިވަރެކެވެ. އެކިރަށުގައި މި ކުޅިވަރު ކުޅެނީ ތަފާތުކޮށެވެ. މި ރަށުގައި ވެސް ބޮޑުމަސް ބޭނުން އޮންނާނީ، އެހެން ރަށްރަށާއި ތަފާތު ގޮތަަކަށް ކަމަށް ދަރަވަންދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

އާންމުކޮށް ރަށްރަށުގައި ބޮޑުމަސް ހަދަނީ ފަނާއި ރުކުގެ ބައިތައް ބޭނުންކޮށްގެނެވެ. ބޮޑު މަސް ތައްޔާރުކޮށް ހަދާނީ ފިރިހެނުންނެވެ. ފަނުން ތޮށަލި ގޮތަށް ވިޔެފައި ދަނޑިން ހަދާ އޮނިގަނޑެއްގައި ތޮށަލި ތައް ޖަަހައެވެ. މަހުގެ ލޮލާއި ކުރަހަންޖެހޭ ކުރެހުންތައް ކުރަނީ ހުދު އުވައިންނެވެ. ފަހުން ހުދު ކުލަ ވެސް ބޭނުން ކުރިއެވެ. އަދި ލޯ ހެދުމަށް ބޯކަރުދާހާއި އޮމާން ޓިނުވެސް ބޭނުން ކުރިއެވެ. ބޮޑުމަސް ދުއްވަނީ މަހުގެ އެތެރެއަށް ވަދެ ކޮޅަށް ތިބެގެންނެވެ. އެތެރެއަށް ވަދެ ތިބޭ މީހުން ފޮރުވުމަށްޓަކައި މަހުގައި ތިރިއަށް ފަންވަތްތައް ހިމަކޮށް ވީދާފައި ފަން އައްސާފައި ހުރެއެވެ.

ނަމަވެސް ދަރަވަންދޫގައި މިކުޅިވަރު ކުޅޭ ގޮތާއި ބޮޑުމަސް ތައްޔާރުކުރާ ގޮތް އަދި ކިޔައިދޭކަށް ނެތީމެވެ. އެކަން ބާއްވާނީ ސަޕްރައިޒެއްގެ ގޮތުގައެެވެ. މިރޭ 09:00ގައި ވީޓީވީ ހުޅުވާލާށެވެ. ދަރަވަންދޫގައި ތިބި ބޭފުޅުން ރަސްގެ އޮޑި އަތިރި މައްޗަށް އައިސް ކުޅިބަލާން ތިބޭށެވެ.

މަގޭ ޢީދުގައި މިހާތަނަށް ނިމިފައިވާ ހަރަކާތްތަކަށް ބަލާއިރު، ޢީދު ހުޅުޖެހުމާއި ހަވާއެރުވުމާއި، މަންޑިކުޅުމާއި ފެންކުޅި، ފިރިހެނުންގެ މާލި، އަސްރަފްތާޖެހުން، ވާދެމުން، އަންހެން އަދި ފިރިހެން މާލި، ތުވާލި ބޯޅަ މުބާރާތް، ކޯޑި ހިނގުން، އަދި މަސް ރޭހުގެ އިތުރުން ހަތަރަު ޢީދު ޝޯވއަކާ ފޯރި ގަދަ އިތުރު ހަރަކާތްތަކެއް ވެސް ފާހަގަކުރެވެއެވެ.

މިއަދު ވެސް މި ރަށުގައި ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. މި ގޮތުން، ކުޑަކުދިންގެ މާލި، އަންހެނުންގެ ކުރުފަލިޖެހުން، މަންގަލަންދަނޑިޖެހުން އޮންނާނެއެވެ.

މި ކުޅިވަރުތަކާއި ހަރަކާތްތައް ވީޓީވީން ވަގުތުން ދުރައް ދައްކާނެއެވެ.