ބ. ދަރަވަންދޫގައި އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ގިނަބައެއްގެ ތަރުޚީބު ލިބިގެންދިޔަ ހަރަކާތް ކަމުގައިވާ ބޮޑުމަސް ބޭނުމުގެ ކުޅިވަރުވެސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިއާއެކު މިފަހަރުގެ ޢީދާ ގުޅުވައިގެން ދަރަވަންދޫގައި ކުރިއަށް ގެންދަން ތާވަލުކުރި މައިގަނޑު ހުރިހާ ހަރަކާތެއް މިހާރު މިވަނީ ނިމިފައެވެ. އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އޮތީ ޕެރޭޑެވެ.

ދަރަވަންދޫ ރަސްއޮޑިގެ އަތިރިމަތީގައި ދޮން މޮހޮނާއި މިއަރުގެ ވާހަކަ އަސްލަކަށް ބަލައިގެން ބޮޑުމަސް ބޭނުމުގެ ކުޅިވަރު ކުރިއަށް ގެންދިޔައިރު، ބޮޑު މަސް ބޭނުމާ ހަމައަށް މި ކުޅިވަރުގެ ބައިވެރިން ގެންދިޔައީ ދޮން މޮހޮނާ މިޔަރުގެ ވާހަކަ ތަމްސީލެއްގެ ގޮތުގައި، ރަސްގެ އޮޑި އަތިރިމައްޗަށް އެއްވެތިބި ފަރާތްތަކަށާއި، ވީޓީވީ މެދުވެރިކޮށް މި ކުޅިވަރު ބަލަމުންދިޔަ ފަރާތްތަކަށް ގެނެސްދީފައެވެ.

ބޮޑުމަސް ބޭނުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ގާތްގަނޑަކަށް ދެ ގަޑީރަށް މި ކުޅިވަރު ކުރިއަށް ގެންދިޔައިރު، އެ ސަރަހައްދަށް އެއްވެތިބި ފަރާތްތަކުގެ ބޮޑު ތަރުޚީބެއް މި ކުޅިވަރަށް ލިބިގެންދިޔައެވެ.

ބޮޑުމަސް ބޭނުމުގެ ކުޅިވަރާ ބެހޭގޮތުން "ވީނިއުސް" އާއި ވާހަކަދައްކަވަމުން މި ތަމްސީލުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރި އަދި ދަރަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ހުސާމިން ވިދާޅުވީ، މިފަހަރުގެ ބޮޑުމަސް ބޭނުމުގެ ކުޅިވަރު ކުރިއަށް ގެންދަން އެންމެ ފުރަތަމަވެސް ނިންމާފައިވަނީ އެހެން ފަހަރުތަކާ ތަފާތުކޮށް ކަމަށެވެ. އެގޮތުން މިފަހަރު ބެލީ ނެރޭޝަން މަދުކޮށް ޑައިލޮގް ބައި ބޮޑުކުރަން ކަމަށާއި، މިކަމުގައި ރަށުގެ ޒުވާނުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި މިފަހަރުގެ ބޮޑުމަސް ކުޅިވަރުގައި، "ހެއްވާ ހަސަންބެ"ގެ ރޯލު ކުޅުނު އަލިބެ މެނުވީ ދެން މި ކުޅިވަރުގައި މިފަހަރު ފެނިގެންގޮސްފައިވަނީ މުޅިން އައު ފަރާތްތައްކަން ހުސާމިން ފާހަގަކުރެއްވިއެވެ.

ބޮޑުމަސް ބޭނުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ހުސާމިން ވިދާޅުވީ މިފަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތަކަށް ތައްޔާރުވާން ފެށީއްސުރެ އެންމެ ފުރަތަމަވެސް ފެށީ ބޮޑުމަސް ބޭނުމުގެ ކުޅިވަރަށް ތައްޔާރުވުމުގެ މަަސައްކަތް ކަމަށެވެ. މިކަމުގައި ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށާއި، އެކަމަށްޓަކައި ހުރިހާ ރައްޔިތުންނަށްވެސް ކައުންސިލްގެ ނަމުގައި ހާއްސަ ޝުކުރެއް ހުސާމިން ވަނީ އަދާކޮށްފައެވެ.

އަދި މަގޭ ޢީދުގެ ނަމުގައި 6 ދުވަހަށް ދިގުދެމިގެންދިޔަ މި ހުރިހާ ހަރަކާތެއްވެސް އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދިއުމުގައި އާއި، އެކަންކަމަށްޓަކައި ވާން ޖެހުނު ތައްޔާރީތަކުގައި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުންނާއި މާލޭގައި ދިރިއުޅޭ ރަށު ރައްޔިތުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބުނުކަން ހުސާމިން ފާހަގަކުރެއްވިއެވެ.

ބޮޑުމަސް ބޭނުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ދަރަވަންދޫގައި ކުރިއަށް ގެންދިޔަ މައިގަނޑު ހުރިހާ ހަރަކާތެއްވެސް ނިމިފައިވާއިރު، މި ހުރިހާ ހަރަކާތެއްގައިވެސް ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި، އެހީތެރިކަން ފެނިގެންދިޔައެވެ. ކުޅިވަރުތައް ކުޅުމުގައި އަމަލީ ގޮތުން ބައިވެރިވުމުގައި އާއި، ހަރަކާތްތަކުގެ ތައްޔާރީތަކުގައި ކުރި މަސައްކަތްތަކުގެ އިތުރުން ކުޅިވަރުތަކާއި ހަރަކާތްތައް ބެލުމުގައިވެސް ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރި އެއް ރަށަކީ ދަރަވަންދޫއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރަށުގައި ޢީދަށް ހާއްސަކޮށް "މަގޭ ޢީދު"ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު އޭގެ ތެރޭގައި ސްޓޭޖް ޝޯ ތަކާއި، ސަގާފީ އެކި ކުޅިވަރުތަކުގެ އިތުރުން، ދަރަވަންދޫއަށް ހާއްސަ އެތައް ކުޅިވަރަކާ ހަރަކާތެއްވެސް ހިމެނެއެވެ.