ބ. ދަރަވަންދޫ "މަގޭ ޢީދު"ގެ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަކޮށްގެން މިއަދު ބޭއްވި މާލި ޕެރޭޑުން އެތައް ބަޔަކަށް އުފާވެރިކަން ގެނުވައިފިއެވެ.

މިއަދު މެންދުރުފަހު، ދަރަވަންދޫ ދޮންބަންޑާރަ ހިނގުން (ތާރުމަގުން) ފެށި މާލި ޕެރޭޑުން އެންމެ އަޅައިގަތް ކަމަކީ ވަރަށް ތުއްތުކުދިން ވެސް މާލި ހައްދައި ޕެރޭޑްގައި ބައިވެރިކޮށްފައިވުމެވެ. ރަށުގެ ބޮޑެތިމަގުތަކުން ޕެރޭޑް ކުރިއަށް ދާއިރު، އެކިދިމަދިމާލުން ބެލެނިވެރިން އެ މީހުންގެ ތުއްތުކުދިން މާލި ހައްދައިގެން ނެރެ، ޕެރޭޑާ ގުޅުވައެވެ.

އެ ކުދިންނަށް އިރުޝާދު ދިނުމުގައި ދަރަވަންދޫ ކައުންސިލްގެ އަންހެން މެމްބަރެއްގެ އިތުރުން ޑަބްލިޔުޑީސީގެ ރައީސާ ގާތުން ހަރަކާތްތެރިވިއެވެ. އަދި ބެލެނިވެރިން ވެސް ކުދިންގެ ފަހަތުން އަންނަތަން ފެނުނެވެ.

ހިތްތަކުގެ މާމަލާމެލި ކަމުގައިވާ އަދުގެ ކުޑަކުދިން އަދި މާދަމާގެ ޒުވާނުންގެ ފަރާތުން ފެނުނީ ކިޔަމަންތެރި ކަމެވެ. ޕަރޭޑް ކުރިއަށް ގެންދިޔައީ، ބޮޑެތި މީހުންގެ ޕެރޭޑްތައް ވެސް ކުރިއަށް ގެންދިޔަ ގޮތަށް ހަދިޔާ ގޭގޭގެ ކުރިމަތީގައި ހާއްސަ ހުށަހެޅުންތަކެއް ބާއްވާ، އިހްތިރާމާއިއެކު މި ހަދިޔާތަކާއި ހަވާލުވާ އުސޫލުންނެވެ.

ދަރަވަންދޫ ކުޑަކުދިންގެ މާލި ޕެޜޭޑްގައި ބައިވެރިވި މާލިތަކެއް ---- ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސް

ލޯބިލޯބި ތަފާތު އެލި ވައްތަރުގެ ކުދި މާލިތަކަށް މަގުތަކަށް ކުޅިބަލަން ނުކުތް ގިނަ ބަޔަކު ދިޔައީ ތަރުޚީބު ދެމުންނެވެ.

ކުޑަކުދިންގެ މާލި ޕެރޭޑްގައި ގިނަ އަަދަދެއްގެ މާލި ބައިވެރިކޮށްފައިވެއެވެ.

ދަރަވަންދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ކުޑަކުދިންގެ މާލި ޕެރޭޑެއް ވަކިން ބާއްވަން ނިންމީ، ޕެރޭޑް ކުރިއަށްގެންދާ ގޮތުން، ކުޑަކުދިން ބޮޑެތިމީހުންނާ މަސްހުނިކޮށްގެން ކުރިއަށްގެންދާ ނަމަ ދަތިތަކެއް ހުންނާނެތީއެވެ.

މީގެ ކުރީގެ އަހަރުތަކުގައި ބޮޑެތި މީހުންގެ މާލި ޕެރޭޑްތައް ކުރިއަށް ގެންދިޔައީ ކުޑަކުދިން ވެސް ޝާމިލުކޮށްގެނެވެ.

މި ހަރަކާތް ވެސް ވީޓީވީން ވަނީ ވަގުތުން ދުރައްދައްކާފައެވެ.

މިރޭ 09:00ގައި މި ރަށުގެ އެންމެ ހާއްސަ އެއް ކުޅިވަރު ކަަމަށްވާ "ބޮޑުމަސް ބޭނުން" އޮންނާނެއެވެ. މި ހަރަކާތް އޮންނާނީ ރަސްގެއޮޑި އަތިރިމަތީގައެވެ.

އިތުރު ފޮޓޯ:

ދަރަވަންދޫ ކުޑަކުދިންގެ މާލި ޕެޜޭޑްގައި ބައިވެރިވި މާލިތަކެއް ---- ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސް
ދަރަވަންދޫ ކުޑަކުދިންގެ މާލި ޕެޜޭޑްގައި ބައިވެރިވި މާލިތަކެއް ---- ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސް