އެކްޓަރު ޖޯން އަބްރަހަމް ޑައިރެކްޓަރު ޝިވާމް ނަޔަރުގެ ކުރިޔަށްއޮތް ފިލްމަށް ސޮއިކޮށްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޑައިރެކްޓަރު ޝިވާމް ނަޔަރުއަކީ ކާމިޔާބު ފިލްމު "ނާމް ޝަބާނާ" އަދި ވެބް ސީރީސް "ސްޕެޝަލް އޮޕްސް" ގެ ޕްރޮޑިއުސަރެވެ.
ފިލްމަށް ވަކި ނަމެއް ހަމަޖެހިފައިނުވާއިރު މިފިލްމު އުފެއްދުމަށް ނިންމާފައިވަނީ ޝިވާން ނަޔަރުގެ ފިލްމު ކުންފުނި ވަކާއޫ ފިލްމްސްގެ ދަށުންނެވެ.
އެކްޓަރު ޖޯން އަބްރަހަމްއަކީ އެކްޝަން ފިލްމުތައް ކުޅެ ބެލުންތެރިންގެ މެދުގައިވެސް އެކްޝަން ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރެއްކަމުން މިފިލްމު އުފައްދާނީވެސް އެފަދަ ގޮތަކަށް ވިސްނުން ބަހައްޓައިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ފިލްމާބެހޭ ތަފްސީލު ހާމަކޮށްފައި ނުވީނަމަވެސް އެކްޓަރު ޖޯންވަނީ މިފިލްމަށް ވަގުތު ދެވޭނެކަހަލަ ގޮތަކަށް އޭނާގެ ޝެޑިއުލްވެސް ވަކިގޮތަކަށް ހަމަޖައްސާފައެވެ.
ޖޯންގެ ފިލްމުތަކުގެތެރެއިން ރިލީޒްވުމަށް ތައްޔާރުވެފައިވާ ފިލްމު "އެކް ވިލަން" ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ވާހަކަދައްކަމުން އެކްޓަރު ބުނެފައިވަނީ، އޭނާގެ ކުރިޔަށް އޮތް ފިލްމު "ތެހެރާން" ގެ ޝޫޓިންގް ވަރަށް އަވަހަށް ފަށާނެ ކަމުގައެވެ. އެހެންކަމުން ޕްރޮޑިއުސަރު ޝިވާމްގެ މިފިލްމަށް އޭނާއަށް ވަގުތު ދެވޭނީ ފިލްމު "ތެހެރާން" ގެ ޝެޑިއުލް އެއްކޮށް ނިންމާލެވުމުންނެވެ.
އަރުން ގޯޕާލްގެ "ތެހެރާން" އަށްފަހު މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް ޖޯންގެ ޝެޑިއުލް އުޅެނީ ވަރަށް އަވަދިނެތިއެވެ.
ގިނަ ފިލްމީ ޕްރޮޖެކްޓަތަކުގައި އަވަދިނެތި އުޅޭ އެކްޓަރުގެ ކުރިޔަށް އޮތް ތްރިލާ ފިލްމު "ޕަތާން" އަކީ ބެލުންތެރިން އެފިލްމަކަށް އިންތިޒާރުކުރާ އެއް ފިލްމެވެ.
ޔާޝް ރާޖްގެ މިފިލްމަކީ އެކްޓަރު ޝާހްރުކް ޚާންއާއި ބަތަލާ ދިޕިކާ ޕަދުކޯން ވަރަށް ވަރުގަދަ ރޯލްތަކުން ފެނިގެންދާނެ ފިލްމެކެވެ.
ފިލްމު "ޕަތާން" ގެ އިތުރުން ޖޯންވަނީ މަޅަޔާލަމް ފިލްމެއްގެ ރިމޭކްއެއް ހެދުމުގެ ވިސްނުންވެސް އެބަހުރިކަމަށް ބުނެފައެވެ. އަދި އޭނާވަނީ ފިލްމުގެ ކޮޕީ ރައިޓްވެސް ގަނެފައެވެ. އެހެންކަމުން މިއީވެސް އޭނާގެ ބަކެޓް ލިސްޓުގައި ހިމެނިފައިވާ މުހިއްމު އެއް ޕްރޮޖެކްޓެވެ.