ބ. ދަރަވަންދޫ އަކީ އެއްގޮތަށްވުރެ ގިނަ ގޮތްތަކުން ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތު، ހާއްސަ ގޮތްތަކެއް ގެންގުޅޭ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. މެހެމާނުންނަށް ކަމޭހިތުމާ، ރިވެތި އަޚްލާގާ، ސާދާ ދިރިއުޅުމެއް އުޅެމުންދިޔުމުގެ އިތުރުން، ރަށަށް ލިބިފައިވާ ގުދުރަތީ ރީތިކަމަކީވެސް މިރަށް ހާއްސަވާ ސަބަބެކެވެ.

އެހެންނަމަވެސް މި ހުރިހާ ކަމެއްގެ އިތުރުން، ރަށަަށް ލިބިފައިވާ ގުދުރަތީ ރީތިކަން ދަމަހައްޓާ، ރަށުގެ ވެއްޓަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަކީ، މިރަށް ހާއްސަވާ އެންމެ ބޮޑު އެއް ސަބަބެވެ. ވެރިރަށް މާލެއާ، އަތޮޅުތެރޭގެ އެހެން ރަށްތަކާއި އަޅާ ބަލާއިރުވެސް، ދަރަވަންދޫ ފެނިގެންދަނީ ވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމުގައި ލާމަސީލު ބައެއްގެ ގޮތުގައެވެ.

ދަރަވަންދޫގެ މަގެއް- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން މިރަށުގައި ލޯކަލް ޓުއަރިޒަމް ތައާރަފްކުރިފަހުން، މިވީ މުއްދަތުގައި ރަށުގެ ފަތުރުވެރިކަމަށް ލިބިފައިވާ ކުރިއެރުމުގެ އަސްލަކީވެސް، ރަށު ރައްޔިތުންގެ ސާދާ ދިރިއުޅުމާއި، ހިތްހެޔޮކަމުގެ އިތުރުން ރަށުގެ ވެށީގެ ސާފުތާހިރުކަން ކަމަށްވެސް ވެދާނެއެވެ.

މަގޭ ދަރަވަންދޫ މޮނިއުމެންޓް --- ވީނިއުސް ފޮޓޯ: ޒިދާން މުަހައްމަދު

"ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ހުސާމިން ވިދާޅުވީ، ރަށުގެ މަގުތައް ކުނިކެހުމުގެ މަސައްކަތް ކުރަނީ ރަށު ކައުންސިލުން ކަމަށެވެ. މީގެކުރިން ކޮންޓްރެކްޓު އުސޫލުން މި މަސައްކަތް ބަޔަކާ ހަވާލުކުރިނަމަވެސް، އެންމެ އެދެވޭ ނަތީޖާއެއް ނުފެންނާތީ، ފަހުން ކައުންސިލުން މުވައްޒަފުން ނަގައިގެން މި މަސައްކަތް ކުރަން ފެށީކަމަށް ހުސާމިން ވިދާޅުވިއެވެ.

މީގެއިތުރުން ހުސާމިން ވިދާޅުވީ، ރަށެއް ސާފުތާހިރުކޮށް އޮތުމުގެ ސިއްރަކީ ރަށުގެ ރައްޔިތުން ހޭލުންތެރިވުން ކަމަށެވެ. އެގޮތުން މަގުތައް ސާފުތާރިހުކޮށް ބޭއްވުމަށްޓަކައި ރަށުގެ ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކުރަމުންދާކަން ހުސާމިން ފާހަގަކުރެއްވިއެވެ. އަދި ހާއްސަކޮށް މި ރަށަކީ ފަތުރުވެރިކަން ފައްކާވަމުން އަންނަ ރަށަކަށްވެފައި، އަދި ގިނަބަޔަކު އަރާ ފައިބާ ރަށަކަށްވުމުން، ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންވެސް ހާއްސަ ސަމާލުކަމެއް ދޭކަން ހުސާމިން ފާހަގަކުރެއްވިއެވެ.

ދަރަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ހުސާމިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ހުސާމިންގެ ވާހަކައިގައި ފާހަގަކުރެއްވިހެން، ތިމާ ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ. އެގޮތަށް ދެކިގެން، އެކަން ހާސިލްކުރަން މަސައްކަތްކުރާނަމަ، ކޮންމެ ރަށަކީވެސް، ވެށި ސާފުތާހިރުތަނެއްގެ ގޮތުގައި ދެއްކުމުގައި ލާމަސީލު ބަޔަކަށްވާނެކަން ޔަގީނެވެ.

ރާއްޖޭގެ ވެރިކަން ކުރާ ފުރަ މާލޭގައިވެސް މަގުމަތި ސާފުތާހިރުކޮށް ބޭއްވުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަންނަނީ ކޮންމެ ރެޔަކުވެސް މުޅި މާލޭގެ މަގުތައް ކުނިކަހާ ސާފުކުރަމުންނެވެ. އެހެންނަމަވެސް ޖެހިގެން އަންނަ ދުވަހު ވެމްކޯގެ މުވައްޒަފުން ކުނިކަހަން ނުކުންނައިރު، ހަމަ ކުރީ ރެއެކޭ އެއްވަރަށް ނުވަތަ އެއަށްވުރެ ގިނައިން މާލޭގެ މަގުތަކުގައި ކުނި ހުންނަކަމީ ދެރަ ހަގީގަތެވެ.

ސާފުތާހިރުކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ނުހަނު ބާރު އަޅާފައިވާ ކަމެކެވެ.

ހަށިގަނޑާއި ފޭރާމާއި ދިރިއުޅޭ ތަނާއި ތިމާގެ ވަށައިގެންވާ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން މުހިންމުވާ އެންމެ ބޮޑު ސަބަބަކީ ﷲ ގެ ލޯބި ހޯދުމެވެ. إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (ބަޤަރާ: 222) މާނަ: "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." ވީމާ، ސާފުތާހިރުކަމާމެދު އެކަށީގެންނުވާ ކަންތައްތަކެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވަމާ ހިނގާށެވެ! އެކަމުގެ މައްޗަށް ދެރަވެ، އެކަންކަން ހުއްޓާލައި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރީމައި ތައުބާ ވެވުނީއެވެ. އޭރުން ﷲ ގެ ލޯބި ލިބޭނެކަން ޔަގީނެވެ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތަށް އުޅޭ މީހުންދެކެ މީސްތަކުންވެސް ލޯބިވާނެކަން ހަނދާންކުރާށެވެ!

ވެށީގެ ސާފުތާހިރުކަން ބެލެހެއްޓުމަކީވެސް ހާއްސަ ސަމާލުކަމެއް ދީގެން ކުރަންޖެހޭނެ ކަމެކެވެ. މިކަމުގައި މައިންބަފައިން ނަމޫނާ ދައްކައި ދަރިންވެސް އެކަމަށް އަހުލުވެރިކުރުވަންޖެހޭނެއެވެ. ކުނި އުކާލަންޖެހޭނީ އެކަމަށްޓަކައި ހާއްސަކޮށްފައި ހުންނަ ތަނަށެވެ. ތިމާގެ ގޭގައި އުފެއްދި ކުނިތަކެއް ތަނެއްގައި ބަހައްޓައިގެން އެޔާ އެއްވެސް ގުޅުމެއްވެސްނެތް ބަޔަކު ލައްވައި ނަގުވަން ޖެއްސުމަކީ ކިހައި ދަށު ދަރަޖައިގެ ކަމެއްހެއްޔެވެ؟ ކުނިވާޒާތުގެ ތަކެއްޗާއި އެނޫން ތަކެތި އެޅުމަށް ވަކި ތަންތަން ހުރިނަމަ ކުނި އުކާލުމުގައި އެކަމަށް ބަލަންޖެހޭނެއެވެ.

މިފަދަ އެތައް ކަމެއްގައި ދަރަވަންދޫ ރައްޔިތުންނަކީ ތައުރީފު ހައްގު، ލާމަސީލު ބައެކެވެ.