ކުރުފަލިޖެހުމާއި ބޮޑުބެރާއި ދަނޑިޖެހުން މިހެން ގޮސް ސަޤާފީ އެތައް ކުޅިވަރެއްގައި ބ. އަތޮޅުގައި އެންމެ ވިދާލި އެއް ބަަޔަކު ނިސްބަތްވާ ދަރަވަންދޫގައި މިއަހަރުގެ ޢީދުގެ މުނާސަބަތުގައި ކުރުފަލިޖެހުމާއި މަންގަލަންދަނޑި ޖެހުން ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު ދަރަވަންދޫ ރަސްގެއޮޑި އަތިރިމަތީގައި، އަންހެނުންގެ ކުރުފަލިޖެހުން ކުރިއަށް ގެންގޮސްފައިވާއިރު، ކުރުފަލިޖަހާފައިވާ ލަވަތަކުގެ ޅެން ތައްޔާރުކޮށްފައި ވަނީ މިރަށު މީހުންނެވެ. ކުރުފަލިޖެހުމަށް ޢީދުގެ ކުރިން ރަށުގެ ފިރިހެންވެރިން ވަނީ އޮޑިއެއްވެސް ބަނދެފައެވެ. ކުރުފަލިޖެހުން އޮތީ އެ އޮޑީގައެވެ.

އެއަށް ފަހު ދެން އޮތީ ފިރިހެނުންގެ މަންގަލަންދަނޑިޖެހުމެވެ. މިއީ ދިގު ދަނޑިތަކެއް ހިފައިން ނަށާ ނެށުމަކަށް ދަރަވަންދޫގައި ކިޔާ ނަމެކެވެ،

ރާއްޖޭގެ ބައެއް ރަށްރަށުގައި މި ނެށުމަށް ދިގުދަނޑިޖެހުން ވެސް ކިޔާ އުޅެއެވެ. މަންގަލަންދަނޑި ޖަހާފައި ވަނީވެސް އަމިއްލަ ޅެމަށް ތައްޔާރުކޮއްފައިވާ ދަރަވަންދޫއަށް ހާއްސަ ލަވަ ތަކަކަށެވެ.

މި ލަވަތަކުގައި ދަރަވަންދޫ މީހުންގެ މެހެމާންދާރީއާއި ރަށުގެ ފަތުރުވެރިކަން އަދި އިޖުތިމާޢީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ.

މި ދެ ހަރަކާތަށް ތަރުޚީބު ދިނުމަށްވެސް ގިނަ ބަޔަކު ރަސްގެއޮޑި އަތިރިމައްޗަށް ޖަމާވިއެވެ.

މަގޭ ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ފިރިހެނުންގެ މަންގަލަންދަނޑި ---- ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސް

ޢީދުގެ އެންމެ ފަހު ހަރަކާތްތައް ދަރަވަންދޫގައި ކުރިއަށް ދާއިރު، މިރޭ އޮންނާނީ އެންމެ ހާއްސަ އެއް ކުޅިވަރު ކަމަށް ދަރަވަންދޫގެ ރައްޔިތުން އިއްތިފާގުވާ ބޮޑުމަސް ބޭނުމެވެ. މިކަން ދަރަވަންދޫގައި ކުރާ ގޮތް ވަރަށް ތަފާތުވާނެ ކަމަށް ބުނެއެވެ.

ދަރަވަންދޫ މަގޭ އީދުގެ ހަރަކާތްތައް ވީޓީވީގެ ބެލުންތެރިންނަށް ގެނެސްދިނުމަށް ހާއްސަ ޓީމެއް ވަނީ މިރަށުގައި ސްޓޭޝަން ވެފައެވެ. ވީނިއުސްރޫމްގެ ދެގަޑި ސުންމިނެޓްގެ ޚަބަރުވެސް ގެނެސްދެމުން އަންނީ މިރަށުގައި ގާއިމުކޮށްފައި ހުރި ވީޓީވީގެ ސްޓޫޑިއޯއިންނެވެ.

މަގޭ ޢީދުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން މާދަމާ ހަވީރު ޕެރޭޑެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕެރޭޑް ކުރިއަށްދާނީ ރަށުގެ ބޮޑެތި މަގުތަކުގައެވެ.

މި އަހަރުގެ އަޟްހާ ޢީދު އެންމެ ފޯރިގަދަކޮށް ފާހަގަކުރި އެއް ރަށަށް މިރަށް ވާނެކަން ޔަގީނެވެ.